ދެ ދުވަސް ތެރޭ ހިމްނާ ދެ ރެކޯޑް މުގުރާލައިފި
ދެ ދުވަސް ތެރޭ ހިމްނާ ދެ ރެކޯޑް މުގުރާލައިފި

އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލިތާ ދެ ދުވަސް ތެރޭ އުމުރުން 16 އަހަރުގެ އައިޝަތު ހިމްނާ ހަސަން 200 މީޓަރު ދުވުމުގެ ޔޫތު ގައުމީ ރެކޯޑް ވެސް މުގުރާލައިފި އެވެ.

މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި 27.32 ސިކުންތުން ދުވެގެން ހިމްނާ ހެދި 200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް އޭނާ މިއަދު އާކުރީ ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ. އަންހެނުންގެ 200 މީޓަރު ދުވުމުގެ ފުރަަތަމަ ބުރުގެ ދެ ވަނަ ހީޓުގައި ދުވެ އޭނާ ރެކޯޑް ހެދީ 26.73 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އޭނާ މިދިޔަ ބުރާސްފަތި ދުވަހު އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލީ 59.76 ސިކުންތުން ދުވެގެންނެވެ. ރެކޯޑް ކުރިން އޮތީ 2010 ވަނަ އަހަރު ނިއު ދިއްލީގައި އޮތް ކޮމަންވެލްތު ގޭމްސްގައި 1 މިނެޓު 00.33 ސިކުންތުން ދުވި މިރުފަތު އަހުމަދު އަތުގަ އެވެ.

އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ހިމްނާ އަކީ އައްޑޫ ސިޓީގައި އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިއަށްގެންދާ ގައުމީ ޕޫލުގެ ދުވުންތެރިއެކެވެ. އޭނާގެ ކޯޗަކީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކޮށްފައިވާ ދުވުންތެރިޔާ ސުލްތާން ސައީދެވެ.