08 ޖޫން 2018 - 14:55

ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމަންގެ 37 އަހަރުވީ ކޯޗިން ކެރިއަރުގައި އޭނާ ވަނީ ފުޓްބޯޅަ އަށް ފައިދާހުރި އެތައް މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު އުމުރުން 68 އަހަރުގެ ޕެކަމަން އަށް ކޯޗިން ކެރިއަރުގައި ގިނަ ގޯސްތަކެއް ހެދިފައިވާ ކަމަށް ވެސް އޭނާ އެއްބަސްވެ އެވެ. އޭގެ ތެރެއިން އޭނާ އަށް އެންމެ ބޮޑު ފިލާވަޅެއް ލިބުނީ ލިއޮނަލް މެސީ ބެންޗުގައި ބަހައްޓައިގެން ކުރި ހިތި ތަޖުރިބާއިންނެވެ.

ޕެކަމަންއާ އެކު އާޖެންޓީނާ އިން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގަ އެވެ. އެކަމު ކުއާޓާ ފައިނަލުން އާޖެންޓީނާ ވަނީ ޕެނަލްޓީ ޖަހައިގެން ޖަރުމަން އަތުން ކަޓައިފަ އެވެ. އެ މެޗުގައި ޕެކަމަން ނެގި ޓީމުން މެސީ އާއި ހަވިއޭ ޒަނެޓީ އަށް ފުރުސަތު ނުލިބެ އެވެ.
އެ މުބާރާތަށް ފަހު އެންމެ ގިނަ ބައެއް ޕެކަމަން އަށް ފާޑުކީ ޒުވާން އުމުރުގައި ތަފާތު ދައްކަމުން އައި މެސީ އަށް ފުރުސަތު ނުދިނުމުންނެވެ. އަދި މެޗު 1-1 އިން އެއްވަރުވެފައި އޮއްވައި ޕެކަމަން ގެނައި ޑިފެންސިވް ބަދަލުތަކުގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން ވެސް މާޔޫސްވި އެވެ.
"އޭރު މެސީގެ އުމުރުން 19 އަހަރު. އަހަރެން ހީކުރީ އެ ވަރުގެ ޕްރެޝަރު މެޗެއްގައި އޭނާ އަށް ތަފާތު ދައްކަން އުނދަގޫވާނެ ކަމަށް. އެ ވިސްނުމުގައި އަހަރެން އޭނަ އަށް ފުރުސަތު ނުދިނީ. އެކަމުން އަހަންނަށް ލިބުނީ ފިލާވަޅެއް. އަދިވެސް އެ ހަނދާންތައް އެބަހުރި. އަހަރެން މިހާރު ބަލަނީ އުމުރަކަށް ނޫން ކުޅުންތެރިޔާގެ ކުޅުމަށް،" އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމަށް ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކޮށްދީފައިވާ ޕެކަމަން ބުންޏެވެ.
އެ މެޗަށް ފަހު ފާޑުކިޔުންތައް ގިނަވެ ޕެކަމަން ވަނީ އާޖެންޓީނާގެ ކޯޗުކަމުން އިސްތިއުފާ ދީފަ އެވެ. އޭނާ ކޯޗިން ކެރިއަރު އަލުން ފެށުނީ އޭގެ އެއް އަހަރު ފަހުން މެކްސިކޯގެ ކްލަބެއް ކަމަށްވާ ޓޮލޫޗާ އިންނެވެ. އެ ޓީމަށް އެއް އަހަރު ކޯޗުކޮށްދިނުމަށް ފަހު ދެން ވެސް އޭނާ ފެނުނީ މެކްސިކޯގެ ކްލަބަކުންނެވެ. މެކްސިކޯގެ ޓިގްރޭސް އަށް ވެސް އޭނާ ކޯޗުކޮށްދިނީ އެއް އަހަރު އެވެ.
އޭގެ ފަހުން 2010 ވަނަ އަހަރު ޖުލައި މަހު ޕެކަމަން އަށް އޮސްޓްރޭލިއާ އާއި ޖަޕާންގެ ކޯޗުކަން ހުށަހެޅި އެވެ. އެ ދެ ގައުމުގެ ހުށަހެޅުން ވެސް ޕެކަމަން އަށް ކަމުނުދިޔައީ ދެކުނު އެމެރިކާ ޓީމަކާ އަލުން ހަވާލުވުމުގެ ޝައުގުވެރިކަން އޭނާގެ އޮތުމުންނެވެ.
"ބޭނުންވީ ހަމަ ދެކުނު އެމެރިކާގެ ޓީމަކާ އެކު ކުރިއަށްދާން،" ޕެކަަމަން ބުންޏެވެ.
ޕެކަމަން ކޮލަމްބިއާއާ ހަވާލުވީ 2012 ވަނަ އަހަރު އެވެ. ކޮލަމްބިއާއާ ހަވާލުވުމަށް ފަހު އޭނާ މިހާތަނަށް އަންނަނީ ކާމިޔާބު މަސައްކަތެއް ކުރަމުންނެވެ. ޕެކަމަންގެ އިރުޝާދުގެ ދަށުން ކޮލަމްބިއާ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވިއިރު، މިއީ 1998 ގެ ފަހުން އެ މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ ފަހަރެވެ.
ޕެކަމަންގެ މޮޅު ގޭމް ޕްލޭންތަކާ އެކު ކޮލަމްބިއާ އިން 100 ޕަސެންޓް ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔައިރު، ދެ ވަނަ ބުރުގައިވަނީ އުރުގުއޭ ކަޓުވާލައިފަ އެވެ. ކޮލަމްބިއާ އަށް މުބާރާތް ނިމުނީ ކުއާޓާ ފައިނަލުގައި ބްރެޒިލް އަތުން 2-1 އިން ބަލިވުމުންނެވެ. މިހާރު އެންމެ ބޮޑަށް ކޮލަމްބިއާ ފުޓްބޯޅައިގައި ފިޔަޖަހަމުން އަންނަ ޖޭމްސް ރޮޑްރިގޭޒް އާއި ރަޑަމެލް ފަލްކާއޯ އަދި ހުއާން ކުއަޑްރާޑޯ ފަދަ ކުޅުންތެރިން ގައުމީ ޓީމުގައި ބޮޑަށް ފާހަގަވާންފެށީ ޕެކަމަންގެ ގޭމްޕްލޭނުގެ ތެރެއިންނެވެ.
މިދިޔަ މާޗް މަހު ކޮލަމްބިއާ ވަނީ 3-2 އިން ފްރާންސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މެޗަށް ފަހު ޕެކަމަން ބުނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އަނެއްކާ ވެސް ކޮލަމްބިއާގެ ފަރާތުން ތަފާތު ކުޅުމެއް ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ކޮލަމްބިއާ ލައްވާލީ ނިސްބަތުން އުނދަގޫ ގްރޫޕެއްގަ އެވެ. އެ ޓީމު އޮތީ ސެނެގޯލާއި ޖަޕާން އަދި ޕޮލެންޑާ އެކު ގްރޫޕް އެޗްގަ އެވެ.