08 ޖޫން 2018 - 15:01

ލިޒްބަން (ޖޫން 8) - ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް ރޭ އަލްޖީރިއާއާ ދެކޮޅަށް ކުޅެ 3-0 އިން މޮޅުވި މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އައިއިރު މި މެޗުގައި ވިދާލީ ޕީއެސްޖީގެ ފޯވާޑް ގޮންކާލްވޯ ގުއޭޑޭސް އެވެ.
ރޭގެ މެޗުގެ ކުރިން ރޮނާލްޑޯ ނެތި ޕޯޗުގަލް ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ފުރަތަމަ މެޗުގައި ބެލްޖިއަމާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ފަހުން ވަނީ ޓިއުނީޝިއާއާ 2-2 އިން އެއްވަރުވެފަ އެވެ.
މި މެޗުގައި ޕޯޗުގަލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މިދިޔަ ސީޒަނުގައި ޕީއެސްޖީގެ ލޯން އެއްބަސްވުމެއްގެ ދަށުން ވެލެންސިއާގައި މޮޅު ކުޅުމެއް ދެއްކި ގުއޭޑޭސް އެވެ. އަނެއް ލަނޑު ޖެހީ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން ސްޕޯޓިންގެ ބްރޫނޯ ފެނާންޑޭޒް އެވެ.
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ދެ އަހަރު ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލި ޓީމާ މިހާރު އޮތް ޓީމާ ވަރަށް ތަފާތު ކަމަށެވެ.
"ދެ ޓީމު ވަރަށް ތަފާތު. ޔަގީނުން ވެސް މި ޓީމުގައި އެބަތިބި ހުނަރުވެރި މޮޅެތި ކުޅުންތެރިން. އޭގެ ތެރެއިިން އެއް ކުޅުންތެރިއެއް މިރޭ ތަފާތު ދެއްކީ. ގުއޭޑޭސް ކަހަލަ ކުޅުންތެރިންގެ ފަރާތުން ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ފެންނާނެ،" ސަންޓޯސް ބުންޏެވެ.
ރޮނާލްޑޯ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނުފެނުނީ ރެއާލް މެޑްރިޑާ އެކު ދިގު ސީޒަނެއް ނިންމާލުމުން އޭނާ އަށް އަރާމްކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ރޮނާލްޑޯ އަކީ މި ފަހަރު ޗެމްޕިއަންސް ލީގު ރެއާލަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހީ ވެސް އޭނާ އެވެ.
ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 15 ވަނަ ދުވަހު ބައްދަލުކުރާނީ ސްޕެއިންއާ އެވެ.