06 ޖޫން 2018 - 18:12

އޭނާގެ ވެރިކަމެއްގައި، މިހާރު ހިންގާ ސަރުކާރުގެ ގިނަ ކުންފުނިތައް އެއްކޮށްލައި ޕްރައިވަޓައިޒް ކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއް އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރުގެ ވެރިކަމެއްގައި، ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާ ގުޅޭ ސިޔާސަތު އާންމު ކުރައްވަމުން އޭނާ ވިދާޅުވީ، ވިޔަފާރި ކުރާ އާއްމުންގެ އަތުން ޓެކްސް ނަގައިގެން ސަރުކާރާއި މުޅި ދައުލަތް ހިންގާއިރު، އެ ވިޔަފާރީގެ ތެރެއަށް ސަރުކާރުގެ ކުންފުނިތަކުން ވަދެ، އާއްމުން ވިޔަފާރިތަކާ ވާދަކުރުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ.
އުމަރު ގެންގުޅުއްވާނެ ވިޔަފާރިއާ ބެހޭ ސިޔާސަތު ބުނާ ގޮތުން، އެއީ، މި ޒަމާނުގެ އިގުތިސޯދީ ހަމަތަކާ މުޅިން ހިލާފު ކަމެކެވެ.
އުމަރު ވިދާޅުވި ގޮތުގައި އާއްމު ރައްޔިތުންނަށް މުދާ އަގު ހެޔޮކޮށްދިނުމުގެ ނަމުގައި އެ ގޮތަށް ކަންތައް ކުރުމުން ވިޔަަފާރިތައް ފިތި، ކުރިއެރުން ހުއްޓި އަދި ވިޔަފާރީގެ ބާޒާރުން އާއްމު ވިޔަފާރިތައް ބާކީ ވެދާނެ އެވެ. އެހެންވެ، އޭނާގެ ވެރިކަމެއްގައި، ސަރުކާރުން ބައިވެރިވާނީ އެކަމެއް ނުކުރުމުގެ ސަބަބުން މުޅި ރައްޔިތުންނަށް އަސަރު ފޯރަފާނެ ކަމަށް ފެންނަ ބާވަތްތަކުގެ ވިޔަފާރީގައި އެކަނި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ވޯލްޑް ބޭންކުން 2015 ވަނަ އަހަރު އާއްމުކުރި ރިޕޯޓަކާ ހަވާލާދީ އުމަރު ވިދާޅުވީ، ސަރުކާރުގެ 65 އަށް ވުރެ ގިނަ ކުންފުނި ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ. ނަމަވެސް، އޭގެ ތެރެއިން ފައިދާ ނެރެވެނީ އެންމެ ނުވަ ކުންފުންޏަކަށް ކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، އުމަރުގެ ވެރިކަމެއްގައި، ސަރުކާރުގެ 80 ޕަސެންޓް ކުންފުނި އެއްކޮށްލައި ޕްރަވެއިޓައިޒް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި، ރާއްޖޭގައި މިހާރު ހުރި ގިނަ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އާއްމު ވިޔަފާރިތަކާ ވާދަކުރާ ހުރިހާ ބާވަތުގެ ވިޔަފާރިތަކެއް ރައްޔިތުންގެ އަތްމައްޗަށް ބަދަލުކޮށްލައި، ސަރުކާރު ކުންފުނިތަކުގެ ތެރެއިން 80 ޕަސެންޓް ކުންފުނި އެއްކޮށް ޕްރައިވެޓައިޒް ކުރެވޭނެ. އަދި ޕްރައިވެޓައިޒް ނުކުރާ ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިންގާ ވިޔަފާރީގެ ތެރެއިން، އާއްމު ވިޔަފާރިތަކާ ވާދަކުރާ ބާވަތުގެ ހުރިހާ ވިޔަފާރިތަކެއް ހުއްޓާލައި އާއްމު ވިޔަފާރިތަކަށް ފުރުސަތު ދީ ދިވެހިން މުދާވެރި ކޮށްދެވޭނެ،" އުމަރު ވިދާޅުވި އެވެ.
