އަމީރީގެ މުސްތަގުބަލާ މެދު ސުވާލުތަކެއް
އަމީރީގެ މުސްތަގުބަލާ މެދު ސުވާލުތަކެއް

މި ސީޒަނުގައި ނިއު ރޭޑިއަންޓުގައި މޮޅު ކުޅުމެއް ދައްކަމުން އައި އަފްގާނިސްތާންގެ ޑިފެންޑަރު ހާރޫން އަމީރީ އެ ކްލަބުން ފެނިދާނެ ކަމާ މެދު ސުވާލުތަކެއް އުފެދިއްޖެ އެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން ނިއު 2-0 އިން މޮޅުވި މެޗުގެ ސްކޮޑުގައި އަމީރީ ހިމަނާފައިނެތުމުން އެކަމާ ސުވާލުކުރުމުން ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މި ވަގުތު އަމީރީ ޓީމުން ދެން ފެނުމާ މެދު ގޮތެއް ނިންމާނީ ކްލަބުން ކަމަށެވެ.

"އަމީރީއާ ބެހޭގޮތުން ވާހަކަ ދައްކާނީ ކްލަބުން. ބައެއް ކަހަލަ ކަންތައްތައް ހުންނާނެ އަހަރެންގެ ކުރާ މަސައްކަތުން ބޭރުގައި ހިނގާ. އެކަމަށް ޖަވާބު ދޭނީ މެނޭޖްމަންޓުން. އަމީރީއާ ގުޅޭގޮތުން ކްލަބުން ވާހަކަ ދައްކާނެ،" އޮސްކާ ބުންޏެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ އެގްރިމެންޓުގައި ނެތް ބައެއް ކަންކަމަށް އަމީރީ ޑިމާންޑްކޮށްފައިވާ ކަމަށާއި އެހެންވެ އޭނާއާ މެދު މެނޭޖްމަންޓުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި ކްލަބުގައި އަމީރީ ކުޅޭ މަގާމަށް ކުޅެން ފެންވަރު ރަނގަޅު ދިވެހި ކުޅުންތެރިން ތިބުމާ އެކު އޭނާ ކޮންމެހެން ބަހައްޓަން ކޯޗު ވެސް ބޭނުންނުވާ ކަމަށެވެ.

"ކޯޗު ބުނެފައިވަނީ ގޮޓޯ އާއި ދިވެހި ޑިފެންޑަރުން ތިބުމުން ބިދޭސީ އިތުރު ސްޓޮޕަރެއް ބޭނުންނުވާ ކަމަށް،" ޓެޑް ވިދާޅުވި އެވެ.

މިހާތަނަށް ނިއު އިން އަމީރީގެ އެއްބަސްވުން ބާތިލެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އަމީރީ މިއަދު ފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަމީރީ އަކީ މި ސީޒަނުގައި ނިއު އިން އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރިއިރު، އެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އަދި އުމުރުން 27 އަހަރުގެ އަމީރީ ވަނީ އޭއެފްސީ ކަޕްގައި ވެސް ނިއު އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނިއު އަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނީ ގްރޫޕްގެ ފަހު މެޗުން އިންޑިއާގެ އައިޒޯލް އަތުން ބަލިވުމުންނެވެ. އަމީރީ ނިއުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް މެޗަކީ މާލޭގައި ބެންގަލޫރު އަތުން މޮޅުވި މެޗުގަ އެވެ. މިއީ ރާއްޖޭގެ ކްލަބަކަށް ބެންގަލޫރު އަތުން ހޯދުނު ހަމައެކަނި މޮޅެވެ.

ޕާކިސްތާނުގައި 2005 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އަފްގާނިސްތާން ގައުމީ ޓީމަށް ކުޅެން ފެށި އަމީރީ ވަނީ 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން އެ ޓީމު ޖާގަ ހޯދި އިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި 2013 ވަނަ އަހަރުގެ މުބާރާތް އަފްގާނިސްތާނުން ކާމިޔާބުކުރިއިރު އޭނާ ވަނީ ޓީމުގެ ކެޕްޓަންކޮށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ޖެހިގެން އައި އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރި ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ. އެކަމަކު އެ ފަހަރު ޓީމު ދަތުރުކުރި ބަސް އެކްސިޑެންޓްވެ އޭނާ އަށް ވެސް އަނިޔާވެ މެޗެއް ގެއްލުނެވެ.