08 ޖޫން 2018 - 09:43

ކައިވެނީގެ ހެދުމާ އެކު އަންހެން މީހާގެ އަތުގައި އޮންނަ ކުލަކުލައިގެ ހިތްގައިމު މާތަކުން ފަރުމާކޮށްފައި އޮންނަ މާބޮނޑި އަކީ ވަރަށް ހާއްސަ އެއްޗެކެވެ. ވެޑިން ޑްރެސް އެއާ ނުލައި ފުރިހަމައެއް ވެސް ނުވާނެ އެވެ.

ޒަމާނަށް އައި ބައެއް ބަދަލުތަކުގެ ތެރެއިން، ގުދުރަތީ މަލުގެ ބަދަލުގައި މަސްނޫއީ މަލުގެ ގުލްދަސްތާ ވެސް ބޭނުންކުރެ އެވެ. އެކަމަކު ކައިވެނީގެ ހަފުލާ ނިމޭ ހިސާބުން އެއީ ބޭކާރު އެއްޗަކަށްވެ އެވެ.

އިޓަލީގެ ރެސްޓޯރަންޓަކުން މި ވަނީ ޕިއްޒާއިން، ކާލެވޭ ގޮތަށް "މާބޮނޑި" ހަދައި މަގުބޫލުކަން ހޯދައިފަ އެވެ.
އިޓަލީގައި މި ޓްރެންޑް މިހާރު ވަނީ ވަރަށް ބޮޑަށް ވައިގައި ހިފަން ފަށައިފަ އެވެ. އަދި އިސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި މީގެ ވާހަކަ ވަރަށް ގަދަ އެވެ.
ރަހަމީރު ޕިއްޒާތަކަށް މަޝްހޫރު ރެސްޓޯރަންޓް، ވިލާ އިޓާލިއަން ކިޗަން އިން، މަލުގެ ބައްޓަމަށް ޕިއްޒާ ހަދައި، އެއިން "މާބޮނޑި" ހަދަނީ އެވެ.
ސުވާލަކީ މީގެ ސަބަބުން ވެޑިން ޑްރެސް ހަރާބު ނުވާނެ ހެއްޔެވެ؟
ޕިއްޒާ ބޮކޭ ފަރުމާ ކުރަނީ ޕިއްޒާ އަށް އަޅާ އެއްޗެހި ނުފައިބާ ގޮތަށް ބަލައިގެންނެވެ. ބޮކޭގެ އިތުރުން ކައިވެނީގެ ހަފުލާގައި ފިރިހެނުން ބޭނުން ކުރާ ސޫޓްގެ މޭމަތީގެ ވާތް ފަރާތުގައި ފިރިހެނުން ހަރު ކުރާ މަލަކީ ވެސް ހަމަ ކުޑަކުޑަ ޕިއްޒާއަކަށް ހެދި ދާނެ އެވެ. ސޫޓް ބާލަން ވީމައި، އޭތި ކާލީމައި ނިމުނީ އެވެ.
ވިލާ އިޓާލިއަން ކިޗަންގެ ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް މާކެޓިން ޑިރެކްޓަރު މިމީ ވުންޑަލިޗް ބުނީ ޕިއްޒާ ބޮކޭއަކީ ޕިއްޒާ އަށް ލޯބި ކުރާ މީހުންނަށް ހާއްސަ އެއްޗަކަށް ވާނެ ކަމަށެވެ.
"މިއީ އެފަދަ މީހުންގެ ހަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަހުގެ އެންމެ މުހިއްމު ހަފުލާގައި ޕިއްޒާ އަށް އޮތް ލޯބި އިތުރަށް ދައްލައިލެވޭނެ ކަމެއް ވެސް މެ،" އޭނާ ބުންޏެވެ. "އަހަރެމެންގެ މި އުންމީދަކީ ޕިއްޒާ ބޮކޭގެ މަގުބޫލުކަން މުޅި ދުނިޔޭގައި ވެސް ބޮޑުވެގެން ދިއުން. ޔަގީނުން ވެސް މިއީ ބޭކާރު އެއްޗަކަށް ނުވާނެ ކަހަލަ ގޮތެއް."