09 ޖޫން 2018 - 13:29

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ގައުމީ ޓީމުން ތިން އިވެންޓަކުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
އެ ހިސާބަށް ދިޔައީ އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް އިންނެވެ. އަންހެން ސިންގަލްސް ބައިން ކުއާޓާގެ ޖާގަ ހޯދީ އައިމިނަތު ޝަހުރުނާޒް މޫސާ އެވެ. ފިރިހެން ޑަބަލްސް ބައިން ކުއާޓާގައި ކުޅޭނީ މުހައްމަދު އަޖުފާން އާއި އަހުމަދު ތޯއިފްގެ ޕެއާ އަދި މުހައްމަދު ސާރިމް އަދި ނިބާލް އަހުމަދުގެ ޕެއާ އެވެ.
މިކްސް ޑަބަލްސް ބައިން ކުއާޓާގެ ފުރުސަތު ހޯދީ ތޯއިފް އާއި އައިމިނަތު ނަބީހާގެ ޕެއާ އަދި ސާރިމް އާއި ޝަހުރުނާޒްގެ ޕެއާ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މިއަދު އެވެ.
އަންހެން ސިންގަލްސް ބައިން ޝަހުރުނާޒް ކުއާޓާގެ ޖާގަ ހޯދީ ދެ ވަނަ ބުރުގައި މޮރިޝަސްގެ ޕޮޝިޓާ ލުޗޫމުން ބަލިކުުރުމަށްފަހު އެވެ. އޭނާ މޮޅުވީ 21-04، 21-05 އިން ސެޓުތައް ގެންގޮސްގެންނެވެ. މި ބައިގައި ރާއްޖޭގެ ނަބީހާ ދެ ވަނަ ބުރުން ބަލިވީ އިންޑިއާގެ ސިމްރަން ސިންހްއާ ވާދަކޮށެވެ. އަދި ފާތިމަތު ނަބާހާ ބަލިވީ މޮރިޝަސްގެ ގަނޭޝާ މުންގްރާއާ ކުޅެގެންނެވެ.
ފިރިހެން ޑަބަލްސް ބައިން އަޖުފާން އާއި ތޯއިފްގެ ޕެއާ ކުއާޓާގެ ޖާގަ ހޯދީ ދެ ވަނަ ބުރުގައި މުބާރާތުގެ ތިން ވަނަ އަށް ސީޑްކޮށްފައި އޮތް މޮރިޝަސްގެ ނެވިން ލުފޯ އާއި ކެސަވެން ވީރަޕަންގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. އަޖުފާނާއި ތޯއިފްގެ ޕެއާ ސެޓުތައް ގެންދިޔައީ 21-12، 21-08 އިންނެވެ. މި ބައިން ސާރިމް އާއި ނިބާލްގެ ޕެއާ ވަނީ ދެ ވަނަ ބުރުގައި މޮރިޝަސްގެ ހުޒައިރު އާއި ސޫގުންގެ ޕެއާގެ މައްޗަށް 21-17، 21-12 އިން ކުރި ހޯދައިފަ އެވެ.
މިކްސް ޑަބަލްސް ބައިން ތޯއިފް އާއި ނަބީހާ ކުއާޓާގެ ޖާގަ ކަށަވަރުކުރީ ދެ ވަނަ ބުރުގައި މޮރިޝަސްގެ ސަންދޭޝް އާއި މަންދިރާގެ ޕެއާގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ. ތޯއިފް އާއި ނަބީހާގެ ޕެއާ މޮޅުވީ 21-13، 21-10 އިންނެވެ. ސާރިމް އާއި ޝަހުރުނާޒްގެ ޕެއާ މޮޅުވީ މޮރިޝަސްގެ މެލްވިން އާއި ވިލީނާގެ ޕެއާގެ މައްޗަށް 27-25، 21-17 އިން ކުރި ހޯދައިގެންނެވެ.
އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ދެބެން ކަމަށްވާ ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ މިއަދު ސެމީ ފައިނަލުގައި ކުޅޭނެ އެވެ. މެއިން ޑްރޯގެ މި އިވެންޓުގައި ވާދަކުރަނީ ފަސް ޕެއާ އިންނެވެ. ނަބާހާ އާއި ނަބީހާ އަކީ މިދިޔަ މުބާރާތުގައި މި އިވެންޓުން ސެމީ ފައިނަލުގައި ކުޅެ ލޯ މެޑަލް ހާސިލްކުރި ޕެއާ އެވެ.