09 ޖޫން 2018 - 12:30

ލެވަކޫސަން (ޖޫން 9) – ވޯލްޑް ކަޕުގެ ކުރިން ޖަރުމަން ކުޅުނު ފަހު މެޗުގައި ރޭ ސައުދީ އަރަބިއާ އަތުން 2-1 އިން މޮޅުވީ ނަމަވެސް، އެ ޓީމުގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާންއާ ސަޕޯޓަރުން ދިމާކޮށްފި އެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ގުންޑޮގާން އެރި އިރު ވެސް އަދި އޭނާގެ ފައިގައި ބޯޅަ ޖެހުނު ކޮންމެ ފަހަރަކު ވެސް ޖަރުމަން ސަޕޯޓަރުން ނުރުހުން ފާޅުކުރީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ މޭ މަހު ބައްދަލުކުރި މައްސަލައިގަ އެވެ.
ތުރުކީ ދަރިކޮޅަކަށް ނިސްބަތްވާ ގުންޑޮގާން އާއި މެސުތު އޮޒިލް ވަނީ އުރުދުގާންއާ ބައްދަލުކޮށް ޖާޒީ ހަދިޔާކޮށް އަދި އުރުދުގާން އަށް ސަޕޯޓް އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ
ޖަރުމަނާއި ތުރުކީ އަކީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތު ގައުމަކަށްވާއިރު، އުރުދުގާންއާ އެކު އޮޒިލް އާއި ގުންޑޮގާން ބޭއްވި ބައްދަލުވުމާ ގުޅިގެން ޖަރުމަނު ސިޔާސީ ފަރާތްތަކުން ވަނީ ފާޑުކިޔައިފަ އެވެ. އަދި ވޯލްޑް ކަޕަށްދާ ޖަރުމަނު ސްކޮޑުން މި ދެ ކުޅުންތެރިން ބާކީ ކުރަން ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލި އެވެ.
ހޮނިހިރު ދުވަހު އޮސްޓްރިއާ އަތުން 2-1 އިން ޖަރުމަން ބަލިވި މެޗުގައި ވެސް މި ދެ ކުޅުންތެރިންނަށް ސަޕޯޓަރުން ހަޅޭއްލެވި އެވެ. ރޭގެ މެޗުގައި ކުޑަ އަނިޔާއެއްގެ ސަބަބުން އޮޒިލް ނުކުޅެ އެވެ.
މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ޖަރުމަނު އެފްއޭގެ ރައީސް ރެއިންހާޑް ގްރިންޑެލް ވަނީ އުރުދުގާންއާ އެކު އޮޒިލް އާއި ގުންޑޮގާން ނަގާފައިވާ ފޮޓޯ އަކީ ސިޔާސީ މަންފާއެއް ނެގޭނެ ފޮޓޯއެއް ކަމަށާއި އޭގެ އިން ގޯސް ނަތީޖާތަކެއް ނުކުތުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައިފަ އެވެ.
އެކަމަކު ރޭގެ މެޗަށް ފަހު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ވަނީ ދެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ. އޭނާ ބުނީ ގައުމީ ޓީމުގެ ކުޅުންތެރިއަކަށް އެގޮތަށް ހަޅޭއްލަވައިގެން އެއްވެސް މީހަކަށް ފައިދާނުކުރާނެ ކަމަށެވެ.
"އޭނާ ފޮޓޯއެއް ނެގި. މައްސަލައެއް ނެތް އެކަމަކު އޭނާ މީޑިއާގައި އެކަމާ ވާހަކަދެއްކި އަދި ޖަރުމަނުގެ އުސޫލުތަކަށް ތާއީދުކުރާކަން ހާމަކުރި. މި މައުލޫ މިހާރު ނަގަން ވެއްޖެ،" ލޯ ބުންޏެވެ.
ލެވަކޫސަންގައި ރޭ ކުޅުނު މެޗުގެ އަށް ވަނަ މިނެޓުގައި ޓިމޯ ވާނާ ވަނީ ޖަރުމަނަށް ލީޑު ނަގައިދީފަ އެވެ. އެ ޓީމަށް ލީޑު ފުޅާވީ 43 ވަނަ މިނެޓުގައި ސައުދީ އަރަބިއާގެ އުމަރު ހަވްސާވީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ސައުދީން 84 ވަނަ މިނެޓުގައި ލަނޑު ޖަހައި ތަފާތުކުޑަކޮށް ޖަރުމަން ހާސްކޮށްލި ނަމަވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.