ވޯލްޑް ކަޕަށް ތައްޔާރުވާން އަމިއްލަ ޖީބުން ހަރަދުކުރަނީ
ވޯލްޑް ކަޕަށް ތައްޔާރުވާން އަމިއްލަ ޖީބުން ހަރަދުކުރަނީ

ސިޑްނީ، އޮސްޓްރޭލިއާ (ޖޫން 9) - އަންނަ ބުރާސްފަތި ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އޮސްޓްރޭލިއާ ޓީމު ތައްޔާރުކުރުމުގެ ގޮތުން އެ ޓީމުގެ ކޯޗު ބާޓް ވެން މާވިކް އަމިއްލަ ހަރަދުގައި އަށް ޓެކްނިކަލް ސްޓާފުން ގެނެސްފި އެވެ.

ނެދަލެންޑްސް އަށް އުފަން ވެން މާވިކް އޮސްޓްރޭލިއާއާ ހަވާލުވެ ހުރީ ކުރި މުއްދަތުގެ އެއްބަސްވުމެއްގަ އެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި 760،000 އެމެރިކާ ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު، ދާދި ފަހުން އޮސްޓްރޭލިއާގެ ފުޓްބޯޅަ އިދާރާއިން ވަނީ އިތުރު ޓެކްނިކަލް އޮފިޝަލުންނަށް ހަރަދުކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

އެއާ އެކު ވެން މާވިކް ވަނީ އޭނާގެ ގާތް އަށް ޓެކްނިކަލް ސްޓާފުން ގެނެސްފަ އެވެ އެ މީހުންނަށް ހަރަދުކުރަން ނިންމާފައިވަނީ އޭނާގެ ޖީބުންނެވެ.

"އަހަރެން އެމީހުންގެ އެހީ ބޭނުން. ވަގުތު ވަރަށް ކުޑަތަން ވެއްޖެ. މިހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކޯޗިން ޓީމެއް އެކުލަވާލާއިރު ރަނގަޅު މީހުން އަހަރެން ދަންނަ މީހުން ގެންނަން ޖެހޭ. އެ ގޮތަށް ވިސްނާފައި އިތުބާރު ކުރެވޭ ބަޔަކު މި ގެނައީ. އެވެސް އަހަރެންގެ އަމިއްލަ ހަރަދުގައި،" ވެން މާވިކް ބުންޏެވެ.

ކުރިން ޔޫރަޕްގެ ނަން މަޝްހޫރު ޓީމުތައް ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑާއި ހެމްބާގްގެ އިތުރުން ނެދަލެންޑްސް ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން ވެން މާވިކް ވަނީ ތަޖުރިބާކާރު ގިނަ ޓެކްނިކަލް ސްޓާފުން ހޯދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު އެސިސްޓަންޓް ކޯޗުންނާއި ދެ ސްކައުޓުންގެ އިތުރުން ދެ ވީޑިއޯ އެނަލިސްޓުންނެވެ. މިއީ ކުރިން ވެން މާވިކާ އެކު އެކި ޓީމުތަކުގައި މަސައްކަތްކުރި މީހުންނެވެ.

ވެން މާވިކް ވޯލްޑް ކަޕް ކޮލިފައިންގައި އިރުޝާދުދިނީ ސައުދީ އަރަބިއާ ޓީމަށެވެ. އޭނާ އޮސްޓްރޭލިއާއާ ހަވާލުވީ މި އަހަރު ޖެނުއަރީ މަހުގަ އެވެ.

"އަހަރެން އެއްވެސް ޝަކުވާއެއް ކުރާކަން ނެތިން. ބޭނުންވަނީ މި ވަގުތު ލިބެން ހުރި ވަސީލަތެއްގެ ބޭނުންކޮށްގެން ނަމަވެސް ރަނގަޅު ނަތީޖާތަކެއް ނެރެން. އެކަން ކުރެވޭނީ ރަނގަޅު ސަޕޯޓެއް ލިބިގެން،" ވެން މާވިކް ބުންޏެވެ.

މި މަހު 14 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޮސްޓްރޭލިއާ އޮތީ ފްރާންސާއި ޕެރޫ އަދި ޑެންމާކާ އެކު ގްރޫޕް ސީގަ އެވެ.