09 ޖޫން 2018 - 13:44

ދާޚިލީ ހަނގުރާމައިގެ ސަބަބުން މިހާރު ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ޔަމަންގެ ބަނދަރު ރަށެއް ކަމަށްވާ ހުދައިދާ އަށް އިންސާނީ މުސީބާތެއް ކުރިމަތިވެދާނެ ކަމަށް އދ. މަޖިލީހުން އިންޒާރު ކޮށްފި އެވެ.
އދ. އިން ބުނި ގޮތުގައި ސައޫދީ އަރަބިއްޔާގެ ގުޅިފައިވާ ލަޝްކަރުންނާއި ޔަމަން ސަރުކާރުން ހިސާރު ކޮށްފައި އޮތް ހުދައިދާ އެ ގޮތުގައި އޮންނާން ވެއްޖެ ނަމަ، އެ ރަށުގައި ދިރިއުޅޭ އެތައް ލައްކަ ބަޔަކަށް އިންސާނީ މުސީބާތްތަކެއް ކުރިމަތިވުމަކީ ދުރު ކަމެއް ނޫނެވެ.
އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު، ލީޒް ގްރޭން ވިދާޅުވި ގޮތުގައި ހުދައިދާ އާއި އެ ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ 600،000 މީހުންގެ ކުރިމަގާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އޭގެ ތެރެއިން ވެސް ހުދައިދާގެ އެތެރޭގައި ދިރިއުޅޭ 250،000 މީހުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް އޭނާ ވިދާޅުވެ އެވެ.
ޔަމަން ސަރުކާރުން ހުދައިދާ ހިސާރު ކޮށްފައިވާ އިރު، އެ ރަށުގެ ތެރޭގައި ތިބި އިދިކޮޅު ހަނގުރާމަވެރިން ވެސް އަމާން ދޭކަށް ނޫޅެ އެވެ.
ޔަމަނަށް އެތެރެ ކުރާ މުދަލުގެ ގާތްގަނޑަކަށް 70 ޕަސެންޓް އެތެރެ ކުރަނީ ހުދައިދާގެ ބަނދަރުން ކަމަށްވާ އިރު، އެ ރަށުގެ ހިސާރު ނިމުމަކަށް ނާންނަ ނަމަ، މުޅި ޔަމަނަށް ވެސް އެކަމުގެ ނުބައި އަސަރު ވަރަށް އަވަހަށް ފޯރަން ފަށާނެ އެވެ.