އެލިސަން ލިވަޕޫލަށް ގެންނަން ފިރްމީނޯ އެހީވަނީ
އެލިސަން ލިވަޕޫލަށް ގެންނަން ފިރްމީނޯ އެހީވަނީ

ލަންޑަން (ޖޫން 7) - ރޯމާ އަށް ކުޅޭ ބްރެޒިލް ގައުމީ ޓީމުގެ ގޯލްކީޕަރު އެލިސަން ބެކާ ލިވަޕޫލަށް ގެންނަން އެ ޓީމުގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެހީތެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ބްރެޒިލާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗަށް ފަހު ލިވަޕޫލުން ވަނީ އެލިސަންއާ އެކު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އަދި ވަރަށް އަވަހަށް ލިވަޕޫލުން އެލިސަން އަށް ބިޑްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލިވަޕޫލްގެ ފޯވާޑް ފިރްމީނޯ ބުނީ ލިވަޕޫލާ ބެހޭގޮތުން އޭނާ ގާތުން އެލިސަން ގިނަ ކަންތައްތަކެއް އޮޅުންފިލުވާފައިވާ ކަމަށެވެ. ލިވަޕޫލުން ވަނީ ދާދި ފަހުން މޮނާކޯ އަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ ގެނެސްފަ އެވެ.

"އަހަރެން ގާތުގައި އެލިސަން ވަނީ ލިވަޕޫލާ ބެހޭގޮތުން ވާހަކަ ދައްކާފައި. އަހަރެން ބޭނުން އޭނަ ލިވަޕޫލަށް ގެންނަން. އޭނަ އަށް އެބަހުރި އެހެން ކްލަބްތަކުން ވެސް ހުށަހެޅުން ލިބިފައި. ގޮތެއް ނިންމާނީ އޭނަ އާއި އޭޖެންޓް މަޝްވަރާ ކުރުމަށް ފަހު،" ފިރްމީނޯ ބުންޏެވެ.

ބްރެޒިލްގެ އިންޓަނާސިއަނަލް އިން 2016 ވަނަ އަހަރު ރޯމާއާ ގުޅުނު އުމުރުން 25 އަހަރުގެ ކީޕަރު ވަނީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގާއި ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ރޯމާ ދަތުުރުކުއިރު، ސެމީގެ ކުރިން ރޯމްގައި ކުޅުނު އެއްވެސް މެޗެއްގައި އޭނާ ކޮޅަށް ގޯލެއް ނުވަދެ އެވެ. ޗެމްޕިއަންސް ލީގުގެ ޑްރީމް ޓީމުގައި ވެސް އެލިސަން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރޯމާ އިން އޭނާ އަށް ކަނޑައަޅާފައިވާ އަގަކީ 70 މިލިއަން ޔޫރޯ އެވެ. އެ އަގަށް އޭނާ ވިއްކާލައިފި ނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރަށެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސް އަތުން ބޮޑު ދެ ގޯހެއް ހެދި އެ ޓީމު ބަލިވިއިރު، އަންނަ ސީޒަނުގައި ލިވަޕޫލުން އަންނަނީ ފެންވަރު ރަނގަޅު ކީޕަރެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެލިސަންގެ ނުލިބިއްޖެނަމަ ދެން ލިވަޕޫލުން މަސައްކަތްކުރާނީ އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ސްލޮވީނިއާގެ ގޯލްކީޕަރު ޖެން އޮބްލަކް ނޫނީ ސްޓޯކް ސިޓީ އަށް ކުޅޭ އިނގިރޭސި ގައުމީ ޓީމުގެ ޖެކް ބަޓްލަންޑް ހޯދާށެވެ.