ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒާއި ސަންގެ އާޒިފް ހައްޔަރުކޮށްފި
ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒާއި ސަންގެ އާޒިފް ހައްޔަރުކޮށްފި

ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އާޒިފް މީގެ އިރުކޮޅެއް ކުރިން ހައްޔަރުކޮށްފި އެވެ.

އެ ދެ ނޫސްވެރިން ހައްޔަރުކުރީ މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވަން ހަމަޖައްސާފައިވާ އިސްލާމީ މަރުކަޒު ސަރަހައްދުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިސްލާމީ މަރުކަޒު ސަރަހައްދުން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ފުލުހުން "ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް" ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ އޮފިޝަލަކު ވިދާޅުވީ ފިޔާޒް ހައްޔަރުކުރީ ޖަލްސާގެ ލައިވް ކަވަރޭޖް ގެނެސްދެމުން ދަނިކޮށް ކަމަށެވެ.

"ލައިވް ކަވަރޭޖްގައި ފޯނުން ބުނި ތިމަންނަ ހައްޔަރުކޮށްގެން ގެންދަނީއޭ،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މުލިއާގެ ކައިރިން ބޮމެއް ފެނިގެން ބައެއް ސަރަހައްދުތައް ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނިކޮށް ފުލުހުންނަށް ހުރަސް އަޅައި، ފުލުހެއްގެ މޭ މަތީގައި ޖެހި ކަމަށް ބުނެ ފިޔާޒްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާއިރު ފިޔާޒް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.