09 ޖޫން 2018 - 13:08

ލަންޑަން (ޖޫން 9) – ސަތާރަ އަހަރަށް ފަހު ޔުވެންޓަސް ދޫކޮށްލި އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ނެތްތަން ފޫބެއްދުމަށްޓަކައި އެ ޓީމުން ޖެނޯއާ އަށް ކުޅޭ އިޓަލީގެ ޒުވާން ގޯލްކީޕަރު މަޓިއާ ޕެރިން ގެނެސްފި އެވެ.
ބުފޮންގެ ބަދަލުގައި މިދިޔަ ސީޒަނުގެ ބައެއް މެޗުތަކުގައި، މިދިޔަ ސީޒަނުގައި ގެނައި ޕޮލެންޑް ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ވެސް ކުުޅުނެވެ. އެކަމަކު ބެލެވޭ ގޮތުގައި އެ ޓީމުގެ އެއް ނަމްބަރު އަންގި ދޭނީ އުމުރުން 25 އަހަރުގެ ޕެރިން އަށެވެ.
ޖެނޯނާ އިން 2010 ވަނަ އަހަރު ކެރިއަރު ފަށައި ޕަޑޯވާ އާއި ޕެސްކާރާ އަށް ލޯން އުސޫލުން ވެސް ކުޅެފައިވާ ޕެރިން އަކީ އޭސީ މިލާނުގެ ޖިއަންލުއިޖީ ޑޮންނަރުއްމާ ނެގުމަށް ފަހު މި ވަގުތު އިޓަލީގައި ހުރި އެންމެ މޮޅު ކީޕަރު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ޑޮންނަރުއްމާގެ ފަހަތުން މި ވަގުތު އިޓަލީ ގައުމީ ޓީމުގެ ދެ ނަމްބަރު ކީޕަރަކީ ވެސް ޕެރިން އެވެ.
ޔުވެންޓަސް އިން އޭނާ ގަތުމަށް މި ވަގުތު 12 މިލިއަން ޔޫރޯ ހަރަދުކޮށްފައިވާއިރު އޭނާ ވަނީ އެ ކްލަބާ އެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ޔުވެންޓަސް ދޫކޮށްލި ނަމަވެސް ބުފޮން އަދި ވެސް ކުޅުން ހުއްޓައެއްނުލަ އެވެ. އޭނާގެ ކެރިއަރާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާ އިރު ބެލެވޭ ގޮތުގައި ދެން ފެންނާނީ ފްރާންސްގެ ޕީއެސްޖީންނެވެ.