06 ޖޫން 2018 - 14:34

ގާހިރާ (ޖޫން 6) - މިސްރުގެ ރައީސްކަމުގެ ދެ ވަނަ ދައުރުގެ ހުވާ އަބްދުލް ފައްތާހު ސީސީ ކުރެއްވުމާ އެކު ބޮޑު ވަޒީރު އިސްމާއިލް ޝަރީފް އިސްތިއުފާ ދެއްވައިފި އެވެ.
ހަތަރު އަހަރުގެ ދެ ވަނަ ދައުރުގެ ހުވާ ސީސީ ކުރެއްވީ މީގެ ތިން ދުވަސް ކުރިންނެވެ. ރައީސް ހުވާ ކުރެއްވުމާ އެކު ބޮޑު ވަޒީރު އިސްތިއުފާ ދެއްވުމަކީ މިސްރުގައި ސިޔާސީ ގޮތުން އޮންނަ އާދައެކެވެ. ބޭނުމަކީ އާ ސަރުކާރެއް އެކުލަވާލުމަށް ރައީސް އަށް ފުރުސަތު ދިނުމެވެ.
އިސްމާއިލް، 62، ގެންދަވަނީ ސެޕްޓެމްބަރު 2015 އިން ފެށިގެން ބޮޑު ވަޒީރުކަން ކުރައްވަމުންނެވެ. ބޮޑު ވަޒީރުކަމަށް ވަޑައިގަތުމުގެ ކުރިން އިސްމާއިލް އަކީ މިސްރުގެ ޕެޓްރޯލިއަމް އެންޑް މިނެރަލް ރިސޯސަސް މިނިސްޓަރެވެ.
ސީސީ އާއި އިސްމާއިލް އަކީ ގާތް ދެ ބޭފުޅުންނެވެ. ވަރަށް ގިނަ ހަފުލާތަކުގައި ސީސީ ވަނީ އިސްމާއިލް އަށް ތައުރީފް ކުރައްވައިފަ އެވެ.