09 ޖޫން 2018 - 09:04

ބައްޕައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް މިހާރު މިއޮތީ ވަރަށް ކައިރީގަ އެވެ. އެއީ މި މަހުގެ 17 ވަނަ ދުވަހެވެ.

މި ދުވަހާ ދިމާކޮށް އދ. ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނިސެފުން ވަނީ ހާއްސަ ކަމެއްކޮށްފަ އެވެ. އެއީ ބައްޕަ އާއި އުފަންވާ ދަރިފުޅާ އޮންނަ ގުޅުން ދައްކުވައި ދިނުމެވެ. #އާލީމޮމަންޓްސްމެޓާގެ ނަމުގައި ޔުނިސެފުން އެކި ގައުމުތަކަށް ކުރި ދަތުރުގައި ވަނީ ބައްޕަ އާއި އުފަންވާ ދަރިފުޅާ ދެމެދު އުފެދޭ ގުޅުން ދައްކުވައިދޭ ފޮޓޯތަކެއް ގެނެސް ދީފަ އެވެ. އެ ފޮޓޯތައް ޔުނިސެފްގެ ޓީމާ އެއްކޮށް ދަތުރުކޮށް ނަގާފައި ވަނީ މަޝްހޫރު ފޮޓޯގްރާފަރު އެޑްއާނާ ޒެބްރޯސްކާ އެވެ.

ޔުނިސެފްގެ ޓީމުން ދަތުރުކުރި ބައެއް ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ތައިލެންޑް، މެކްސިކޯ، ތުރްކެމެނިސްތާން އަދި ގައިނޯ ބިސޯ ހިމެނެ އެވެ.

މި ގައުމުތަކުގެ އެކި ސިޓީތަކަށް ދަތުރުކޮށް ޔުނިސެފްގެ ޓީމުން ވަނީ ޒުވާން ބައްޕަ އިން އެ މީހުންގެ ތުއްތު ދަރުފުޅު އުފަންވުމާ އެކު، ދަރިފުޅު އުރާލަން ފުރަތަމަ ލިބޭ ހިނދުކޮޅާ އެކު އެ ގެނުވައިދޭ އިހުސާސްތަކާއި ޝުއޫރުތައް ފޮޓޯތަކުން ކިޔައި ދީފަ އެވެ.

ޔުނިފެސުން ބުނީ މިފަދަ ކަމެއް ކުރަން މި ފަހަރު ނިންމި އެއް ސަބަބަކީ ދަރިިއަކަށް ބައްޕަ ވަރަށް މުހިއްމުވާކަން ހާމަކޮށް ދިނުން ކަމަށެވެ. އަދި ދަރިފުޅާއި ބައްޕައާ ދޭތެރޭ އުފެދޭ ގާތް ގުޅުމަކީ ބޮޑުވަމުން އަންނަ ދަރިއަކަށް ވަރަށް މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
ޔުނިސެފުން ބުނި ގޮތުގައި ދަރިފުޅު އުފަންވާތާ ފުރަތަމަ 1،000 ދުވަހުގެ ތެރޭގައި ބައްޕަ އާއި ދަރިފުޅާ ދެމެދު އާދަޔާހިލާފު ގާތް ކަމެއް އުފެދޭ ނަމަ، އެއީ ދަރިފުޅުގެ ހެދިބޮވުމާއި ސިކުނޑީގެ ދުޅަހެޔޮ ކަމަށް އޮތް އެހީއެކެވެ.
އަދި ބައްޕައަކާއި ދަރިއަކާ ދެމެދު އުފެދޭ ގުޅުމުގެ ސަބަބުން އުފާވެރި ހަމަޖެހޭ އަދި ބަދަހި އާއިލާއަކަށް މަގުފަހިވާ ކަމަށް ވެސް ޔުނިސެފުން ބުންޏެވެ. އެހެންވެ ބައްޕަ އާއި ދަރިފުޅު ގުޅުން ވަރަށް ވެސް މުހިއްމު ކަމަށް ބުންޏެވެ.
ޔުނިސެފްގެ މި ފޮޓޯތަކުން މި ކިޔައި ދެނީ އެ ވާހަކަތަކެވެ.