ނިއުއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އަމީރީ ފުރައިފި
ނިއުއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އަމީރީ ފުރައިފި

މި ސީޒަނުގައި ނިއު ރޭޑިއަންޓުގައި މޮޅު ކުޅުމެއް ދައްކަމުން އައި އަފްގާނިސްތާންގެ ޑިފެންޑަރު ހާރޫން އަމީރީ ކްލަބާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ރާއްޖެ ދޫކޮށް ފުރައިފި އެވެ.

ލީގުގައި ޓީސީ އަތުން ނިއު މޮޅުވި މެޗުގައި އަމީރީއާ ބެހޭގޮތުން ނޫސްވެރިން ނިއުގެ ކޯޗު އޮސްކާ ބްރުޒޮންއާ ސުވާލުކުރުމުން އޭނާ ބުނީ އަމީރީގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ ކްލަބުން ކަމަށާއި ކަންތައްތަކެއް ދިމާވެފައިވާ ކަމަށެވެ.

އޭގެ ފަހުން ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ ކޮންޓްރެކްޓްގައި އެއްބަސްވެވިފައިނެތް ކަންތައްތަކަކަށް އަމީރީ ޑިމާންޑްކޮށްފައިވާ ކަމަށާއި އޭނައާ ބެހޭގޮތުން ވަކިގޮތެއް ނުނިންމާ ކަމަށެވެ. ނިއު އިން އެހެން ބުނެފައިވަނިކޮށް އަމީރީ ވަނީ މިއަދު ފުރައިފަ އެވެ.

އެ ވާހަކަތަކަށް ރައްދުދެމުން އަމީރީ "މިހާރަ"ށް ބުނީ ކްލަބުން އޭނާއާ މެދު ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި ކްލަބުން މިހާތަނަށް އޭނާ އަށް ރިލީޒް ވެސް ނުދޭ ކަމަށެވެ.

"ކޮންޓްރެކްޓްގައި ނެތް ކަމަކަށް ޑިމާންޑެއް ނުކުރަން. އެއީ ދޮގެއް. އަހަންނަށް ދެ މަހެއްގެ މުސާރަ ވެސް ނުދީ އޮތީ. އެހެންވީމަ އެ ކަންތަކާ އެއްކޮށް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ފީފާ އަށް މައްސަލަ ހުށަހަޅާނަން،" އަމީރީ ބުންޏެވެ.

އުމުރުން 27 އަހަރުގެ އަމީރީ ބުނީ އޭނާއާ މެދު ކްލަބުން ފަހު ކަންތައް ކުރީ ދެރަކޮށް ކަމަށާއި އެކަމަކު ކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.

އަމީރީ އަކީ މި ސީޒަނުގައި ނިއު އިން އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރިއިރު، އެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ނިއުގެ ގިނަ މެޗުތަކުގައި އޭނާ ވަނީ ފަހަތުގެ ތަފާތު މަގާމުތަކަށް ކުޅެފަ އެވެ. ނިއު އަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނީ ގްރޫޕްގެ ފަހު މެޗުން އިންޑިއާގެ އައިޒޯލް އަތުން ބަލިވުމުންނެވެ. އަމީރީ ނިއުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް މެޗަކީ މާލޭގައި ބެންގަލޫރު އަތުން މޮޅުވި މެޗުގަ އެވެ.

ކްލަބް ކެރިއަރަށް ބަލާއިރު އަފްގާނިސްތާން ޓީމުތަކަށް ކުޅުމަށް ފަހު އަމީރީ ފަހަކަށް އައިސް ބޮޑަށް ފެނިފައިވަނީ އިންޑިއާ ލީގުންނެވެ. އެގޮތުން އޭނާ ވަނީ އައި ލީގުގައި މުމްބާއީ އެފްސީ އާއި ޑެމްޕޯ ސްޕޯޓްސް ކްލަބާއި ޑީއެސްކޭ ޝިވާޖިއަންސް އަދި ޗެންނާއީ ސިޓީ އެފްސީގެ އިތުރުން އިންޑިއަން ސުޕަ ލީގުގައި އެފްސީ ގޯއާ އަށް ކުޅެފަ އެވެ.