06 ޖޫން 2018 - 14:30

އުމުރުން 63 އަހަރުގެ އިބްރާހިމް ފަވާޒު (އަސްލު ނަމެއް ނޫން) އަކީ މީގެ 11 އަހަރު ކުރިން، ރަނގަޅު އާމްދަނީއެއް ލިބިގެން، މާލޭގައި ފުދުންތެރިކޮށް ދިރިއުޅުނު މީހެކެވެ. އޭރު އޭނާގެ އަންހެނުންނާއި ދަރިފުޅު ދިރިއުޅެނީ އިންޑިއާގެ ކޮޗިންގަ އެވެ. އެކަމަކު އާއިލާއާ ބައްދަލުކޮށްލަން 2008 ގައި، އިންޑިއާއަށް ކުރި ދަތުރު އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި އެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް އޭނާ ދިރިއުޅެމުން ދަނީ، ބީރައްޓެހި ގައުމެއްގައި ތާށިވެ، ވަރަށް ނިކަމެތި ހާލެއްގަ އެވެ.
މިއީ އޭނާއަށް އެ ހާލަތު މެދުވެރިވި ގޮތް ކަމަށް ފަވާޒު ކިޔައިދިން ވާހަކަ އެވެ.
އާއިލާއާ ބައްދަލުކޮށްލުމަށް އޭނާ އިންޑިއާއަށް ކުރި އެ ދަތުރުގައި އުފަން އަތޮޅު، އައްޑޫގެ އެކުވެރިޔަކާ ބައްދަލުވި އެވެ. މާލޭގައި ވެސް ވިޔަފާރިކޮށް އުޅުނު އެ އެކުވެރިޔާ އޭނާގެ ކައިރިން އެދުނީ އިންޑިއާގައި ހުރި މުދާ ކޮންޓޭނަރެއް ކްލިއާ ކުރުމަށް ފައިސާގެ އެހީތެރިކަމެއް ދިނުމަށެވެ. އޭރު އޭނާގެ އަތުގައި އެ ވަރަށް ފައިސާއެއް ނެތެވެ. އެހެންވެ، މި އެކުވެރިޔާ ދެން އެދުނީ އެ ވިޔަފާރިއަށް އިންވެސްޓް ކުރުމަށް، އިންޑިއާއިން އެކަމަށް ޝައުގުވެރިވާނެ ބަޔަކު ހޯދައިދިނުމަށެވެ. ބަދަލެއްގެ ގޮތުގައި ފަވާޒަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ދޭނެ ކަމަށް އޭނާ ވައުދުވި އެވެ.
ރަހުމަތްތެރިޔާގެ މި އެދުމަށް އޭނާގެ ވިޔަފާރިއަށް އިންވެސްޓްކުރާނެ ބަޔަކު ފަވާޒު އިންޑިއާއިން ހޯދި އެވެ. އަދި އެ އެންމެން ބައްދަލުވެ، އެކަމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތައް ވެސް ކުރި އެވެ. ފަވާޒުގެ ރަހުމަތްތެރިޔާއަށް އެހީވުމަށް، ވަކި މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާގޮތަށް އިންޑިއާގެ އެ މީހުން 11 ލައްކަ ރުޕީޒް (250،000 ރުފިޔާ) ދިނެވެ.
ރަހުމަތްތެރިޔާގެ މުދާ ކޮންޓޭނަރެއް ނެތްކަމާއި އޭނާ ހެދީ ދޮގުކަން، ފަވާޒަށް ފަޅާއެރީ މުދާ ކްލިއާ ކުރުމަށް ކަމަށް ބުނެ އޭނާ ގޮވައިގެން ރަހުމަތްތެރިޔާ ނިއު ދިއްލީއަށް ދިޔުމުންނެވެ.
"ރަހުމަތްތެރިޔާ އަޅުގަނޑު ކައިރީ ބުނީ މިކޮޅުގައި [ދިއްލީގައި] މަޑުކުރާށޭ. ތިމަންނަ ޓްރިވެންޑްރަމަށް ގޮސް ފައިސާ ހަމަޖައްސާފައި އެބަ ގުޅަމޭ. އެކަމަކު ޓްރިވެންޑްރަމަށް ދިޔަ ފަހުން އޭނާގެ ހަބަރެއް ނުވޭ،" އިންޑިއާގައި ހުރެގެން ފޯނުން ފަވާޒު ކިޔައިދިނެވެ.
އޭނާ ޓްރިވެންޑްރަމްގައި ތާށިވެފައި ހުރި އިރު، ލޯނު ދިން އިންޑިއާ މީހުންގެ އަމާޒަކަށްވީ އޭރު ކޮޗިންގައި ތިބި ފަވާޒުގެ އާއިލާ އެވެ. އޭނާގެ އަންހެނުންނާއި އޭރު 14 އަހަރު ވެފައިވާ ފިރިހެން ދަރިފުޅު ހޮޓަލެއްގައި ބަންދުކޮށްގެން 15 ދުވަސް ވާންދެން ގެންގުޅުނެވެ. އަދި އަންހެނުންނާއި ދަރިފުޅުގެ ޕާސްޕޯޓު ވެސް އެ މީހުން އަތުލި އެވެ.
