ހަކުރު ބަލިން ދިފާއުކޮށްދޭ ބައެއް ކާނާ
ހަކުރު ބަލިން ދިފާއުކޮށްދޭ ބައެއް ކާނާ

ނަޓްސް އާއި އޮށް އަދި ތަރުކާރީ ތެޔޮ ބޭނުންކުރުމާ އެކު މަސް ކެވޭ ޖަނަވާރުން ލިއްބައިދޭ ފެޓްސް އަދި "ރިފައިންޑް ކާބޯހައިޑްރޭޓްސް" މަދުކުރުމުން ޓައިޕް 2 ޑައިބެޓީސް އިން ސަލާމަތްވުމަށް އެހިއަކަށްވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ވަރަށް ފުޅާ ދާއިރާއެއްގައި ކޮށްފައިވާ މި ދިރާސާއިން ދައްކަނީ ކެއުމަށް މި ބަދަލު ގެނައުމުން ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދިނުމާ އެކު އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުވާ ކަމަށެވެ.

"އިންސިއުލިން އަށް ރެސިސްޓެންސް ހަކުރުބަލީގެ ނުރައްކާ މުޅި ދުނިޔޭގައި ވެސް ވަނީ އާންމުވެފައި. ދިރާސާއިން ބާރު ލިބެނީ ކާނާގައި ވޮލްނަޓާއި ސަންޕްލާވާ އޮށާއި ސޯއީ ބީންސް އާއި ފްލެކްސީޑާއި މަސް ބޭނުންކުރުން އިތުރުކޮށް ރިފައިން ކޮށްފައި ހުންނަ ގޮވާމުގެ ބާވަތްތަކާއި ސްޓާޗާއި ހަކުރާއި ޖަނަވާރުން ލިބޭ ފެޓްގެ ބާވަތްތައް މަދުކުރުމަކީ ހަކުރު ބައްޔަށް ފަރުވާކުރުމުގައި އެހީއަކަށްވާކަން،" ބޮސްޓަންގެ ޓަފްޓްސް ޔުނިވަސިޓީގެ ސްކޫލް އޮފް ނިއުޓްރިޝަން ސައިންސް އެންޑް ޕޮލިސީގެ ޑީން އަދި ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި ޑރ. ޑެރިއުޝް މުޒައްފަރީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެލްތީ ފެޓްސްއާ މެދު ބިރުގަންނަން ނުޖެހޭކަން ވެސް މި ދިރާސާއިން ހާމަވެއްޖެ ކަމަށެވެ.

މި ދިރާސާކުރުމަށް ސައިންސްވެރިން ވަނީ 4660 މީހަކު ބައިވެރިކޮށްގެން ހަދާފައިވާ 102 ޓްރަޔަލްއެއްގެ މައުލޫމާތު އެއްކޮށްފަ އެވެ. މިއީ ޓައިޕް 2 ޑައެބެޓީސް ޖެހުމަށް އެކި ބާވަތުގެ ކާނާއިން މެދުވެރިކުރުވާ ސަބަބުތައް ދެނެގަތުމަށް ކޮށްފައިވާ އެކި ދިރާސާތަކެވެ.

މި ދިރާސާ ވަނީ ޕްލޮސް މެޑިސިންގެ، މި މަހުގެ 19 ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފަ އެވެ.