09 ޖޫން 2018 - 13:26

މެޑްރިޑް (ޖޫން 9) – ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމަށް މިހާތަނަށް އެއްވެސް ހުށަހެޅުމެއް އައިސްފައިނުވާ ކަމަށާއި 200 މިލިއަން ޔޫރޯ އަށް ވުރެ ކުޑަ އަގަކަށް ރެއާލް މެޑްރިޑުން އޭނާ ނުވިއްކާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރޮނާލްޑޯ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ބުނެ ފަހަކަށް އައިސް ކޮންމެ ސީޒަނެއް ނިމޭ ހިސާބުން ފެތުރޭ ވާހަކަތަކުގެ މި އަހަރުގެ ސިލްސިލާ ފަށައިދިނީ ރޮނާލްޑޯ އެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ފަހު އޭނާ ވަނީ ރެއާލް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެކަމަކު ފަހުން ރެއާލުގެ އުފާފާޅުކުރުމުގެ ޕެރޭޑުގެ ތެރެއިން ރޮނާލްޑޯ ބުނީ އޭނާ ދެއްކި ވާހަކަ ގިނަ ބަޔަކަށް ވަނީ އޮޅުން އަރާފައި ކަމަށާއި ރެއާލް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މެޑްރިޑާ އެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓް އުވާލެވޭނީ އެއް ބިލިއަން ޔޫރޯ ދައްކައިގެންނެވެ. މާނައަކީ އޭނާގެ ހުރިހާ ކޮންޓްރޯލެއް އޮތުމެވެ. ކުރިން ބެލެވިފައި އޮތީ މެޑްރިޑުން ޕީއެސްޖީގެ ނޭމާ ބޭނުންވާތީ ދެ ކުޅުންތެރިން ބަދަލުކުރަން ހުށަހަޅާފާނެ ކަމަށެވެ.
އުމުރުން 33 އަހަރުގެ ރޮނާލްޑޯ އޭނާގެ ކުރީގެ ކްލަބް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް ފެނުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މެޑްރިޑުން އެކިޔާ ވަރުގެ އަގެއް އެ އުމުރުގެ ކުޅުންތެރިއަކަށް އެއްވެސް ކްލަބަކުން ހޭދަކޮށްފާނެތޯ އެއީ ސުވާލެކެވެ.