ޕްރައިވެޓައިޒް ކުރާ ކުންފުނިތަކުގެ ހިއްސާތައް، އެ ކުންފުންޏެއްގެ މުވައްޒަފުންނަށާއި ދައުލަތަށް ޚިދުމަތް ކުރާ އެހެނިހެން މުވައްޒަފުންނަށް ދިނުމަކީ އުމަރުގެ ވިޔަފާރީގެ ސިޔާސަތުގައި ހިމަނާފައިވާ ކަމެކެވެ. އަދި ބައެއް ހިއްސާތައް، އަމިއްލަ ފަރާތްތަކަށް ވިއްކާލައި، ސަރުކާރަކީ ވިޔަފާރީގައި އާއްމުންނާ ވާދަނުކުރެވޭ ބައެއް ކަމަށް ހަމަޖައްސާނެ އެވެ. އޭގެ ނަތީޖާ އަކީ އުމަރު ވިދާޅުވި ގޮތުގައި، ދިވެހިންގެ މުދާވެރިކަން އިތުރުވުމެވެ.
"މި ސިޔާސަތުގެ ނަތީޖާ އަކަށް ވާނީ ދިވެހީންގެ މުދާވެރިކަން އިތުރުވެ، މަދުވެގެން 30،000 ދިވެހީންނަކީ ކޮންމެ ވެސް ކުންފުންޏެއްގެ ހިއްސާއެއް އޮންނަ މީހަކަށް ވެގެން ދިއުން. ސަރުކާރުން ކޮންމެހެން ހިންގަން ޖެހޭ ކުންފުނިތައް ހިންގާނީ ވެސް، އެ ކުންފުނިތަކުގެ ގިނަ މަސައްކަތްތައް އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން،" އުމަރު ވިދާޅުވި އެވެ.
ސަރުކާރަކީ ވިޔަފާރިކޮށް، މުދާ ގަނެ ވިއްކާ ބައެއް ނޫން ކަމަށާއި ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ ވިޔަފާރިތައް ރެގިއުލޭޓް ކުރުމާއި އާއްމު ވިޔަފާރިތަކަށް ރައްކާތެރިކަން ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕްރައިވަޓައިޒޭޝަނާއި އައުޓްސޯސިންގެ މި ސިޔާސަތުތައް ތަންފީޒު ކުރަމުން ދާއިރު މަސައްކަތްތައް ހަވާލު ކުރެވޭނީ ދިވެހި ކުންފުނިތަކާ. ހިއްސާ ދޫކުރެވޭނީ ސީދާ ދިވެހިންނަށް. މި ބަދަލުތައް ވެގެން ދާނީ އިންތިލާބީ ބަދަލަކަށް. އެތަކެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާވެ، އިތުރު ބަޔަކު ވިޔަފާރީގެ ތެރެއަށް ވަދެ، އިތުރު ޓެކްސް ސަރުކާރަށް ލިބި ޒުވާނުންގެ ވަޒީފާތައް އިތުރުވެ އޭގެ ސަބަބުން ރައްޔިތުންނާއި ދައުލަތް އިތުރަށް މުއްސަނދި ވެގެން ދާނެ. މިއީ ދިވެހިން މުދާވެރިކަން ކޮށްދޭން އާ މިސްރާބު،" އުމަރުގެ ވިޔަފާރީގެ ސިޔާސަތު އާންމު ކުރައްވައި ނެރުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި، ކޮންމެ ސަރުކާރަކުން ވެސް، ދައުލަތުގެ ކުންފުނިތައް ބޭނުން ކުރަނީ ނާޖާއިޒު ފައިދާ ހޯދުމަށެވެ. އެކަމަކު، އޭނާގެ ވެރިކަމެއްގައި އެކަން ހުއްޓުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ކަންކަމުގައި އެއްގަލަކަށް ނޭރި އުޅޭއިރު، އިދިކޮޅު ކޯލިޝަނާ ވަކިން އަމިއްލަ ގޮތުން މަސައްކަތް ކުރައްވާ އުމަރު ފަހަކަށް އައިސް ގެންދަވަނީ، އޭނާގެ ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތައް ވީޑިއޯ މެސެޖުގެ ޒަރީއާ އިން އާންމު ކުރައްވަމުންނެވެ.