08 ޖޫން 2018 - 14:57

މެޑްރިޑް (ޖޫން 8) - ރެއާލް މެޑްރިޑްގެ ކޯޗަކަށް ދެން ހަމަޖައްސާނީ އެ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަރު ގުޓީ ކަމަށް ރެއާލް މުރްސިއާގެ ރައީސް ވިކްޓާ ގަލްވޭޒް ވިދާޅުވެއްޖެ އެވެ.
ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީ ތާރީހުން ޖާގަ ހޯދުމަށް ފަހު ޒިނެދިން ޒިދާން ވަނީ ރެއާލްގެ ކޯޗުކަމުން އިސްތިއުފާ ދީފަ އެވެ. އެއާ އެކު ރެއާލުން ވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ޓީމުން ފުރަތަމަ މަސައްކަތްކުރީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންނާށެވެ. އެކަމު ޕޮޗެޓީނޯ ޓޮޓެންހަމްގައި މަޑުކުރަން ނިންމުމުން ރެއާލުން ވިސްނުން ބަދަލުކުރި އެވެ.
ރެއާލުގެ ޔޫތު ޓީމާ ހަވާލުވެ ހުރި ގުޓީ އަށް އަދި ސީނިއާ ޓީމެއްގެ ކޯޗިން ތަޖުރިބާ ލިބިފައިނެތެވެ. އެކަމަކު މި ވަގުތު އެ ޓީމަށް އެންމެ ރަނގަޅުވާނީ ކްލަބްގެ ކަންތައްތައް ފަރިތަ މީހަކާ ކްލަބް ހަވާލުކުރުން ކަމުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގަބޫލުކުރެ އެވެ.
ތިން ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ރެއާލް މުރްސިއާގެ ރައީސް ވިކްޓާ ވިދާޅުވީ ގުޓީ ގެންނަން އޭނާ ވެސް މަސައްކަތް ކުރި ކަމަށެވެ.
"ގުޓީގެ ސޮއި ހޯދަން އަހަރެން ވެސް މަސައްކަތް ކުރިން. އެކަމަކު އޭނަ އަށް އަހަރެމެން ޓީމާ ހަވާލުވެވެން ނެތް. އެއީ އޭނާ ވަނީ ރެއާލްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފައި." އޭނާ ވިދާޅުވި އެވެ.
ރެއާލްގެ ޔޫތު ޓީމުތަކަށް ކުޅުމަށް ފަހު ގުޓީ އެ ކްލަބްގެ ސީނިއާ ޓީމުން ފުރަތަމަ ފުރުސަތު ހޯދީ 1995 ވަނަ އަހަރު އެވެ. އޭގެ ފަހުން 2010 އަކާ ހަަމައަށް ގުޓީ ވަނީ އެ ޓީމަށް ކުޅެފަ އެވެ. ގުޓީ ވަނީ އެ މުއްދަތުގެ ތެރޭގައި ގިނަ ތަރިންތަކާ އެކުގައި ރެއާލް ޓީމަށް ކުޅެފަ އެވެ. އޭނާ ވަނީ ރެއާލަށް ކުޅެދިން 387 މެޗުގައި އެ ޓީމަށް 46 ގޯލު ޖަހައިދީފަ އެވެ. ރެއާލް ދޫކޮށް 2010 ވަނަ އަހަރު ތުރުކީގެ ބެސިކްޓާސް އަށް ބަދަލުވުމަށް ފަހު ގުޓީ ކުޅުން ހުއްޓާލީ އޭގެ އެއް އަހަރު ފަހުންނެވެ.
ސްޕެއިން ގައުމީ ޓީމަށް ވެސް ކުޅެފައިވާ ގުޓީ ކޯޗިން ކެރިއަރު ފެށީ 2013 ވަނަ އަހަރު އެވެ.