08 ޖޫން 2018 - 09:44

"ސްލަމްޑޯގް މިލިއަނާ" ކަހަލަ ފިލްމްތަކުން އިންޑިއާގެ މުމްބާއީގެ ސްލަމްތައް ނޫނީ ފަގީރު ސަރަހައްދުތަކާއި އެތަންތަނުގައި އުޅޭ ފަގީރު މީހުންގެ ދިރިއުޅުން ފެނިފައި ވާނެ އެވެ.

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައ ބަލާ މުމްބާއީއަކީ ދުނިޔޭގެ އެންމެ އަގު ބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނޭތަކަށް ވިޔަސް، ހަގީގަތް މުޅިން ސާފު ވާނީ އެ ސިޓީގެ ހަފަރާތް ރަނގަޅައި ބަލައިމުންނެވެ.

އަށާރަ މިލިމިއަން ވުރެ ބޮޑު އާބާދީއެއް އޮންނަ މުމްބާއީގެ ގޮނޑުވެފައި ހުންނަ މުޑުދާރު ސަރަހައްދުތަކުގައި ވަރަށް ނިކަމެތިކޮށް، ޖިފުޓިތަކުގައި އާބާދީގެ 40 ޕަސެންޓް ދިރިއުޅެ އެވެ. މިއީ ހަގީގަތުގައި މުމްބާއީގެ ރީތިކަމާއި އެ ސީޓީގެ މަޝްހޫރު ކަމަށް އޮތް ލަދެކެވެ.
އެކަމަކު އެ ހުތުރާއި ހަޑި ނައްތައިލުމުގެ މަސައްކަތް މުމްބާއީގެ އަމިއްލަ ޖަމާއަތަކުން ފަށައި، ސިޓީގެ ސްލަމްތައް ވަނީ ހިތްގައިމު ރީތި ކުލަތަކުން ފަވާލައިފަ އެވެ. މިހާރު އެތަންތަން ހީވަނީ ހިތްގައިމު ކެންވަސްތަކެއްހެންނެވެ. އަދި ޓޫރިސްޓުންގެ ސަމާކުލަން ވެސް މިތަންތަނަށް މިހާރު ވަނީ ލިބެން ފަށައިފަ އެވެ.
ޗަލް ރަންގް ދޭ (ލެޓްސް ޕެއިންޓް) އިސް ނަގައިގެން ފެށި މަސައްކަތުން، މުމްބާއީގެ ފަގީރު ހަތަރު ސަރަހަދެއްގައި ހުރި 12،000 އަށް ވުރެ ގިނަ ގޭގައި މިހާރު ވަނީ ގަދަ ކުލަތަކެއް ލައި، އެތައް ބަޔަކަށް ސަމާލުކަމަށް އެތަންތަން ގެނެސްފަ އެވެ. އެ މަސައްކަތުގެ ފެށުމުގައި 750 ވޮލަންޓިއާ ކުރި ނަމަވެސް މިހާތަނަށް މިކަމުގައި 3،000 އަށް ވުރެ މީހުން ބައިވެރިވެފައިވެ އެވެ.
ވިއްސާރަ ދުނީގެ ކުލަތަކާ އެކު ސްލަމްތަކަށް ޖާދޫވީކަމާއި އެތަންތަނުގައި އުޅޭ މީހުންގެ މޫނުމައްޗަށް ވެސް ވަނީ އުފާވެރިކަމާއި ހިނިތުން ގެނުވައިފަ އެވެ.
މި ގޮތަށް ތަފާތު ކުލަތަކުން ޖަރީކޮށްފައިވާ ސަރަހައްދުތަކެއް އިޓަލީގައި ވެސް އޮވެ އެވެ. ގިނަ ބަޔަކު މުމްބާއީގެ ސްލަމްތައް މިހާރު ސިފަކުރަނީ އިޓަލީގެ ކުލަގަދަ ޕޮސިޓާނޯގެ ގޮތުގަ އެވެ. ގަދަކުލަތަކާ އެކު ސްލަމްތަކުގެ އާބާތުރަ ފިލުވައިލުމުން އެތަންތަން މިހާރު ފެންނަނީ މުޅިން އާ ތަންތަނުގެ ގޮތުގަ އެވެ.
ޗަލް ރަންގް ދޭގެ ކޯ-ފައުންޑާ ދެދީޕިޔާ ރެޑީ އޭއެފްފީ އަށް ބުނި ގޮތުގައި އެ މީހުންގެ މަސައްކަތަކީ މުމްބާއީގެ ސްލަމްތަކާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލުކުރުމެވެ..
"ސްލަމްއޭ ބުނެފިއްޔާ ފުރަތަމަ ވެސް ސިކުނޑި އަށް އަންނާނީ ނުތާހިރުކަމާއި މުޑުދާރުކަމާއި އެތަންތަނުގައި އުޅޭ މީހުންގެ ފަގީރުކަން،" އޭނާ ބުންޏެވެ. "އަހަރެމެންގެ އަމާޒަކީ އެ ވިސްނުން ބަދަލު ކުރުން."
ދެދީޕިޔާ ބުނި ގޮތުގައި ސްލަމްތަކުގައި އުޅެން ޖެހުމަކީ ދިރިއުޅުމުގެ އުފަތަކާއި ހައްގުތަކުން މަހުރޫމިވާން ޖެހޭ ސަބަބެއް ނޫނެވެ.
"އެތަންތަނުގައި ވެސް ދިރިއުޅެނީ އިންސާނުން. އެ މީހުންނަށް ވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ހައްގު. އަހަރެމެން ގަބޫލު ކުރަނީ މި ކުލަތަކުގެ ސަބަބުން އެ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނުވައި ދޭނެ ކަމަށް." އޭނާ ބުންޏެވެ.
ދެޕީޕިޔާ ބުނީ މުމްބާއީ މިހާރު ވިއްސާރަވުމުގެ ސަބަބުން އެ މީހުންގެ މަސައްކަތް މި ވަގުތު ހުއްޓުމަށް އައިސްފައިވާ ކަމަށެވެ.
"އެކަމަކު ވިއްސާރަ އަލިވެލީމަ އަނެއްކާ ވެސް ކުލަ ހިފައިގެން އަހަރެމެން ނުކުންނާނަން،" އޭނާ ބުންޏެވެ.