07 ޖޫން 2018 - 08:06

އިއްޔެ އާ ގުޅޭ
ގެއަށް އައި މަގުމަތީގައި ޝާޒްލީ ވަނީ، ބުޅަލަށް ކާންދޭ އެއްޗެހި ވިއްކާ ފިހާރަޔަކަށެވެ. އެއީ ޝާޒްލީ އާންމުކޮށް ވަންނަ ފިހާރައެއް ނޫނެވެ. އެ ތަނުގައި ވަރަށް ގިނަ ވައްތަރުތަކުގެ ކާނާ ހުއްޓެވެ. ޝާޒްލީ ގަންނަ ޕަކެޓުގެ އިތުރަށް ކުދިކުދި ދަޅުތަކެއް ވެސް ހުއްޓެވެ. ރަހަ ތަފާތުކޮށްލަން އޭގެ ދަޅެއް ގަންނާނަމޭ ހީކޮށް އެއް ދަޅު ނެގިއެވެ. ނެގިތަނާ އެހެން ވައްތަރެއްގެ ދަޅެއް ތަންކޮޅެއް އެތެރެއިން ފެނުނެވެ. މާ ބޮޑު ސަމާލުކަމެއް ދިނުމަކާ ނުލައި އެ ދަޅު ދަމައިގަތް ވަގުތު، މަތީގައި ހުރި ދެ ދަޅު ކައްސައިލިއެވެ. އެ ދަޅު ހިފަހައްޓަން ކުއްލިއަކަށް އަތް ގެންދިޔަ ވަގުތު ދެން ހުރި ދަޅުތަކުގައި ޖެހިފައި ވީނުވީއެއް ނޭނގެއެވެ. އެ ގޮޅީގައި ހުރި ދަޅުތަކުން ބަޔެއް ފައިބައިގަތެވެ. ތިރީގައި ހުރި ދޫނިކޮށިތަކެއްގެ މައްޗަށެވެ. ޝާޒްލީގެ ފައިމައްޗަށް ދަޅެއް ވެއްޓިދާނެތީ ޝާޒްލީއަށް ޖެހިލެވުނީ ފަހަތަށެވެ. ފަހަތުގައި ހުރި ފޮށިގަނޑެއްގައި އަޅައިގެންފައި ކޮންޓުރޯލު ނުކުރެވިގެން ޝާޒްލީ ވެސް ވެއްޓުނެވެ. އަޑުފަށްގަނޑު ގަދަވެގެން ސޭޓު ދުވެފައި އައެވެ. އޭރު ޝާޒްލީ ތެދުވަނީއެވެ.
"ޗަންދުރާ؟" ޢަލީއަށް ބުނެވުނެވެ.
ޝާޒްލީ ބަލައިލިއިރު ކުރިމަތީގައި ހުރީ ޢަލީއެވެ.
"ދެން އެހެން ނުކިޔަބަލަ!" ފޫހިވެފައި ޝާޒްލީ ބުންޏެވެ. "އަހަންނަށް ކިޔަނީ ޝާޒްލީއޭ!"
ޢަލީ ބޭނުން ކަންތައް ވިއެވެ. ޝާޒްލީ ތެދުވިއެވެ. ގައިގެ އެތަންމިތަން ފޮޅިއެވެ. އެ ވަގުތު ވެސް ދެތިން ދަޅެއް ވެއްޓުނެވެ. ބައެއް ދަޅު ބަނޑި ވެސް ވިއެވެ. ފުރޮޅެމުން ތަންތާނގެ ދަށަށް ވެސް ވަނެވެ.
"ސޮރީ!" ޝާޒްލީ ބުންޏެވެ.
"ތީ އެއްވެސް ކަމެއް ނޫން،" ޢަލީ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ދުވާލަކު ހަޔެއްކަ ފަހަރު ތި ދަޅުތައް ފުންމައިލާނެ. ވަރަށް ބެލެންސް ނުވާ ގޮތަކަށްނު ހުންނަނީ."
ޢަލީ އެހެން ބުނުމުން ޝާޒްލީގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.
"ކޯޗެއް ގަންނަން ތި އުޅެނީ؟" ޢަލީ ސުވާލުކުރިއެވެ.
"ކެޓްފުޑް!" ޝާޒްލީ އަތުގައި އޮތް ދަޅު ދައްކައިލަމުން ބުންޏެވެ.
