އެމްޑީޕީގެ ޕްރައިމަރީގައި އިސްކޮށް އުޅުނު ކައުންސިލަރުންގެ މައްސަލަ ބަލަނީ
އެމްޑީޕީގެ ޕްރައިމަރީގައި އިސްކޮށް އުޅުނު ކައުންސިލަރުންގެ މައްސަލަ ބަލަނީ

އިދިިކޮޅު އެމްޑީގެ ޕްރައިމަރީގައި އިސްކޮށް އުޅުނު ކައުންސިލަރުންގެ މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ، އެއީ ގާނޫނާޚިލާފު އަމަލެއް ކަމަށް ބުނެ އެކަން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން އެދިގެން ސިވިލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.

އެ އަމުރާ ޚިލާފަށް، ޕްރައިމަރީގެ ވޯޓު ނެގުމުގައި ކައުންސިލަރުން ބައިވެރިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެލްޖީއޭ އިން ވަނީ ބައެއް ކައުންސިލަރުންނަށް ސިޓީ ފޮނުވައިފަ އެވެ.

އެލްޖީއޭ އިން ގއ. ދެއްވަދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ޕްރައިމަރީ ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމުގައި ދެއްވަދޫ ކައުންސިލްގެ އެހީތެރިކަމަށް އެދިފައި ވަނިކޮށް، ޕްރައިމަރީ ބޭއްވީ އެ ކައުންސިލްގެ ރައީސް އަހްމަދު ނަޖްމީ އާއި ނައިބު ރައީސް އިބްރާހިމް ތައުފީގް އިސްކޮށް ތިއްބަވައިގެން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހިނގައިދިޔަ ގޮތުގެ ލިޔެކިޔުން ފޮނުވައިދިނުމަށް އެލްޖީއޭ އިން ވަނީ އެދިފަ އެވެ.

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން، އެމްޑީޕީގެ ރިއާސީ ޕްރައިމަރީ ބޭއްވި މައްސަލައިގައި އެ ޕާޓީއާ ދޭތެރޭ ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވެސް އޮތީ ނިންމައިފަ އެވެ. ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު އުނިވެފައިވާ ކަމަށާއި އެހެންވެ އެމަނިކުފާނަށް ފުރުސަތު ދިނުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.