06 ޖޫން 2018 - 13:01

ޕެރިސް (ޖޫން 6) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ޔޫރަޕުގެ ގައުމުތަކަށް ކުރައްވާ ދަތުރުގައި ފްރާންސްގެ ވެރިރަށް ޕެރިހަށް ވަޑައިގަތުމުން ނަފުރަތާއި ރުޅިވެރިކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ނަތަންޔާހޫއާ ދެކޮޅަށް އަޑު އުފުލަން ނުކުތް މީހުން ވަނީ އޭނާ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ބުނެފަ އެވެ. ނަތަންޔާހޫއާ ދެކޮޅަށް ނުކުތް 19 އަހަރުގެ ޒުވާނަކު ބުނީ އޭނާ ބޭނުންވީ އެއްވެސް ހަތިޔާރެއް ނެތް ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލް ސިފައިން ދޭ އަނިޔާތައް ހަނދާންކޮށްދޭން ކަމަށެވެ.
"އެއްވެސް ރަހުމެއް ނެތި ފަލަސްތީނުގެ ޒުވާން ނަރުސް ރަޒާން އަލް ނައްޖާރު އިޒްރޭލް ސިފައިން ޝަހީދުކޮށްލާފައިވާތީ އަހަރެންނަށް ވަރަށް ފުން ހިތާމައެއް ލިބުނު،" ޑޮކްޓަރުކަން ކިޔަވައި އުމުރުން 20 އަހަރުގެ ދަރިވަރަކު ބުންޏެވެ.
ފަލަސްތީނުގެ އިހްތިޖާޖުގައި ޒަޚަމްވި މީހަކަށް ފަރުވާ ދޭން ދަނިކޮށް އިޒްރޭލް ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި 21 އަހަރުގެ ނައްޖާރުގެ ފޮޓޯތައް ހިފައިގެން ތިބި މީހުން ވަނީ އިޒްރޭލަކީ ގާތިލެއް ކަމަށް ބުނެފަ އެވެ.
ފްރާންސްގެ ނޫސްވެރިންގެ ޔޫނިއަން ވެސް ވަނީ ނަތަންޔާހޫ ޕެރިހަށް ވަޑައިގަންނަވާތީ ދެކޮޅު ހެދުމުގެ ހެދުން ހޯމަ ދުވަހު ބަޔާނެއް ނެރެފަ އެވެ.
ފަލަސްތީނާ މެދު އިޒްރޭލުން ކަންތައް ކުރާ ގޮތާ މެދު ފްރާންސް މީހުން ހިތްހަމަ ނުޖެހޭކަން މިދިޔަ މަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ވެސް ވަނީ ދައްކައިފަ އެވެ. އެ ވޯޓުގެ 57 ޕަސެންޓް މީހުން ވަނީ އިޒްރޭލާ މެދު ދެކޭ ގޮތް ގޯސް ކަމަށް ނުވަތަ ވަރަށް ގޯސް ކަމަށް ބުނެފަ އެވެ.