"ތިއަށް ވުރެ ހިނގާއެއްޗެއް މީ!" މަސްދަޅު ސައިޒުގެ ދަޅެއް ދައްކައިލަމުން ޢަލީ ބުންޏެވެ.
ޝާޒްލީ އެ ދަޅު ބަލައިލިއެވެ. ދަޅުގެ ބޭރުގައި ޖަހައިފައިވަނީ ސީދާ ޝާޒްލީ ގެންގުޅޭ ވައްތަރުގެ ބުޅަލެކެވެ.
"އެހެންތަ؟ ތި ގެންދާނީ!" ވެއްޓިފައި ހުރި ދަޅުތައް ނަގަން ގުދުވަމުން ޝާޒްލީ ބުންޏެވެ.
"ތި ބަހައްޓާ!" ޢަލީ އެދުނެވެ. "ސޭޓަށް އެހާ ފަސޭހަކުރާކަށް ނުވާނެ! މިހާރު އޭނަ ނުލާހިކު ކަންނެތް!"
ޝާޒްލީ ހެމުންހެމުން ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ.
"އަހަރެން ހީކުރީ ތީ ކަމަށް ސޭޓަކީ!" ޝާޒްލީ ބުންޏެވެ.
"މަށަކަށް ނުކެރެވޭނެ ސޭޓުކަމެއް،" ޗޮކެއްކަނޑައިފައި ޢަލީ ބުންޏެވެ. "ފްރެންޑެއްގެ ތަނެއް މީ. އޭނަ ހިނގައްޖެ ޓޮއިލެޓަށް. އިތުރު އެއްޗެއް ބޭނުން؟"
ޝާޒްލީ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރައިލިއެވެ. އަދި އަގު އަހައިފައި ފައިސާދެއްކިއެވެ.
"އެއްކަލަ ބަނބުކެޔޮ ހާދަ މިރޭ އިނގޭ!" ޝާޒްލީ ހުރީ ވާހަކަދައްކާހިތް ވެފައެވެ.
"ޝުކުރިއްޔާ!" ޢަލީ ވެސް ހުރީ ހަމަ އެ ފަދަ ހާލަތެއްގައެވެ. "އެނގޭތަ! އަހަންނަކީ ބަނބުކެޔޮ ކާ މީހެއް ނޫނޭ! ކައިފިއްޔާ މަ އަބަދު ހުންނާނީ ބިމުން ކެޓިފަ. އެކަމަކު ވަރަށް ކޮފީ ބޯހިތްވޭ! ޝާޒްލީ ތިހާ ބޭނުމިއްޔާ ހިނގާ ކޮފީއެއް ބޯލަން."
ކޮފީބޯން ދާކަށް ޝާޒްލީއެއް ނުބުނެއެވެ. އެހެންނަމަވެސް ޢަލީގެ އުކުޅު ޝާޒްލީއަށް ވަރަށް ކަމުދިޔައެވެ.
"ދެން ފިހާރަ އޮޓޯއަށް ލަނީ؟" ހެމުންހެމުން ޝާޒްލީ އެހިއެވެ.
އެ ވަގުތު ފިހާރައިގެ ސޭޓު އައިސް ވަނެވެ.
"ތޭންކްސް!" ޢަލީއާ ދިމާއަށް ސޭޓު ބުންޏެވެ.
"އުހުނ!" ޢަލީ ޝުކުރުވެރިކަމާ އެކުގައި ބުންޏެވެ. "ތޭންކްސް!"
އިރާދަމުގެ ވަގުތެވެ. ހޮސްޕިޓަލުން ކުރަންދިޔަ ކަންތައް ނިންމައިގެން ނިޝާ ދިޔާއީ ގެއަށެވެ. ފިރިމީހާގެ ސައިކަލު ފަހަތުގައެވެ. ދަރުބާރުގޭ ކައިރިން ދަނިކޮށް ސައިކަލުގެ އަލި އެޅުނީ އަޒްރާގެ މޫނަށެވެ. އަޒްރާ އިނީ ގަސްތަކުގެ ތެރޭގައި ހުރި ބެންޗެއްގައެވެ.
"ހުއްޓަބަލަ ހުއްޓަބަލަ!" ނިޝާ އެދުނެވެ.
