ތެޔޮ ހޮޅި އަޅަން ޗައިނާ ކުންފުންޏަކަށް ދިނުމުގައި ގޯހެއް ނޫޅޭނެ: ނަޖީބު
ތެޔޮ ހޮޅި އަޅަން ޗައިނާ ކުންފުންޏަކަށް ދިނުމުގައި ގޯހެއް ނޫޅޭނެ: ނަޖީބު

ކުއާލަ ލަމްޕޫރު (ޖޫން 6) - ތެލާއި ގޭސް ހޮޅިއެއް އަޅަން ޗައިނާގެ ކުންފުންޏަކަށް 9.4 ބިލިއަން ރިންގިޓް (2.4 ބިލިއަން ޑޮލަރު)ގެ މަޝްރޫއު ހަވާލު ކުރުމުގައި ގޯހެއް ނޫޅޭނެ ކަމަށް މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.

ނަމަވެސް އާ ސަރުކާރުން ވަނީ މެލޭޝިއާގެ ފިނޭންސް މިނިސްޓްރީގެ ދަށުގައިވާ ކުންފުންޏަކުން ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް އެ މަޝްރޫއު ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މެލޭޝިއާގެ ފިނޭންސް މިނިސްޓަރު ލިމް ގުއާން އެންގް ވިދާޅުވީ މަޝްރޫއުގެ 13 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު ޗައިނާ ކުންފުންޏަށް 8.25 ބިލިއަން ރިންގިޓް ދަށްކައިފައިވާ ކަމަށެވެ. އަދި އެއީ މަޝްރޫއުގެ އަގުގެ 88 ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ.

ލިމް ވިދާޅުވީ މި މަޝްރޫއުގައި ޝައްކު ކުރެވޭ ކަންކަން ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅަން އަންގާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ފަހަތުގައިވާ ކުންފުންޏާއި 1އެމްޑީބީގެ ކޮރަޕްޝަނާ ގުޅުންތަކެއްވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.

މަޝްރޫއުގެ 85 ޕަސެންޓް ފައިނޭންސް ކުރާ ގޮތަށް ހަމަޖެހިފައި އޮތީ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާ އިން ކަމަށާއި ބާކީ ބައި ހަމަޖައްސަނީ ސުކޫކް (އިސްލާމިކް ބޮންޑް) ވިއްކައިގެން ކަމަށް ވެސް ލިމް ވިދާޅުވި އެވެ.

ނަޖީބު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މަޝްރޫއު ހަވާލު ކުރުމުގައި ބޭނުންވާނެ ހުރިހާ އިޖްރާއަތްތަކެއް ފުރިހަމަކޮށްފައިވާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ އެމްއޯޔޫގައި 2017 ވަނަ އަހަރު ބެއިޖިންގައި ސޮއިކުރީ އޭނާ އާއި ޗައިނާގެ ބޮޑު ވަޒީރު ލި ކެގިއަންގެ ހާޒިރުގައި ކަމަށް ވެސް ނަޖީބު ވިދާޅުވި އެވެ.

ނަޖީބުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާ ގުޅޭ ގޮތުން އޭނާއާ މިހާރު ވަނީ ދެ ފަހަރެއްގެ މަތިން ސުވާލުކޮށްފަ އެވެ. އެންމެ ބޮޑު ތުހުމަތެއް ކޮށްފައި ވަނީ 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނާ އެވެ. އެ ބޭންކުން ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ.