08 ޖޫން 2018 - 16:19

މިސްރުގެ ބޮޑުވަޒީރުގެ މަގާމަށް، ރައީސް އަބްދުލްފައްތާހް އައްސީސީ އިއްޔެ އައްޔަން ކުރެއްވި ޑރ. މުސްތަފާ ކަމާލް މަދްބޫލީ، އައު ސަރުކާރު އެކުލަވައިލެއްވުމުގެ މަސައްކަތް ފައްޓަވައިފި އެވެ.
މަދްބޫލީއަކީ އެންމެ ފަހުން އިސްތިއުފާ ދިން ސަރުކާރުގެ ހައުސިން މިނިސްޓަރެވެ. މިސްރުގެ ރިއާސީ ގަނޑުވަރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބޮޑުވަޒީރު ޝަރީފް އިސްމާއީލާއި އޭނާގެ ސަރުކާރު އިސްތިއުފާ ދިނުމާ ގުޅިގެން، އައު ސަރުކާރެއް އެކުލަވައިލެއްވުމުގެ މަސައްކަތް، ރައީސް ސީސީ އިއްޔެ ވަނީ މަދްބޫލީއާ ހައްވާލު ކުރައްވައިފަ އެވެ.
މިސްރުގެ އާދަކާދަ ހަމަޖެހިފައި އޮންނަ ގޮތުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އައު ދައުރަކަށް ހުވައި ކުރެއްވުމާ އެކު، އެއިރަކު އޮތް ސަރުކާރު އިސްތިއުފާ ދޭނެ އެވެ. އެ ގޮތުން ޝަރީފް އިސްމާއީލްގެ ސަރުކާރު އިސްތިއުފާ ދިން ނަމަވެސް، އައު ބޮޑުވަޒީރު މަދްބޫލީގެ ކެބިނެޓް އެކުލަވައިލެވެންދެން ސަރުކާރު ހިންގުމުގެ ކަންތައް، އިސްތިއުފާ ދިން ކެބިނެޓުން ކުރަމުން ދިއުމަށް ރައީސް ސީސީ ވަނީ އަންގަވައިފަ އެވެ.
އުމުރުފުޅުން 52 އަހަރުގެ މަދްބޫލީ އަކީ، ސީސީގެ ވެރިކަމުގައި 2014 ވަނަ އަހަރުން ފެށިގެން ހައުސިން މިނިސްޓަރެވެ. އަދި މިދިޔަ ނޮވެމްބަރުގެ ތެރޭގައި ބޮޑުވަޒީރު ޝަރީފް އިސްމާއީލް ބޭސްފަރުވާއަކަށް ޖަރުމަން ވިލާތަށް ވަޑައިގަތުމުން ވަގުތީ ބޮޑުވަޒީރުގެ ހައިސިއްޔަތުން ސަރުކާރު ހިންގެވީ ވެސް މަދްބޫލީ އެވެ.
މިދިޔަ މެއި މަހުގެ ފަހުކޮޅު މިސްރުގައި ބޭއްވި ރިއާސީ އިންތިޚާބުގައި ސީސީ ވެރިކަމުގެ ދެ ވަނަ ދައުރަކަށް އިންތިޚާބުވީ ވޯޓު ލީ މީހުންގެ 97 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. މިސްރުގެ ގާނޫނުއަސާސީ އަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން، އެކަކަށް ވެރިކަމުގައި ހުންނެވޭނީ ހަތަރު އަހަރުގެ ރިއާސީ ދެ ދައުރުގަ އެވެ. އެހެންކަމުން މިއީ ސީސީގެ ވެރިކަމުގެ އެންމެ ފަހު ދައުރެވެ.