ސްޓާޓް ރެފްރީގެ މަގާމާ އެކު މުންތަގިމަށް ބޮޑު ޝަރަފެއް
ސްޓާޓް ރެފްރީގެ މަގާމާ އެކު މުންތަގިމަށް ބޮޑު ޝަރަފެއް

ޖަޕާނުގެ ޖިފޫގައި މިހާރު ކުރިއަށްދާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ސްޓާޓް ރެފްރީކަންކޮށް އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވެއްޖެ އެވެ.

އެހެންވެ މިހާރު މުންތަގިމަކީ އޭޝިއާ މުބާރާތެއްގެ ޓެކްނިކަލް އޮފިޝަލްކަންކުރުމުގެ ފުރުސަތު ދިވެހި އޮފިޝަލްގެ އިތުރުން ސްޓާޓް ޑިޕާޓްމަންޓުގެ އެންމެ އިސް މަސްއޫލިއްތަޔު ކަމަށްވާ ސްޓާޓް ރެފްރީގެ މަގާމް ބައިނަލްއަގްވާމީ އެއްވެސް މުބާރާތެއްގައި ފުރި ފުރަތަމަ ދިވެއްސަށެވެ.

އޭނާ އަށް މި ފުރުސަތު ލިބުނީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް ދޭއްގެ ރެފްރީ ފާސް މިދިޔަ އަހަރު ހާސިލްކުރުމުންނެވެ. މުންތަގިމަކީ ލެވެލް ދޭއްގެ ރެފްރީ ފާސް ހާސިލްކުރި ފުރަތަމަ ދިވެއްސެވެ. އޮލިމްޕިކްސް އާއި ވޯލްޑް ޗެމްޕިއަންޝިޕް ފަދަ ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުން ފުރުސަތު ލިބެނީ ލެވެލް އެކެއްގެ ފާސް ހާސިލްކުރުމުންނެވެ. ލެވެލް އެކެއްގެ ކޯސް ދެން އޮންނާނީ 2020 ވަނަ އަހަރެވެ.

މީގެ ކުރިން ސައުތު އޭޝިއަން ގޭމްސް އާއި ސައުތު އޭޝިއަން ޗެމްޕިއަންޝިޕުގައި ޓެކްނިކަލް އޮފިޝަލުންގެ ގޮތުގައި މުންތަގިމްގެ އިތުރުން ޔަޒްނީ ނަޝީދާ (ޔަޒޫ) އާއި އަހުމަދު އަޒީލް އަދި މުހައްމަދު އާމިރު ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވަނީ ސައުތު އޭޝިއަން ގޭމްސްގެ ޖޫރީ ޕެނަލުގައި މަސައްކަތްކޮށްފަ އެވެ. މުންތަގިމް މި ފަހަރު މި އަދާކުރީ ޓެކްނިކަލް އޮފިޝަލުންގެ މައްޗަށް އެކުލެވޭ ޑިޕާޓްމަންޓުގެ އެންމެ އިސް މަގާމެވެ. ރޭސް ފަށައި އަދި ފައުލްތައް ނިންމައި ހުރިހާ ކަމެއް ކުރާނީ އޭނާގެ ބެލުމުގެ ދަށުންނެވެ.

އައްޑޫ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި 1996 ވަނަ އަހަރު އެންމެ ފުރަތަމަ އޮފިޝަލްކުރަން ފެށި މުންތަގިމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެތުލެޓިކްސް ރެފްރީ އެވެ. ސްޕޯޓްސް ޑިވިޝަނުގައި 1995 ވަނަ އަހަރު ވަޒީފާއަދަކުރަން ފަށައި 1999 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގައި މަސައްކަތްކުރަމުން އަންނައިރު އޭނާ އަކީ 2008 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އެވެ. މިއީ އޭނާ އެ މަގާމް ފުރަމުން އަންނަ ތިން ވަނަ ދައުރެވެ.

ރާއްޖޭގެ ރެފްރީންނާއި އޮފިޝަލުން އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ފަހަކަށް އައިސް ރަނގަޅު ހިސާބުތަކަށް ދަތުރުކުރަމުންނެވެ. އެންމެ ފުރަތަމަ ބޮޑު ޝަރަފެއް ހޯދީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ލައިންސްމަންކަން ކުރި ރާއްޖޭގެ މުހައްމަދު ސައީދެވެ. ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަހުމަދު ޝިހާމް (ޕުޗު) އޮފިޝަލްކޮށްފައިވާއިރު 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި އަލީ އަބްދުލް ކަރީމް (ޒޯލާ) ވަނީ އޮފިޝަލްކަންކޮށްފަ އެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ރާއްޖޭގެ ރެފްރީ ރިލްވާން އާދަމް އޮފިޝަލްކަންކޮށްފައިވާއިރު 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ރާއްޖޭގެ އަހުމަދު ޝާހިރު ވަނީ މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ.