08 ޖޫން 2018 - 09:46

ރަންވީރް ސިންގް އާއި ސާރާ އަލީ ހާން ލީޑް ރޯލް ކުޅޭ، ރޯހިތު ޝެޓީގެ ފިލްމް "ސިމްބާ" ގެ ޝޫޓިން ބުދަ ދުވަހު ހައިދަރްބާދުގައި ފަށައިފި އެވެ.
ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ރަންވީރް ވަނީ އިސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ފިލްމްގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ވެސް ވަނީ އެ ފޮޓޯ ޓްވީޓްކޮށްފަ އެވެ.
އޭނާގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ "ސިމްބާ" އަކީ 2015 ގައި ރިލީޒް ކުރި ތެލެގޫ ފިލްމް "ޓެމްޕާ" އަސްލަކަށް ބަލައިގެން ހަދާ އެކްޝަން މަސާލާ ފިލްމެކެވެ. މީގައި ރަންވީރު ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ.
ފިލްމްގެ ޝޫޓިންގެ ފުރަތަމަ ދުވަހު ރަންވީރު ހިއްސާ ކުރި ފޮޓޯ އިން އޭނާގެ ލުކްސް ވެސް ދައްކައިލައިވާ އިރު، ބެލެވޭ ގޮތުން އޭނާ ފެނިގެން ދާނީ ރޯހިތު ޑައިރެކްޓް ކުރި "ސިންގަމް" ގެ ފިލްމްތަކުގައި އަޖޭ ދޭވްގަން ފެނުނު ލުކުސް އިންނެވެ.
އަޖޭ ކުޅުނު ފުލުހެއްގެ ކެރެކްޓާގައި ވެސް ހުންނަނީ މަތިމަހެއް ލައިފައި އެވެ. އަދި އާންމުކޮށް އަވި އައިނެއް އަޅައިގެންނެވެ. ފޮޓޯގައި ރަންވީރް ވެސް ހުރީ އައިނެއް އަޅައިގެންނެވެ.
"ސިމްބާ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ގަ އެވެ. މި ފިލްމްވެގެން ދާނީ މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ކާމިޔާބު ފިލްމް "ޕަދްމާވަތު" އަށް ފަހު، ރަންވީރު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
"ސިމްބާ" އަކީ ސައިފް އަލީ ހާންގެ ދަރިފުޅު ސާރާގެ ދެވަނަ ފިލްމެވެ. އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ ނޮވެމްބަރު 30 ގައި ރިލީޒް ކުރާ "ކެދަރްނާތު" އެވެ. އަބީޝެކް ކަޕޫރް ޑައިރެކްޓް ކުރާ ފިލްމްގެ ބަތަލަކީ ސުޝާންތު ސިންގް ރާޖްޕޫތެވެ.
ރޯހިތު އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ މިދިޔަ އަހަރު 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދި "ގޯލްމާލް އެގެއިން" އެވެ.