ސައިކަލު ހުއްޓުމުން ދެވަނަ ފަހަރަށް ނިޝާ ބަލައިލިއެވެ. ހީވީ ރަނގަޅަށެވެ. އެކަނިމާއެކަނި ގޮނޑީގައި އިށީނދެލައިގެން އިނީ އަޒްރާއެވެ.
"އަޒޫ ކީއްކުރަން އެ ތަނުގަ އެ އިންނަނީ؟" ހިތާހިތުން ނިޝާ ބުންޏެވެ. "ލޯބި ދޭ ގެއަށް. މަ ދާނަން އިރުކޮޅަކުން."
ފިރިމީހާ ފޮނުވައިލައިފައި ނިޝާ މަޑުމަޑުން ގޮސް އަޒްރާ ގާތަށް ހުއްޓުނެވެ. އަޒްރާއަށް ނިޝާ ފެނުނީ ހުއްޓުނު ފަހުންނެވެ.
"ނިޝާ ކީއްތިކުރަނީ؟" އަޒްރާ ސިހިފައި އެހިއެވެ.
"އަހަރެން ކަންނޭނގެ ތި ސުވާލު ކުރަންވީ." ނިޝާ އިށީންނަމުން ބުންޏެވެ.
ނިޝާ އިށީނުމުން އަޒްރާއަށް އުނދަގޫވިއެވެ. ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ވަރަށް ރަނގަޅަށް ނިޝާއަށް އެ ކަން ފާހަގަވިއެވެ.
"ދެން ހަމަ ވައިޖައްސައިލަން އިނދެލީ!" އަޒްރާ ބުންޏެވެ.
"މި ގަޑީގަ ވައިޖައްސައިލަން؟" ނިޝާ ހައިރާންވެފައި ބުންޏެވެ. "އެކަނިމާއެކަނި."
"ނިޝާ ރަނގަޅަށް އެނގޭނެ މަ ގޮވައިގެން މި ތަނަށް އަންނަން މަގޭ ފިރިމީހާއަށް ޓައިމެއް ނުވާނެކަން،" އަޒްރާ ހިތްހަމަނުޖެހިފައި ބުންޏެވެ. "ނިޝާ ތިއުޅެނީ ބުރުޖަހަން ނުކުމެ. އަހަންނަށް ކީއްވެ ފިނިކޮށްލަން މި ތަނަށް ނާދެވޭންވީ؟"
"މި ތަނަކަށް ވަޔެއް ނުޖެހެޔޭ!" ގަސްތައް ދައްކައިލަމުން ނިޝާ ބުންޏެވެ. "ގަހެއްގެ ފަތެއްހާ ހިސާބު ވެސް ނުހެލޭ! މި ތާ ބޯގޮއްވަން އިންނާނެކަމެއް ނެތް! ހިނގާ ގެއަށް ދަމާ!"
އަޒްރާއެއް ނުދިޔައެވެ. ފަރުހާދު ދުރުގައި ބަލަހައްޓައިގެން ހުރިތަން އަޒްރާއަށް ފެނެއެވެ.
"އަހަރެން ގެއަށް ގެންދިޔުމުގެ ބަދަލުގަ ނިޝާ ގުޅާބަލަ ޅިޔަންބެއަށް،" އަޒްރާ ތެދުވަމުން ބުންޏެވެ. "އޭނަ ގާތުގަ ބުނެބަލަ ގެއަށް ވަދެލަބަލާށޭ! ކުދިންގެ ހާލުބަލައިލަބަލާށޭ! ލައްކަ ދުވަހު އޭނަ ތިރީ ގޮފިން މޭވާ ބިނދެފިއެއްނު! ހުރެބަލަ މާލެއަންނައިރަށް ކޯޓަށް ސިޓީ ވައްޓާލާނަން."
އަޒްރާ ދިޔައީ ފަރުހާދާ ދިމާއަށެވެ. ނިޝާއަށް އެ މަންޒަރު ފޮރުވުމުގެ ބަދަލުގައި އަޒްރާ ބޭނުންވީ ނިޝާއަށް އެ ކަން އެނގޭށެވެ. ވީހާ ވެސް އަވަހަކަށް ޖިނާއާ ހަމަޔަށް އެ ޚަބަރު ދާށެވެ. ބެންޗުގައި އިނދެފައި ޖިނާއަށް ނިޝާ ގުޅިއެވެ.
