08 ޖޫން 2018 - 15:04

ލަންޑަން (ޖޫން 8) - މި ފަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސި ސަޕޯޓަރުން އުފާވާވަރުގެ ކުޅުމެއް ޒުވާން ފޯވާޑް މާކަސް ރެޝްފޯޑްގެ ފަރާތުން ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑް ރޭ ކުޅުނު މެޗުން ވަނީ 2-0 އިން ކޮސްޓަ ރިކާ ބަލިކޮށްފަ އެވެ. ގިނަ ބަދަލުތަކާ އެކު ކުޅުނު އިންގްލެންޑަށް މި މެޗުގައި ފުރަތަމަ ލަނޑު ޖަހައިދިނީ ރެޝްފޯޑެވެ. އޭރިއާ ބޭރުން ރެޝްފޯޑް ފޮނުވާލި ބާރު ބޯޅަ ގޯލުގެ މަތީ ކަނުގައި ތަތްކޮށްލިއިރު، ކޮސްޓަ ރިކާގެ ގޯލުގައި ހުރި ރެއާލް މެޑްރިޑްގެ ކީޕަރު ކޭލޯ ނަވާސް އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
އިންގްލެންޑްގެ ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގައި ޑެނީ ވެލްބެކް އެވެ. މެޗަށް ފަހު ސައުތުގޭޓް ބުނީ އޭނާ އަށް ހިތްހަމަ ޖެހުމެއް ލިބުނުއިރު، ބޮލުގެ ރިހުމެއް ވެސް އެބައޮތް ކަމަށެވެ.
"އަހަރެން އެންމެ އުފާވީ ރެޝްފޯޑަށް ލިބިފައި ހުރި ހުނަރުގެ ބޭނުންކޮށް އޭނާ ހަމަޖެހިލައިގެން ކުޅެލިތަން ފެނުމުން. މިއީ ފަހަކަށް އައިސް ކްލަބް ލެވެލްގައި ނުފެންނަ މަންޒަރެއް. މި ވޯލްޑް ކަޕްގައި ސަޕޯޓަރުން އުފާކޮށްދޭ ވަރުގެ ކުޅުމެއް ރެޝްފޯޑް ދައްކާނެ. އޮތް ބޮލުގެ ރިހުމަކީ މިހާރު އަހަންނަށް އުނދަގޫވެއްޖެ ފުރަތަމަ އެގާރައެއް ނަގަން. ފުރުސަތުދިން ކޮންމެ ކުޅުންތެރިއަކު ތަފާތު ދެއްކި،" ސައުތުގޭޓް ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑާ އެކު މިދިޔަ ސީޒަނުގައި ރެޝްފޯޑަށް ކުޅުމުގެ ފުރުސަތު އެހާގިނައިން ނުލިބުނުއިރު، އޭނާ މުޅި ސީޒަނުގައި ޖެހީ ހަތަރު ގޯލެވެ. އެކަމު ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް އޭނާ ދިޔައީ ތަފާތު ދައްކަމުންނެވެ. ހާއްސަކޮށް ލީގުގައި ލިވަޕޫލް އަތުން މޮޅުވި މެޗު ފާހަގަކޮށްލެވެ އެވެ.
"ކޮންމެ ޕްރެކްޓިހެއްގައި ވެސް އެވަރަށް މަސައްކަތްކުރަން. ދެން ދަނޑު މަތީގައި ބޭނުންވާ ކުޅުން ދެއްކުމަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން،" މިހާތަނަށް އިންގްލެންޑަށް 19 މެޗުން ތިން ގޯލު ޖަހައިދިީފައިވާ ރެޝްފޯޑް ރޭގެ މެޗަށް ފަހު ބުންޏެވެ.
އިންގްލެންޑް މި ފަަހަރުގެ ވޯލްޑް ކަޕުގައި ލައްވާލީ ބެލްޖިއަމް އާއި ޕެނަމާ އަދި ޓިއުނީޝިއާއާ އެއް ގްރޫޕެއްގަ އެވެ.