09 ޖޫން 2018 - 09:05

ކޮސްމެޓިކްސް ސާމާނު އުފައްދާ ކުންފުނިތަކުން އެ މީހުންގެ އުފެއްދުންތައް މާކެޓްކުރަން ބޭނުން ކުރާ އެއް އުކުޅަކީ ޒުވާންކަން ދަމަހައްޓައިދޭ އުފެއްދުންތަކުގެ ގޮތުގައި އިޝްތިހާރު ކުރުމެވެ. ހާއްސަކޮށް އަންހެނުންނަށް އަމާޒުކުރާ އުފެއްދުންތަކުގަ އެވެ.

އެހެންވެ، މަޝްހޫރު ގިނަ ބްރޭންތަކުގެ ގިނަ އުފެއްދުންތަކަކީ "އެންޓި އޭޖިން" އޭ ކިޔާފައި ބާޒާރަށް ނެރޭ ތަކެއްޗެކެވެ. ފާހަގަ ކުރެވޭ ކަމަކީ މިފަދަ އުފެއްދުންތަކަށް ބަރޯސާ ވެސް މީހުން ވެސް ގިނަ ކަމެވެ. ހަމައެއާ އެކު އުފެއްދުންތައް ބޭނުންކޮށްގެން ނަތީޖާ ނުނިކުންނާތީ ކުރާ ޝަކުވާތައް ވެސް ބޮޑެވެ.
ނަމަވެސް ރީތީވާން ބޭނުން ކުރާ އުފެއްދުންތަކުގައި "އެންޓި އޭޖިން" އެ ލަފުޒު ބޭނުން ނުކުރަން ކުންފުނިތަކަށް ގޮވާލައި، އެ ލަފުޒު މަނާ ކުރަން މިހާރު ވަނީ ގޮވާލައިފަ އެވެ.
ޕޯޗްގަލްގެ ކެލޯސްޓް ގަލްބެންކިއަން ފައުންޑޭޝަނާއި އިނގިރޭސިވިލާތުގެ ރޯޔަލް ސޮސައިޓީ ފޮ ޕަބްލިކް ހެލްތު (އާރްއެސްޕީއެޗް) ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ކޮސްޓެމިކްސްގައި "އެންޓި އޭޖިން" ބޭނުން ނުކުރަން އެދޭ ކަމަށެވެ.
ބަޔާނުގައި ފާހަގަކުރި ގޮތުގައި އެފަދަ އުފެއްދުންތަކާ ހެދި ކުރިމަތިވާ ޕްރެޝަރުތައް ބޮޑެވެ. އަދި އުމުރުން ދުވަސްވާން ފަށައި، އެކަން މީހާގެ މޫނުމަތިން ފާޅުވާން ފެށުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ދެ ޖިންސްގެ މީހުން ވެސް މިހާރު ދެކޭ ކަމަށް ބުންޏެވެ.
ވަކިން ހާއްސަކޮށް މި މައްސަލަ އަންހެނުންގެ މެދުގައި ބޮޑުވެ، މީހާގެ ސިފަ ވަކި ގޮތަކަށް ބަހައްޓަން ކުރިމަތިވާ ޕްރެޝަރުތަކުގެ ދިމާވާ މައްސަލަތައް ސިއްހީ މައްސަލަތައް ގިނަ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"އުމުރުން ދުވަސްވެ، މުސްކުޅިވުމަކީ ކޮންމެ މީހަކަށް ވެސް ދިމާވާނެ ކަމެއް. އެއީ ގުދުރަތީ ކަމެއް. އެހެންވީމާ އެއީ މައްސަލައަކަށް ވާ ކަހަލަ ގޮތަކަށް ވިޔަފާރި ކުންފުނިތަކުން ވެސް އެ މީހުންގެ އުފެއްދުންތައް މާކެޓްކޮށްގެން ނުވާނެ،" ބަޔާނުގައި ބުންޏެވެ. "އަހަރެމެން އެދެނީ އުފެއްދުންތަކުގައި އެންޓި އޭޖިން އާއި އޭޖިން ޕްރޮސެސް ފަދަ ލަފުތައް ބޭނުން ނުކުރަން. އަދި ބިއުޓީ އާއި ކޮސްމެޓިކް އިންޑަސްޓްރީގައި އެންޓި އޭޖިން ފަދަ ލަފުޒުތައް ބޭނުން ކުރުން މަނާ ކުރަން ޖެހޭ."
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި އެފަދަ ލަފުޒުތައް ރީތީވާ ސާމާނުގައި ބޭނުން ކުރުމަކީ އުމުރުން ދުވަސްވެ، އެކަން ފާޅުވާން ފެށުމަކީ ޖޯކެއްގެ ގޮތުގައި ސިފަ ކުރުން ކަމަށެވެ. އަދި އުމުރުން ދުވަސްވުމާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނުމުގެ ބަދަލުގައި، އެއީ މީހާގެ ސިފަޔާ ދޭތެރޭ ބޭކާރު ވިސްނުންތައް ވިސްނަން ދެވޭ ފުރުސަތެއް ކަމަށް ބުންޏެވެ.
އަންހެނުންނަށް ހާއްސަ ބިއުޓީ މެގަޒިން "އެލޫއާ" އިން ބުނި ގޮތުގައި މިދިޔަ އަހަރުން ފެށިގެން އެ މީހުން ވަނީ "އެންޓި އޭޖިން" ލަފުޒު ބޭނުން ކުރުން ހުއްޓާލައިފަ އެވެ.