09 ޖޫން 2018 - 10:19

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ މި އަހަރުގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލު ކުރާ ބައިވެރިއަކަށް އަބްދުﷲ ޒިޔާއު (ޒިޔާ) ހޮވިއްޖެ އެވެ.

އައްޑޫ މަރަދު އަށް އުފަން ޒިޔާއަކީ މޯލްޑިވިން އައިޑޮލް ސީޒަން އެކެއްގައި ވެސް ވާދަކުރި ބައިވެރިއެކެވެ. އޭނާ އެ ފަހަރު މުބާރާތުން ކެޓީ ގަދަ 16 ގެ ޕިއާނޯ ރައުންޑުނެވެ.
ލޯފަން ޒުވާނަކަސް މިއުޒިކާއި އެ ނޫން ވެސް ވަރަށް ގިނަ ކަންކަމުގައި ހަރަކާތްރެތިކޮށް ޒިޔާ އުޅެ އެވެ. އޭނާއަކީ އަމިއްލަ އަށް ރާގުތައް ހަދައި ލަވަ ކިޔަ އެވެ.
ޒިޔާ ބުނީ މި އަހަރުގެ ފެސްޓިވަލުން ފުރުސަތު ލިބުނީ އަމިއްލަ ގޮތުން އޭގައި ބައިވެރިވާން ހުޅުވައިލުމުން އޭނާ ހުށަހެޅި ލަވަ ހޮވިގެން ކަމަށެވެ.
"ދެހާސް ސޯޅައިގައި ވެސް އަހަރެން ލަވައެއް ހުށަހެޅިން. އެކަމަކު އެ ފަހަރު ފުރުސަތު ލިބޭ ގޮތެއް ނުވި. މި ފަހަރު އަނެއްކާ ވެސް މަސައްކަތްކޮށްލައިގެން ފުރުސަތު ލިބުނީމަ ވަރަށް އުފާވެފައި މި ހުރީ،" އޭނާ ބުންޏެވެ.
ޒިޔާ ބުނި ގޮތުގައި އަމިއްލަ ރާގަކަށް ހަދައި އޭނާ ހުށަހެޅި ލަވައަކީ ލޯފަން ކުދިންނަށް ހާއްސަކޮށްގެން ހެދި ލަވައެކެވެ. ލަވައިގެ ނަމަކީ "ކުރިއަށް ދާނީ ގަދަ ހިތްވަރުން" އެވެ.
މި ފަހަރުގެ ފެސްޓިވަލްގައި ރާއްޖެއާ އެކު ނުވަ ގައުމަކުން ވާދަ ކުރެ އެވެ. އޭގެ ތެރޭގައި ފެސްޓިވަލް ބާއްވާ ކަޒަކަސްތާން، އިންޑިއާ، އަފްގާނިސްތާން، މަކާއޯ، ނޭޕާލް، ތުރުކީ، ތުރުކެމެނިސްތާން އަދި ވިއެޓްނާމް ހިމެނެ އެވެ.
އޭބީޔޫގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި މި އަހަރު އޮންނާނީ އަންނަ މަހުގެ 11 ގައި ކަޒަކަސްތާންގެ އަސްޓާނާގަ އެވެ.
ޒިޔާ ފެސްޓިވަލްގައި ރާއްޖެ ތަމްސީލު ކުރާނީ އޭބީޔޫގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އާ ގުޅިގެންނެވެ.
އޭބީޔޫ ރޭޑިއޯ ސޯންސް ފެސްޓިވަލްގެ އިތުރުން، އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ވެސް ރާއްޖެ އަންނަނީ ވާދަ ކުރަމުންނެވެ.
އެގޮތުން މަރިޔަމް (ކިޑީ) އުނޫޝާ، މޫޝަން (މުންމު) މުބާރިކް، ބަތޫލް އަހުމަދު، އަހުމަދު ރަޝީދު، ލައިޝާ ޖުނައިދު އަދި ތަސްނީމް (ބޮބް) އަހުމަދު ފަދަ ބައިވެރިން ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކޮށްފައިވެ އެވެ.