10 ޖޫން 2018 - 08:19

ބަލްގޭރިއާގައި ޖަނަވާރެއް ޝިކާރަ ކުރި ކަމަށް ބުނާ މައްސަލައެއްގައި، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާނަށް އެ ގައުމުން އިންޓަޕޯލް މެދުވެރިކޮށް ނޯޓިސް ފޮނުވައިފި އެވެ.
މިކަމާ ބެހޭ ގޮތުން މުމްބާއީގެ ފުލުހުން ބުނީ ސައިފްގެ ބަޔާނެއް ނަގަން ބޭނުންވެގެން އިންޓަޕޯލުން އެދިފައިވާތީ އޭނާގެ ގެއަށް ގޮސް، ބަޔާން ނެގުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބިއައި) ގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނީ ސައިފާ ބެހޭ ގޮތުން އިންޓަޕޯލުން ފޮނުވި ލިޔެކިޔުންތައް ވެސް އޭނާއާ ހަވާލުކޮށް، ބަޔާން ނެގުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
ސައިފްގެ ބަޔާން ނަގަން ބޭނުން ވަނީ ބަލްގޭރިއާ އަށް ކުރި ދަތުރެއްގައި އެ ގައުމުގެ ބަޔަކާ އެކު ވައިލްޑް ބޯ ޝިކާރަ ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރާތީ، އެކަމާ ގުޅޭ ގޮތުން އޭނާގެ ފަރާތުން މައުލޫމާތުތަކެއް ހޯދުމަށެވެ. އަދި ޝިކާރަކޮށްފައި ވަނީ ހުއްދަ ނުހޯދައި އަދި އެކަމުގެ ލައިސަންސް ވެސް ނެތި ކަމަށް ބުނެފައިވެ އެވެ.
މި ވަގުތު އަންހެނުން އަދި ބަތަލާ ކަރީނާ ކަޕޫރާއި ދަރިފުޅު ތައިމޫރާ އެކު ލަންޑަންގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ސައިފް މި މައްސަލާގައި އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މީގެ ވިއްސަކަށް އަހަރު ކުރިން ވެސް މި ކަހަލަ މައްސަލައެއްގައި އިންޑިއާގައި ސައިފަށް ދައުވާކޮށްފައިވެ އެވެ.
އެއީ 1999 ގައި ރިލީޒް ކުރި ސޫރަޖް ބަރްޖަތިއާގެ ފިލްމް "ހަމް ސާތު ސާތު ހޭ" ގެ ޝޫޓިން ޖެއިޕޫރް ނެގި ދުވަސްވަރު، ހިމާޔަތްކޮށްފައިވާ ފުއްލާތަކެއް ޝިކާރަ ކުރި މައްސަލައިގަ އެވެ.
އެ ފަހަރު ސައިފާ އެކު ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ސަލްމާން ހާން، ސޮނާލީ ބެންޑްރޭ، ތައްބޫ އަދި ނީލަމް ކޮތާރީ އަށް ވެސް ދައުވާކޮށްފައިވެ އެވެ. އަދި މި މައްސަލާގައި ސަލްމާންގެ މައްޗަށް މި އަހަރުގެ ކުރީކޮޅު ކުށް ސާބިތުވި އިރު، އެ ނޫން އެންމެން ވަނީ ސަލާމަތްވެފަ އެވެ.
ސަލްމާނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ އެކު، ދެ ދުވަހު ޖެއިޕޫރް ސެންޓްރަލް ޖަލުގައި ހޭދަ ކުރި ފަހުން ކަފާލާތުގެ ދަށުން އޭނާ ވަނީ މިނިވަންކޮށްފަ އެވެ.