ރޯދަ ވީއްލީ ބިދޭސީންނާ އެކު، މައްސަލައަކީ ކޮބާ؟
ރޯދަ ވީއްލީ ބިދޭސީންނާ އެކު، މައްސަލައަކީ ކޮބާ؟

ބިދޭސީންތަކަކާ އެކު ރޯދަ ވީއްލަން އިށީން އިރު، މީހަކު އައިސް ފާޑުކިޔާފާނެ ކަމަކަށް ހަސަން އަހުސަންގެ ހިތަކަށް ނާރާނެ އެވެ. އެކަމަކު ބުދަދުވަހު ހުޅުމާލޭގެ މިސްކިތެއްގައި ބަންގްލަދޭޝް ބައެއްގެ ތެރޭގައި އޭނާ އިންދާ ދިވެއްސަކު އައިސް ކުރި ކަމަކީ އެއީ އެވެ. އަހުސަން އެ ވާހަކަ ފޭސްބުކްގައި ކިޔައިދިނުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އިރު، ބިދޭސީންނާ މެދު ދިވެހިން ގެންގުޅޭ ގޯސް ވިސްނުން ކުށްވެރިކޮށް އެތައް ބަޔަކު އަންނަނީ ވާހަކަދައްކަމުންނެވެ.

އަހުސަން ލިޔެފައިވާ ގޮތުގައި ކޮޅަށް ނުހުރެ އަދި މިސްކިތުގެ ފާރުބުރިމަތީގައި އިށީނދެގެން ނީނދެ، އޭނާ ރޯދަ ވީއްލަން ގޮސް އިށީނީ ބިންމަތީގައި ސަތަރި އަޅައިގެން ތިބި ބައެއްގެ ތެރޭގަ އެވެ. އަދި އެ ތަނުން ސަފެއްގައި އިން ބަންގްލަދޭޝް މީހަކާ ޖެހިގެން އިށީންތަނާ ދިވެއްސަކު އައިސް، އޭނާއަކީ ދިވެއްސެއްތޯ ސުވާލުކުރި ކަމަށް އަހުސަން ބުނެފައިވެ އެވެ.

"އޭނަ ބުނީ އެތާ އިށީނދެގެން ތިބެނީ ހަމައެކަނި ބަންގްލަދޭޝް މީހުންނޭ. އަހަރެން އޭނާ ކުރެން އެހީ، އަހަރެން ރޯދަ ވީއްލަން އެތާ އިނީމާ މައްސަލައަކީ ކޮބާހޭ،" އޭނާ ލިޔެފައިވެ އެވެ.

އަހުސަން ބުނީ އިސްލާމްދީނުގައި އެފަދަ ތަފާތުކުރުންތައް މަނާކުރައްވާފައިވާކަން އެ މީހާ އަށް ވިސްނައިދޭން މަސައްކަތްކުރި ކަމަށެވެ. އެކަމަކު ވެސް އެ މީހާ އެންމެ ފަހުން ފޮނިވެލާފައި ޖަވާބުދިނީ، ބަންގްލަދޭޝް މީހުންނާ އެއް ތަނެއްގައި އިނުމަކީ ލަދުވެތި ކަމެކޭ އެވެ.

"އަހަރެމެންނަށް މި ފެންނަ ކޮންކްރީޓް ތަރައްގީއާ އެކުއެކީގައި، އިންސާނިއްޔަތާއި ތަފާތުކުރުމާ މެދު އަހަރެމެންގެ ވިސްނުމާއި ދެކޭ ގޮތް ވެސް ތަރައްގީވާން އެބަ ޖެހޭ،" ނިންމާލަމުން އަހުސަން ލިޔެފައިވެ އެވެ.

ހަތަރު ސަތޭކައެއްހާ މީހުން ޝެއާކޮށްފައިވާ އެ ފޭސްބުކް ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ބިދޭސީންނާ މެދު ދިވެހިން ތަފާތުކުރުން ގެންގުޅޭތީ ހިތާމަކޮށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި ރާއްޖޭގައި މި ކަން ހުއްޓޭނީ ކޮން އިރަކުންތޯ ސުވާލުކޮށްފައިވެ އެވެ. އެކަކު ރާއްޖެ ސިފަކުރީ "ދުނިޔޭގައި އޮތް އެންމެ ރޭސިސްޓް ގައުމު"ގެ ގޮތުގަ އެވެ.

"ދޮން މީހަކު ނަމަ މި މީހުން ވަރަށް ރަނގަޅަށް ޓްރީޓްކުރާނެ. ތަފާތުކުރުން ހުއްޓާލަން ޖެހޭ،" އެހެން މީހަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.

އަހުސަންގެ ޕޯސްޓާ ގުޅިގެން މިފަދަ އެހެން ބައެއް ހާދިސާތަކުގެ ވާހަކަތައް ވެސް ދަނީ ފެންމަތިވަމުންނެވެ. އެ ގޮތުން، 100 ރުފިޔާ މާރުކޮށްނުދޭން ވެގެން ޓެކްސީ ޑްރައިވަރަކު ބަންގްލަދޭޝް މީހަކާ ދިމާއަށް އެއްޗެހިކިޔައި އަވަގުރާނަ ގޮވި މަންޒަރު ދުށް މަނާލް މުހައްމަދު އެ ވާހަކަ ހިއްސާކުރަމުން ބުނިގޮތުގައި އޭނާއާ އެއް ޓެކްސީއެއްގައި ދަތުރުކުރި އެ ބިދޭސީމީހާއާ މެދު އެ ގޮތަށް ކަންތައް ކުރި ޑްރައިވަރު، ދިވެއްސަކަށް ވީތީ އޭނާއާ މެދު ކަންތައް ކުރީ ވަރަށް ރަނގަޅަށެވެ. އޭނާ ދިއްކޮށްލި 100 ރުފިޔާ ވަގުތުން މާރުކޮށްފައި ދިނީ ވަރަށް އޯގާތެރިކަމާ އެކު ވާހަކަދައްކަމުން ހިނިތުންވެފައި ހުރެގެން ކަން މަނާލް ފާހަގަކުރި އެވެ.

"އިންސާނިއްޔަތުކަމަކީ ގެއްލުމެއް ލިބޭ ކަމެއް ނޫން، ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫން. ތިމާ އަށް ވުރެ މޮޅު މީހެއް ނުހުންނަ ކަމަށްތަ ހީކުރަނީ އަޅެ؟" އަހުސަންގެ ފޭސްބުކް ޕޯސްޓް ޝެއާކުރަމުން އޭނާ ލިޔެފައިވެ އެވެ.

"މި ކަންތައް ބަދަލުވާން އެބަ ޖެހޭ. ބަންގްލަދޭޝް މީހުންނަށް ވިޔަސް، އެހެން ބަޔަކަށް ވިޔަސް، އެ މީހުން ވެސް އަހަރެމެންނާ ހަމަހަމަ."