ގުއިލެމްގެ ބަދަލުގައި އާ ފޯވާޑެއް ނިއު އިން ގެންނަނީ
ގުއިލެމްގެ ބަދަލުގައި އާ ފޯވާޑެއް ނިއު އިން ގެންނަނީ

ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ނިއު ރޭޑިއަންޓް އިތުރަށް ވަރުގަދަކުރުމަށްޓަކައި ބިދޭސީ ފޯވާޑެއް ގެންނާނެ ކަމަށާއި އަދި ކޯޗުގެ ޕްލޭނުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު ދޫނުކުރާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ބިދޭސީ ފޯވާޑެއް ގެންނަނީ މި ސީޒަނުގައި ގެނައި ސްޕެއިން ފޯވާޑް ގުއިލެމް މާޓީ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން އޭނާ އަނބުރާ ފޮނުވާލާފައިވާތީ އެވެ.

ގުއިލެމްގެ ބަދަލުގައި، އަލީ އަޝްފާގް (ދަގަނޑޭ) އާ ނިއުގެ ފޯވާޑް ލައިނުގައި ބޮޑަށް ކުޅުނީ ޒުވާން ކުޅުންތެރިޔާ ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ. އަދި ފަހުން ބޮބީ މެދުތެރެއަށް ޖެއްސުމަށް ފަހު ފޯވާޑަކަށް ކުޅުނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ނިއު އިން ބައެއް ކުޅުންތެރިން ދޫކޮށްލާނެ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް އެ ކްލަބުން ބުނީ ކޯޗު އޮސްކާ ބްރުޒޮންގެ ޕްލޭނުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު ދޫނުކުރާނެ ކަމަށާއި އިތުރު ބައެއް ދިވެހި ކުޅުންތެރިން ވެސް އަތުވެދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޯޗުގެ ޕްލޭނުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު ދުލެއް ނުކުރާނަން. އިތުރު ދިވެހި ކުޅުންތެރިން ގުޅުމުގެ ފުރުސަތު ވެސް އެބައޮތް. ޔަގީނުން ވެސް ބިދޭސީ ފޯވާޑެއް ގެންނާނެ،" ނިއުގެ އިސް އޮފިޝަލަކު ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ވެސް ބުނީ އޮތް ޓީމު ހިފަހައްޓަން ބޭނުންވާ ކަމަށާއި އެއާ އެކު ބައެއް އިތުރު ކުޅުންތެރިން ވެސް ގެންނަން ބޭނުންވާ ކަމަށެވެ.

ސީޒަނުގެ ފުރަތަމަ ދެ މުބާރާތުގެ ތެރެއިން މާލޭ ލީގު ކާމިޔާބުކުރި ނަމަވެސް އޭއެފްސީ ކަޕުގައި ދެ ވަނަ ބުރަށް ދިއުމަށް ލިބުނު ފުރުސަތު ފަހު މެޗުން ގެއްލުނީ އެވެ. އެއާ އެކު ދެން އަމާޒަކީ ބާކީ އޮތް ތިން މުބާރާތުގެ ވެސް ތަށި ވެސް ނެގުން ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ. ދެން އޮތީ ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. ނިއު އަކީ މިދިޔަ ސީޒަނުގައި އެ ތިން މުބާރާތުގެ ވެސް ޗެމްޕިއަނެވެ.

މާލޭ ލީގުގައި ބާކީ އޮތް ދެ މެޗުގެ ތެރެއިން ނިއު މިރޭ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި މި މަހުގެ 19 ވަނަ ކުޅޭނީ މާޒިޔާއާ އެވެ. އެ މެޗަށް ފަހު ނިއު އަށް ޗެމްޕިއަން އައްޑަނަ ދޭނެ އެވެ.