09 ޖޫން 2018 - 08:56

އަޑި ޕާކް ކުރިމަތީގައި ހުންނަ، ޝެލްބީންސްގެ ބަދިގެއެއްގައި މިއަދު ހެނދުނު ގޭސް ހޮޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ

ދިހަ ބުރި އަށް އިމާރާތް ކޮށްފައިވާ ހ. ޕާކްސައިޑްގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފްލޯގައި ހިނގި މި ހާދިސާގައި އެތަނަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފަ އެވެ.

ޝެލްބީންސްގެ ބޭކަރީއަކާއި ބަދިގެއެއް ހިންގާ މި ދެ ތަނުގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް އެތަނުގައި ހުރި އެއްޗިއްސަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.
އެމްއެންޑީއެފުން ބުނީ ދިވެއްސަކާއި ދެ ބިދޭސީއަކަށް މި ހާދިސާގައި އަނިޔާވި އިރު އެތަނުން ބިދޭސީއެއްގެ 30 ޕަސެންޓް ފިހިފައިވާ ކަމަށެވެ. ގޭސް ހޮޅި ގޮވި ނަމަވެސް އަލިފާނުގެ ހާދިސާއެއް ނުހިނގަ އެވެ. ބިދޭސީ މީހާ ފިހުނު ކަމަށް ބެލެވެނީ ގޭސް ހޮޅި ގޮވި އިރު އެރި ހޫނުން ކަމަށް ބެލެވޭ ކަމަށް ސިފައިން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އަނިޔާވި ދިވެހި މީހާ އަކީ ހާދިސާ ހިނގި އިމާރާތާ ޖެހިގެން ހުރި ގެއެއްގައި ނިދާފައި އޮތް މީހެކެވެ. އެކަމަކު އޭނާ އަށް ބޮޑު އަނިޔާއެއް ނުވާ ކަމަށްވެ އެވެ.
މި ހާދިސާގައި ބާރު އަޑާއެކު، އިމާރާތުގެ ބައެއް ބިއްލޫރިތައް ތަޅައިގެން ގޮސް ވަރަށް ދުރަށް ބުރައިގެން ދިޔަ ކަމަށް ވެ އެވެ. ބިއްލޫރިތައް ފުނޑުފުނޑުވެ، ބައެއް މީހުންގެ ގަޔަށް ވެސް ހެރިފައިވާ ކަމަށް ވެ އެވެ.