ސަލްމާންގެ "ބާރަތު" އާއި "ދަބަންގް 3" ގެ ޝޫޓިން އެކީގައި
ސަލްމާންގެ "ބާރަތު" އާއި "ދަބަންގް 3" ގެ ޝޫޓިން އެކީގައި

ސަލްމާން ހާންގެ "ދަބަންގް 3" މި އަހަރު ރިލީޒް ވާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އަންނަ ޑިސެމްބަރު މަހު އެ ފިލްމް ސިނަމާތަކަށް ގެންނާނެ ކަމަށާއި "ބާރަތު" އާއި "ދަބަންގް 3" ގެ ޝޫޓް ކުރާނީ އެކީގައި ކަމަށް ސަލްމާން ބުނެފި އެވެ.

"ދަ-ބަންގް ޓުއާ ރިލޯޑެޑް" ގެ ތެރެއިން އެމެރިކާގައި ޝޯތަކެއް ދޭން ފުރަން ސަލްމާން ތައްޔާރުވަމުން އަންނަ އިރު، ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލްމާން ވަނީ ދެ ފިލްމްގެ ޝޫޓިން އެކުއެކީގައި ކުރިއަށް ގެންދާނެކަން ކަށަވަރުކޮށް ދީފަ އެވެ.

"ޓުއާ ނިންމާފައި އައިސް ދެ ފިލްމްގެ ޝޫޓިން ފަށާނަން. އަހަންނަކަށް އަލެއް ނޫން އެއް ފަހަރާ ދެ ފިލްމެއްގެ މަސައްކަތް ކުރާކަށް. މީގެ ކުރިން ވެސް ހުންނާނެ އެގޮތަށް މަސައްކަތްކޮށްފައި،" މި މަހުގެ 15 ގައި ރިލީޒްކުރާ "ރޭސް 3" ގެ އެކްޓަރު ބުންޏެވެ.

ދެހާސް ފަނަރައިގައި ރިލީޒް ކުރި ކަބީރް ހާންގެ "ބަޖިރަންގީ ބައިޖާން" އާއި ސޫރަޖް ބަރްޖަތިއާގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ ވެސް ސަލްމާން އެއް ފަހަރާ މަސައްކަތް ކުރި ދެ ފިލްމެވެ.

ސަލްމާން ބުނި ގޮތުގައި ޑިސެމްބަރު މަހު "ދަބަންގް 3" ސިނަމާތަކަށް ގެނެސް ދޭނެ ކަމުގެ ޔަގީންކަން ދެ އެވެ. އަދި އެހާތަނަށް ފިލްމް ނުނިމިގެން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ބުންޏެވެ.

މި ފިލްމަކީ އޭނާ ޗުލްބުލް ޕާންޑޭ ކިޔާ ވަރަށް ސަކަ މިޒާޖެއްގެ ފުލުހެއްގެ ރޯލް ކުޅޭ "ދަބަންގް" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. މި ފިލްމް ޑައިރެކްޓް ކުރާނީ ސަލްމާންގެ "ވޯންޓެޑް" ޑައިރެކްޓް ކުރި ޕްރަބޫދޭވާ އެވެ. މިއީ ސަލްމާންގެ ކޮއްކޮ އަރްބާޒް ހާން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

"ދަބަންގް" 2010 ގައި ރިލީޒް ކުރި އިރު، "ދަބަންގް 2" ސިނަމާތަކަށް އައީ 2012 ގަ އެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ބާރަތު" އަކީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކޮށް، އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމެކެވެ. އޭގެ ކާސްޓުންގެ ތެރޭގައި ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ، ޑިޝާ ޕަޓްނީ އަދި ތައްބޫ ހިމެނެ އެވެ.

ސަލްމާންގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި ސާޖިދު ނަދިއަދްވާލާގެ "ކިކް 2" އާއި "ރޭސް 3" ގެ ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ފިލްމެއް ވެސް ހިމެނެ އެވެ.