08 ޖޫން 2018 - 09:44

ހަނދު ވަށައި މުގޯލިއަޅަން މި އަހަރު ބަޔަކު ނުފޮނުވާނެ ކަމަށް ވޯލް ސްޓްރީން ޖާނަލް އިން ބުނެފި އެވެ. އީލޮން މަސްކް އާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކުރާ ގޮތުގައި، އެ މަސައްކަތް މިހާރު ވަނީ ފަސްކުރެވިފަ އެވެ.
ފަތުރުވެރިން ހަނދަށް ފޮނުވުމަކީ އީލޮން މަސްކް ވަރަށް ކުރާ ހިތުން އުޅޭ ކަމެކެވެ. ޖައްވުގައި ހޮޓާއަޅައި، ހަނދުގައި ކޮފީ ކްލަބްތައް ހުޅުވުމަށްޓަކައި އޭނާ ވަނީ "ސްޕޭސް އެކްސްޕްލޮރޭޝަން ޓެކްނޮލޮޖީޒް" ނުވަތަ ސްޕޭސްއެކްސްގެ ނަމުގައި ކުންފުންޏެއް ވެސް އުފައްދާފަ އެވެ. ކުންފުނިން ކުރާ މައިގަނޑު މަސައްކަތަކީ މުދަލާއި މީހުން ޖައްވަށް އުފުލުމަށްޓަކައި އުޅަނދުފަހަރު ބަނުމެވެ.
ހަނދު ބަލައިލަން ދެ މީހަކު ގޮވައިގެން ސްޕޭސްއެކްސް ފުރަން ތައްޔާރުވާ ވާހަކަ އެންމެ ފުރަތަމަ އިއުލާންކުރީ ފާއިތުވި އަހަރު ފެބްރުއަރީގަ އެވެ. އެ ކުންފުނިން އެއިރު ބުނި ގޮތުގައި އެ ދެމީހަކު ވަނީ ބިޔަ އަދަދެއް އިންވެސްޓްކޮށްފަ އެވެ.
ސްޕޭސްއެކްސްގެ ރޭވުމަށް އައި ބަދަލުތައް އިންޓަނެޓްގައި ރިޕޯޓްކުރި ނަމަވެސް އެކަމުގައި ވަނީ ކޮން ސިއްރެއް ކަމެއް އަދި ނޭނގެ އެވެ. އީލޮން މަސްކް އަކީ ޓްވީޓާގައި ވެސް ކުއްލި ޚަބަރުދޭ މީހެކެވެ. އަދި މާ ބޮޑު އިޝާރާތެއް ނެތް ނަމަވެސް ވެގެން އުޅޭ ގޮތް ލަސްތަކެއް ނުވެ އެނގިދާނެ އެވެ.
ހަނދު ވަށައި ބުރުޖެހުމަށް މީހުން އުފުލަން ވިސްނާފައި ވަނީ "ޑްރޭގަން ކްރޫ" އުޅަނދުގަ އެވެ. ޑްރޭގަން ކުރޫ އުޅަނދު ބިމުން އުފުލުމަށްޓަކައި ބޭނުންކުރަން ހަމަޖައްސާފައި ވަނީ "ފެލްކަން ހެވީ" ރޮކެޓެކެވެ. ބިމުން ޖައްވަށް ދާގީނާ ފަދަ ބާވަތްތައް އުފުލުމަށް މި ވަގުތު އެންމެ ކުޅަދާނަ ރޮކެޓަކީ ވެސް މިއީ ކަމަށް ބުނެވެ އެވެ.
ޖައްވަށް ކުރާ ދަތުރުތަކުގައި ކުރި ހޯދާނެ ބަޔަކާ މެދު ބަހުސްކުރެވޭ ދުވަސްވަރެއްގައި، ބޮއިން ވަނީ އީލޮން މަސްކް އަށް ގޮންޖަހާފަ އެވެ. ބޮއިން ކުންފުނީގެ ސީއީއޯ ވިދާޅުވި ގޮތުގައި، އީލޮން މަސްކްގެ އުޅަނދެއް މާސް އަށް ދާއިރު، ބޮއިންގެ އުޅަނދެއް އެ ތަނުގައި ހުންނާނެ އެވެ.