09 ޖޫން 2018 - 09:08

އުމުރުން 30 އަހަރު ވުމުގެ ކުރިން ކައިވެނި ކުރާނެ ކަމަށް ބޮލީވުޑްގެ ބަތަލާ އާލިއާ ބުނެފި އެވެ. އޭނާ މިހެން ބުނެފައި މިވަނީ އޭނާ އާއި ރަންބީރު ކަޕޫރްގެ ލޯބީގެ ވާހަކަ ވަރަށް ގަދައަށް ދެކެވެމުން އަންނަނިކޮށެވެ.

ޖީކިއު މެގަޒިން އަށް ދިން އިންޓަވިއުއެއްގައި، 25 އަހަރުގެ ބަތަލާ ބުނި ގޮތުގައި އޭނާ ކައިވެނި ކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކުރަނީ އުމުރުން 30 އަހަރުގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އެކަމަކު އަހަރެން އުމުރުން ތިރީސް އަހަރުވުމުގެ ކުރިން ކައިވެނިކޮށް އަމިއްލަ ނަފުސު ވެސް ހައިރާން ކުރުވާނަން،" އާލިއާ ބުންޏެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ ބުނި ގޮތުގައި އޭނާގެ މި ވަގުތު ފޯކަސް ކައިވެންޏަކަށް ނެތެވެ. އަދި ބޭނުން ވަނީ ކެރިއަ ކުރިއަށް ގެންދަން ކަމަށް ބުންޏެވެ.
"މި ވަގުތު ކައިވެނި ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް. ފޯކަސް ހުރީ ކެރިއާ އަށް. އަދި އަހަރެން ބޭނުމެއް ނޫން ލިވް އިން ރިލޭޝަންޝިޕަކަށް ދާކަށް ވެސް،" ދާދި ފަހުން ރިލީޒްކޮށް އަދިވެސް ބޮކްސް އޮފީހުގައި ހިނގަމުން އަންނަ 100 ކްރޯޑް ކުލަބްގެ ފިލްމް "ރާޒީ" ގެ ބަތަލާ ބުންޏެވެ. "އަހަރެން ބޭނުން ވަނީ އާދައިގެ ގުޅުމެއްގެ ތެރެއިން ކައިވެނިކޮށް، ދަރިން ހޯދަން. ކޮންމެހެން މުހިއްމެއް ނޫން ލޯބިވެރިޔާ ދަސްކުރަށޭ ކިޔާފައި ލިވް އިން ރިލޭޝަންޝިޕަކަށް ދާކަށް. ކައިވެނީގެ ކުރިން އެހެން މީހަކާ އެކު އަހަރެން ވަކިންނެއް ނޫޅޭނަން."
އާލިއާގެ ވާހަކަތައް މި މޭރުމުން ހުރި އިރު، ރަންބީރު ވަނީ ބަތަލާ ކެޓްރީނާ ކެއިފްއާ އެކު ތިން އަހަރެއްހާ ދުވަހު ލިވް-އިން-ރިލޭޝަންޝިޕެއްގައި އުޅެފަ އެވެ. އޭގެ ފަހުން 2016 ގައި ދެ މީހުން ވަނީ ރުޅިވެފަ އެވެ.
އާލިއާ ރައްޓެހިވެގެން އުޅޭކަން ވަރަށް ދުރުދުރުން ކަށަވަރުކޮށްދޭ ކަހަލަ އިބާރާތާކުން ރަންބީރު، 35، ދާދި ފަހުން ވަނީ ދެ މީހުންގެ ގުޅުން އަދި ވަރަށް އާ ކަމަށާއި "ކެކިލަން" އަދި ވަގުތު ނަގާނެ ކަމަށް ބުނެފަ އެވެ. އަދި ރަންބީރު މިހެން ބުނިތާ އެއް ދުވަސް ފަހުން، އޭނާގެ ދައްތަ ރިދިމާ ކަޕޫރް ވަނީ އަތުގައި އަޅާ ވަރަށް ރީތި ކެވެލިކޮޅެއް އާލިއާ އަށް ހަދިޔާކޮށްފަ އެވެ.
އާލިއާ އާއި ރަންބީރު މިހާރު އަންނަނީ އެކުގައި ފިލްމެއް ވެސް ކުޅެމުންނެވެ. އެއީ އަންނަ އަހަރުގެ އޮގަސްޓް 15 ގައި ރިލީޒް ކުރާ "ބުރައްމަސްތުރާ" އެވެ.
ކުރިން ބޮލީވުޑްގެ ބަތަލާއިން ކެރިއާއަށްޓަކައި ކައިވެނި، އުމުރުން ދުވަސްވާ ފަހުން ކުރަން މަޑުކުރި ނަމަވެސް އެކަން މިހާރު ވަނީ ބަދަލުވެފަ އެވެ. ކަރީނާ ކަޕޫރާއި އަނުޝްކާ ޝަރްމާ އާއި ސޯނަމް ކަޕޫރް ފަދަ ބަތަލާއިންނަކީ އޭގެ މިސާލުތަކެވެ. އެ ތަރިންނަކީ ކައިވެނިކޮށްގެން ވެސް ކާމިޔާބުކަމާ އެކު ކުރިއަށްދާ ތަރިންނެވެ.