ރަހުމަތްތެރިޔާ ލަނޑުދިނީކަމާއި އޭނާ އެނބުރި ނާންނާނެކަން އެނގުމުން، ފަވާޒު ކޮޗިންއަށް ގޮސް، އާއިލާ ސަލާމަތްކުރަން އުޅުނެވެ. އެކަމަކު އެ މައްސަލަ ކޯޓަށާއި ފުލުހުންނަށް ހުށަހެޅުމުން އެތަނުން، ފަވާޒުގެ ޕާސްޕޯޓު އަތުލައި، ފައިސާ ދެއްކުމުން ނޫނީ ނުފުރޭނެ ކަމަށް އެންގި އެވެ.
އެ މައްސަލައިގައި އެ ދެމަފިރިން ވެސް ފުލުހުން ހައްޔަރުކުރި އެވެ.
އެންމެ ފުރަތަމަ ފަވާޒުގެ އަންހެނުން އެއް ރޭ ވާންދެން ހައްޔަރުކޮށްފައި ބެހެއްޓުމުން، އޭނާ މިނިވަންކުރީ ރަހުމަތްތެރިއަކު އަތުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ފަހުން އޭނާ ހައްޔަރުކޮށް ނުވަ ދުވަސް ވާންދެން ބަހައްޓާފައި ހުރި އިރު މިނިވަންވީ، ރަށުގައި އޮތް ގޯތި މޯގޭޖްކޮށް، 50،000 ރުފިޔާ ނަގައިގެން އެ ފައިސާ ފުލުހަށް ދައްކައިގެންނެވެ.
"އެހާ ހަމައިން ވެސް އަޅުގަނޑުމެން ހަގީގަތުގައި މިނިވަނެއް ނުވޭ. ދަރިފުޅު ކްލާހުގައި ކިޔަވަން އިންނައިރު، ލޯނު ދިން އިންޑިއާ މީހުން އޭނާ ހޯދަން ސްކޫލަށް ވެސް ދޭ. ފަހުން އޭނާ ބިރުން ސްކޫލަކަށް ވެސް ނުދޭ،" ފަވާޒު ބުންޏެވެ.
ފައިސާ ދެއްކުމުން ނޫނީ އިންޑިއާއިން ނުދެވޭނެ ކަމަށް ބުނެ، ތިން މީހުންގެ ޕާސްޕޯޓު ކޯޓުން ހިފަހައްޓާފައި އޮތުމުން ފަވާޒުގެ އާއިލާ އެ ގައުމުގައި ތާށިވީ އެވެ. ދިރިއުޅެމުން އައި ގެޔަށް ކުލި ދައްކަމުން އައީ މާލޭގައި ހުރި އަންހެން ދަރިފުޅު ފޮނުވާ ފައިސާ އިންނެވެ. ދިރިއުޅުމުގެ އެހެން ހަރަދުތައް ހަމަޖައްސަމުން އައީ، ބޭސް ފަރުވާއަށް އިންޑިއާއަށް ދާ ދިވެހިންނަށް އެހީތެރިވެދީގެން ލިބޭ އެއްޗަކުންނެވެ.
"އެއް ފަހަރެއްގައި އެއްޗެއް ނެތިގެން ދެ ދުވަސް ވާންދެން ނުކައި ތިބިން. އެ ފަހަރު އެހީތެރިވެދިނީ އަންހެނުންގެ ދައްތައެއް އިންޑިއާއަށް ގޮސްގެން،" ފަވާޒު ބުންޏެވެ.
"ބައެއް ފަހަރު ގެއަށް ކުލި ވެސް ނުދެއްކޭ."
އާއިލާއަށް ދިމާވި މި ބޮޑު މައްސަލަގަނޑާ ގުޅިގެން ފިރިހެން ދަރިފުޅު ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިވުމުން ކިޔެވުން ހުއްޓި، ބައްޔަށް ބޭސް ކުރަން ޖެހުނު ކަމަށް ވެސް ފަވާޒު ބުންޏެވެ.
މިވީ 11 އަހަރުގެ ތެރޭގައި ފަވާޒު ވަނީ އޭނާގެ ހާލަތު ސަރުކާރުގެ ވެރިންނަށާއި ގިނަ ވިޔަފާރިވެރިންނަށް ބަޔާންކޮށްދީފަ އެވެ. ދަރަނީގެ ގޮތުގައި ނަގާފައިވާ ފައިސާ ދައްކައިދީ، އެ މީހުންނަށް އެނބުރި ރާއްޖެ ދެވޭނެ ގޮތް ހަދައިދޭން ވެސް އެދުނެވެ. އެކަމަކު މިހާރު ސަރުކާރުން ވަނީ ޒަކާތު ފަންޑުން އެމީހުންނަށް 275،000 ރުފިޔާ ހަމަޖައްސައިދީފަ އެވެ.
މިހާރު ފަވާޒުގެ އާއިލާ އިންތިޒާރު ކުރަނީ ސަރުކާރުން އެ ފައިސާ އެ މީހުންނަށް ފޮނުވާނެ އިރަކަށެވެ. އޭނާ ލަފާކުރާ ގޮތުން އެކަމަށް އަދި މަހެއްހާ ދުވަސް ވާނެ އެވެ.
"މިއޮތް ހުރިހާ ދުވަހަކު އަޅުގަނޑުމެން މިތިބީ ކޮއްޓެއްގައި ބަންދުވެފައި. އެކަމަކު މިނިވަންވެގެން، 11 އަހަރަށް ފަހު އާއިލާއާ ބައްދަލު ކުރެވޭތީ އުފަލުން ރޮވިފައި މި ތިބީ،" ފަވާޒު ބުންޏެވެ.