އަހަރެމެންގެ އިސްކޮޅު ދިގެއް ނުވޭ، އެންމެ ދިގީ ހޮލެންޑު މީހުން
އަހަރެމެންގެ އިސްކޮޅު ދިގެއް ނުވޭ، އެންމެ ދިގީ ހޮލެންޑު މީހުން

ފިރިހެނުންގެ އިސްކޮޅު އެންމެ ދިގީ ހޮލެންޑުގައި ކަމަށާއި އަންހެނުންގެ އިސްކޮޅު އެންމެ ދިގީ ލެޓްވިއާގައި ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ. އެކަމަކު މި ދިރާސާއިން ދައްކަނީ އަހަރެމެން ނިސްބަތްވާ ދެކުނު އޭޝިއާ ސަރަހައްދުގައި މިދިޔަ ގަރުނު ތެރޭ އިސްކޮޅަށް އިތުރުވުމެއް އައިސްފައި ނުވާ ކަމަށެވެ.

އީލައިފް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައިވާ ގޮތުން ހޮލެންޑުގައި ފިރިހެނުންގެ އެވްރެޖް އިސްކޮޅަކީ 183 ސެންޓިމީޓަރު (6 ފޫޓް) އެވެ. ލެޓްވިއާގައި އަންހެނުންގެ އެވްރެޖް އިސްކޮޅަކީ 170 ސެންޓިމީޓަރު (5 ފޫޓް 7 އިންޗި) އެވެ.

މިއީ 1914 އިން ފެށިގެން 187 ގައުމެއްގައި މީހުންގެ އިސްކޮޅަށް އަންނަމުން ގޮސްފައިވާ ބަދަލު މޮނިޓަކޮށްފައިވާ ދިރާސާއެކެވެ.

ދިރާސާއިން ދައްކާފައި ވަނީ މި މުއްދަތުގައި އިސްކޮޅު އެންމެ ބޮޑަށް އިތުރުވެފައި ވަނީ އީރާން ފިރިހެނުންނާއި ސައުތު ކޮރެއާ އަންހެނުންގެ ކަމަށެވެ. އެއީ އީރާން ފިރިހެނުންގެ 16 ސެންޓިމީޓަރު (6 އިންޗި) އަދި ސައުތު ކޮރެއާ އަންހެނުންގެ 20 ސެންޓިމީޓަރު (8 އިންޗި) އެވެ.

އިނގިރޭސި ވިލާތަށް ބަލާއިރު އެ ގައުމުގައި އަންހެނުންނާއި ފިރިހެނުންގެ އިސްކޮޅު ވެސް، ދިރާސާގެ މުއްދަތުގައި ވަނީ 11 ސެންޓިމީޓަރު (4 އިންޗި) އަށް އިތުރުވެފަ އެވެ. އިނގިރޭސި ވިލާތުގައި ފިރިހެނުންގެ އެވްރެޖް އިސްކޮޅަކީ 5 ފޫޓް 10 އިންޗި އެވެ. އަންހެނުންގެ 5 ފޫޓް 5 އިންޗި އެވެ.

އިސްކޮޅު ޗާޓަށް ބަލާއިރު އިސްކޮޅު ދިގު މީހުން ޖުމުލަ ގޮތެއްގައި އެންމެ ގިނައީ ޔޫރަޕްގެ ގައުމުތަކުގަ އެވެ.

އިސްކޮޅުން އެންމެ ކުރު މީހުން އުޅޭ ކަމަށް ދިރާސާއިން ދައްކަނީ އީސްޓް ޓީމޯރްގަ އެވެ. އެ ގައުމުގައި ފިރިހެނުންގެ އެވްރެޖް އިސްކޮޅަކީ ފަސް ފޫޓް 3 އިންޗި އެވެ. އިސްކޮޅުން އެންމެ ކުރު އަންހެނުން އުޅެނީ ގުއަޓެމާލާގަ އެވެ. އެ ގައުމުގައި 18 އަހަރުގެ އަންހެނުންގެ އެވްރެޖް އިސްކޮޅަކީ 4 ފޫޓް 11 އިންޗި އެވެ.

އިރުމަތީ އޭޝިއާގެ ގައުމުތައް ބެލެވިފައި ވަނީ މިދިޔަ މުއްދަތުގައި އިސްކޮޅަށް އެންމެ ބޮޑު އިތުރުވުމެއް އައި ސަރަހައްދުގެ ގޮތުގަ އެވެ. ޖަޕާނާއި ޗައިނާ އާއި ސައުތު ކޮރެއާ މީހުންގެ އިސްކޮޅު މީގެ 100 އަހަރު ކުރިއާ އަޅާބަލާއިރު މިހާރު ވަނީ އިތުރުވެފަ އެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދު މީހުންގެ އިސްކޮޅަށް 100 އަހަރު ތެރޭ އިތުރުވުމެއް އައި ކަމަކަށް ދިރާސާއަކުން ނުދައްކަ އެވެ. އަދި މި ސަރަހައްދު ހިމެނެނީ ނިސްބަތުން އިސްކޮޅު ކުރު މީހުން ގިނަ ސަރަހައްދެއްގެ ގޮތުގަ އެވެ.