"ކިހިނެއްވީ؟" ޖިނާ ފޯނު ނެގިއެވެ.
މާވަޑިއަކު ގެނެސްގެން ކޮޓަރީގައި އާ ދޮރުފަތެއް ހަރުކުރާތީ ޖިނާ ހުރީ އެ ތަނުގައެވެ. ސަމަދު ވެސް ހުއްޓެވެ. ދޮރުފަތުގެ ބޮޑުބަޔެއް ހުރީ އަނދައިފައެވެ.
"ހާދަހާ އަޑުފަށްގަނޑު ގަދައޭ،" ނިޝާ ބުންޏެވެ. "އަޑު މަޑު ހިސާބަކަށް ދޭބަލަ! އެބަޖެހޭ ވަރަށް ބޮޑު ވާހަކައެއް ދައްކަން. މީހަކަށް އަޑުނީވޭ ހިސާބަކު ހުންނާތި!"
ޖިނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
"ކޮން ވަޑާމެއް ޖެހިގެން ތި އުޅެނީ؟" ޖިނާ ސުވާލުކުރިއެވެ.
"އަހަންނަކަށް ނޭނގެ ވާހަކަ ފައްޓާނެ ހިސާބެއް ވެސް،" ނިޝާ ބުންޏެވެ. "ކައިވެނި ސަލާމަތްކުރަން ބޭނުމިއްޔާ ޖިނާ އެބަޖެހޭ މާލެއަށް އަންނަން. މި ކޮޅުގަ ހުރުން ވަރަށް މުހިންމު. ފަހަރެއްގަ ވެދާނެ މިހާރު މާ ލަސްވެއްޖެ ކަމަށް ވެސް. ދަރުބާރުގޭ ކައިރީގަ ހުންނަ ގަސްތަކުގެ ތެރެއަށް ވަދެގެން އަޒޫ ކުރަން އޮންނާނީ ކޮން ކަމެއް؟ އަހަރެން މިހިރީ އެ ތާނގަ. ބުނެފި ޖިނާ މާލެއަންނަ އިރަށް ވަރިވާން ކޯޓަށް ސިޓީ ލާނަމޭ ވެސް. މިހާރު ގޮސް ގަސްތަކުގެ އެންމެ އެތެރެއަށް ވަދެއްޖެ!"
"އެކަނި؟" ޖިނާ އެހިއެވެ.
"ހީވަނީ އެކަނިހެން އަދި ހުރީ!" ނިޝާ ރަނގަޅަށް ބަލައިލައިފައި ބުންޏެވެ.
ފޯނު ބާއްވައިފައި ޖިނާ ވިސްނައިލިއެވެ. ވަގުތުން ނާގިތުގެ ނަން ހޯދިއެވެ. އެހެންނަމަވެސް ނާގިތަށް ގުޅުމުގެ ކުރިން ޖިނާ ފުންކޮށް ވިސްނިއެވެ. ޖިނާއަކީ، ކުރާ މަސައްކަތެއް ވަރަށް ރަނގަޅަށް ކުރާ މީހެކެވެ. ނަތީޖާ ނެރޭ މީހެކެވެ. ގުރައިދޫއަށް އައިތާ ދެތިން ދުވަސް ނުވެ ނާގިތަށް ގުޅައިފައި ޗުއްޓީއަކަށް ރޮއިގަތުމަކީ ޖިނާގެ އުސާލުތަކާ ފުށުއަރާ ކަމެކެވެ. ނާގިތުގެ ކުރިމަތީގައި ޖިނާގެ އަގުވެއްޓޭނެ ކަމެކެވެ. އާރުލާ ކަހަލަ ކޮންމެވެސް ނަތީޖާއަށް ޖިނާ ނެރެން ޖެހޭނެއެވެ. ޗުއްޓީއަކަށް އެދެންވާނީ އެއަށް ފަހުގައެވެ. އެހެން މީހުންނާއި ޖިނާއާ ދެމެދު ފަރަގެއް އޮންނަން ޖެހޭނެއެވެ.
ނިކަން ބާރަށް ދުއްވައިފައި އައި ޖެޓްސްކީއެއް ތިލަ ހިސާބަށް މަޑުކޮށްލިއެވެ. އޭގައި ތިބީ ޢަލީއާއި ޝާޒްލީއެވެ.
