10 ޖޫން 2018 - 08:26

އިސްޓަގްރާމް އަޕްގްރޭޑް ކުރަން ގެންނަ ބަދަލުތަކާ އެކު، ފޭސްބުކް ނޮޓިފިކޭޝަން، އިސްޓަގްރާމަށް ލިބޭ ގޮތަށް ހަދައި، އެ ފީޗާ އާންމުކުރަން ތައްޔާރުވެއްޖެ އެވެ.
މިކަން އިސްޓަގްރާމުން ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މިހާރު ވެސް ޓެސްޓިން މަރުހަލާގައި އޮތް މި ފީޗާ ވަނީ އިސްޓަގްރާމް ބޭނުންކުރާ ބައެއް މީހުން ތަޖުރިބާކުރަން ފަށައިފަ އެވެ.
އެއާ އެކު ބައެއް މީހުން ބުނެފައި ވަނީ ފޭސްބުކް ނޮޓިފިކޭޝަން އިސްޓަގްރާމަށް އައުމަކީ އެހާ ގަޔާވާ ކަމެއް ނޫން ކަމަށެވެ. އެކަމަކު އެއް ބަޔަކަށް ފީޗާ ވަރަށް ކަމުދިޔަ އެވެ. އެއީ ފޭސްބުކަށް ވަދެ ނުލައި އޭގައި ވާނުވާ އެނގޭނެ ކަމަކަށްވާތީ މިއީ ލުއެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
މިހާރު ދުނިޔޭގެ އެންމެ މަގުބޫލް އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމަކީ ފޭސްބުކްގެ ދަށުން ހިންގާ އެއްޗެކެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިސްޓަގްރާމަށް މި ގެނައި، ބަދަލަކީ މި ފަހުން ފޭސްބުކަށް އޮތް މަގުބޫލުކަން ކުޑަވާން ފެށުމުން ގެނައި ބަދަލެކެވެ.
އީމާކެޓާ އިން ދާދި ފަހުން ހެދި ދިރާސާއެއް ދައްކާ ގޮތުން ފޭސްބުކް ބޭނުންކުރާ އުމުރުން 25 އަހަރުން ދަށުގެ މީހުންގެ އަދަދު މި އަހަރުގެ ތެރޭގައި 2 މިލިއަނަށް ދަށްވާނެ އެވެ.