10 ޖޫން 2018 - 08:20

ކައިވެންޏަށް ފަހު، ކުޅޭނެ ފިލްމެއް ނުލިބޭނެ ކަމަށް ވަަރަށް ގިނަ މީހުން ބުނި ކަމަށާއި އެކަމަކު ކައިވެންޏަށް ފަހު ވެސް އެކަން އެހެން ނުވާކަން ސާބިތުކޮށް ދެވިއްޖެ ކަމަށް، މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.
ކަރީނާ އާއި ސައިފް އަލީ ހާން 2012 ގައި ކައިވެނި ކުރުމަށް ފަހު، ވެސް ކަރީނާ ވަނީ ހުއްޓުމެއް ނެތި ފިލްމް ކުޅެފަ އެވެ. އޭގެ ތެރޭގައި "ތަލާޝް"، ސަތިޔަގްރަހާ، ބަޖިރަންގީ ބައިޖާން އަދި ކީ އެންޑް ކާ ފަދަ ފިލްމްތައް ހިމެނެ އެވެ.
އަލަތު ދަރިފުޅު ތައިމޫރް ވިހެއުމަށް ފަހު، އޭނާ ކުޅުނު ފުރަތަމަ ފިލްމް "ވީރޭ ދީ ވެޑިން" މި މަހުގެ 1 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި އަންނަނީ ބޮޑު ކާމިޔާބީއެއް ވެސް ހޯދަމުންނެވެ.
އެ ފިލްމްގެ ކާމިޔާބީ އަށް އިޝާރާތްކޮށް، ކަރީނާ ބުނި ގޮތުގައި ކައިވެންޏަށް ފަހު ކުޅޭނެ ފިލްމެއް ނުލިބޭނެ ކަމަށް އޭނާގެ ވަރަށް ގާތް މީހުން ވެސް ބުނެފައިވެ އެވެ.
"އެކަމަކު އަހަންނަށް މިހާރު އެކަން ބަދަލު ކުރެވިއްޖެ. ކައިވެނިކޮށް ދަރިން ލިބޭ ފަހުން ވެސް ބަތަލާއިންނަށް ކުރިއަށް ނުދެވެންވީ ސަބަބެއް ނެތް،" އިންޑިއާގެ އެންމެ ވަރުގަދަ ފިލްމީ އާއިލީ ކަމަށްވާ ކަޕޫރް އާއިލާ އަށް ނިސްބަތްވާ ކަރީނާ، 37، ބުންޏެވެ.
އޭނާ ބުނި ގޮތުގައި ވަރަށް ގިނަ ފިލްމްތަކުން އަންނަނީ މިހާރު ވެސް ހުށަހެޅުންތައް ލިބެމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމަކާއި ޝާހްރުކް ހާން ކުޅޭ، އެސްޓްރޮނޯޓް ރާކޭޝް ޝަރްމާގެ ބައޮގްރިފިކަލް ޑްރާމާ "ސެލިއުޓް" ގެ ބަތަލާގެ ރޯލަށް ކަރީނާ ވަނީ ސޮއިކޮށްފަ އެވެ.
"އަހަރެން ދެން ފިލްމެއްގެ މަސައްކަތް ފަށާނީ އަންނަ ޖެނުއަރީގައި. ވަރަށް އަވަހަށް އެ ފިލްމް އިއުލާން ކުރާނެ،" އޭނާ ބުންޏެވެ. "މިހާރު ފިލްމްތަކަށް ވަގުތު ދޭން ބޭނުން ވަނީ ދަރިފުޅަށް ވަގުތު ދެވޭ ގޮތަށް. ސައިފް ބިޒީކޮށް އުޅޭ އިރު އަހަރެން ހުންނާނެ ތައިމޫރުގެ ކައިރީގައި. އަދި އަހަރެން ބިޒީ ކަމަށް ވަންޏާ ސައިފް ދަރިފުޅަށް ވަގުތު ހުސްކުރާނެ. އެގޮތަށް ބެލެންސްކޮށްގެން ކުރިއަށް ދެން ދާނީ."
ކައިވެނިކޮށް، ދަރިން ވެސް ލިބުމަށް ފަހު، އަދިވެސް ފިލްމް ކުޅޭ މަޝްހޫރު ބަތަލާއިންގެ ތެރޭގައި މަދޫރީ ޑިކްސިޓް، އައިޝްވާރިޔާ ރާއީ ފަދަ ތަރިން ހިމެނެ އެވެ. އަދި ކައިވެނިކޮށް ވެސް ކާމިޔާބުކޮށް ކުރިއަށް ގެންދާ ތަރިންގެ ތެރޭގައި އަނުޝްކާ ޝަރްމާ އާއި ސޯނަމް ކަޕޫރް ފާހަގަކޮށްލެވެ އެވެ.