"ރަށުގެ ކޮންމެ ސްޓާފަކަށް ވެސް މި ގޮތަށް ޖެޓްސްކީ ލިބޭތަ؟" މޫދަށް ފައިބަމުން ޝާޒްލީ އެހިއެވެ.
"ކޮންތާކު!" ޢަލީ ޖަވާބުދިނެވެ. "ވޯޓަރސްޕޯޓްސްގަ އިންނަނީ ރަށު އެންމެންގެ ބެސްޓްފްރެންޑެއް ނޫނޭ. ބޭނުންތަ ޕެރަސެއިލް ޓްރައިކޮށްލަން. ވަރަށް މަޖާވާނެ. އޮފް ދުވަހު މި ކަހަލަ ކަމެއް ކޮށްލެވޭނީ."
ޝާޒްލީއަކަށް ނުކެރުނެވެ. އެހެންކަމުން ދެ މީހުން ދިޔައީ ކޮފީބާއަށެވެ.
"އަސްލު ސްޓާފުންނަކަށް ނާދެވޭނެ އިނގޭ މިތާކަށް ވެސް،" ގޮނޑިއެއް ދަމައިލަމުން ޢަލީ ބުންޏެވެ. "އެކަމަކު އަހަރެންގެ ކަނެކްޝަން ވަރަށް ރަނގަޅުވާނެ. މަ ނުޖެހޭނެ އޯޑަރުދޭކަށް ވެސް. މާ ކުރިން ހަމަޖައްސާފަ އޮންނާނީ."
"ރިސޯޓު ޖޮބް މާ ސަޅިއޭ ދޯ؟" ޝާޒްލީ އިށީންނަމުން ބުންޏެވެ. "ކީއްކުރަން އައްޔަ މާލެއަށް ދަނީ؟"
"އަހަރެން ނުވެޔޭ މާލެދާހިތެއް،" ޢަލީ ބުންޏެވެ. "މަންމަޔާ ހެދި މާލެދާންޖެހުނީ. އެއީ ވަރަށް ދިގު ސްޓޯރީއެއް. ކުރުކޮށް ބުނަންޏާ، ބައްޕަ ހޯދަންވެގެން އަހަރެން ފޮނުވީ. އެކަމަކު ބައްޕަދެކެ ވާ ފޫހިން އެ ކަމާ ނޫޅެވިގެން މިއުޅެނީ. އަހަރުމެންނަށް ވަރަށް ގޯސްކޮށޭ ބައްޕަ ކަންތައް ކުރީ. ސީރިޔަސްކޮށް. މަކަރުހަދާފަ ހަމަ ކުއްލިއަކަށް ފިލީ. އެ ވާހަކަ އިހަށް ޕާކްކޮށްލާ! ޝާޒްލީ ކީއްވެ ކިޔެވުން ހުއްޓާލީ؟"
ސާޒްލީ ވެސް ކިޔައިދޭން އޮތީ އަހާހިތްވާ ކަހަލަ ވާހަކައެއް ނޫނެވެ. އެކަމަކު، ޢަލީގެ ޒާތީ ވާހަކަ ހިއްސާ ކުރީމައި ޝާޒްލީ ވެސް އެ ވާހަކަ ކިޔައިދިނެވެ.
"އަހަރެންގެ ޕޭރަންޓުން އެބަތިބި!" ޝާޒްލީ ބުންޏެވެ. "އެކަމަކު ވަރަށް ޑިޕްރެސިން. ޑެޑްއަކަށް މާލެއަކު ނުހުރެވޭ! މަންމަގެ ޓީންއޭޖު އަދިވެސް ނުނިމޭ! ހީވަނީ ދެން ޑެޑް މާލެއަންނައިރަށް މަމް ޑިވޯސްވާނެހެން. އެހެންވެއްޖެއްޔާ ވަރަށް ސަކަރާތްވާނެ."
ކޮފީ ހިފައިގެން ވެއިޓަރު އައެވެ. ކޭކުފޮއްޗެއް ވެސް ގެނައެވެ.
"މީ ކޮން ކޭކެއް؟" ޢަލީ އެހިއެވެ.
"އޯޑަރު އައިއްސަ އޮތް ގޮތް!" ވެއިޓަރު ހިނިތުންވެލައިފައި ބުންޏެވެ.
ނުނިމޭ