ހައެންޒްގެ "ސެލަޑް ކްރީމް"ގެ ނަން "ސޭންޑްވިޗް ކްރީމް" އަށް ބަދަލުކުރަނީ
ހައެންޒްގެ "ސެލަޑް ކްރީމް"ގެ ނަން "ސޭންޑްވިޗް ކްރީމް" އަށް ބަދަލުކުރަނީ

ސެލަޑް ހަދަން އާންމުކޮށް ބޭނުންކުރާ މަޝްހޫރު ހައެންޒް ބްރޭންޑްގެ ރެޑީ މޭޑް ޑްރެސިން، ސެލަޑް ކްރީމްގެ ނަން ސޭންޑްވިޗް ކްރީމަށް ބަދަލު ކުރަން ނިންމައިފި އެވެ.

ހައިންޒުން ބުނީ 104 އަހަރުގެ ދިގު ތާރީހެއް އޮތް އުފެއްދުމުގެ ނަން ބަދަލު ކުރަން ނިންމީ ސެލަޑް ކްރީމް މިހާރު ބޭނުންކުރާ ގޮތް ތަފާތުވެފައިވާކަން އެ މީހުންގެ ދިރާސާތަކުން ވެސް ދައްކާފައިވާތީ ކަމަށެވެ.

އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ތަރުކާރީން ސެލަޑް ހަދަން ކްރީމް ސެލަޑް ބޭނުން ކުރުމުގެ ބަދަލުގައި ގިނަ ބަޔަކު މިހާރު އެ އުފެއްދުން ޓޫނާ، ހެމް ނުވަތަ ޗީޒް ފަދަ ބާވަތްތަކާ އެކު ސޭންޑްވިޗްތަކުގައި ބޭނުންކުރާ ކަމަށް ބުންޏެވެ. ރިޕޯޓްތައް ބުނާ ގޮތުން ސެލަޑްތަކުގައި މިހާރު ހައެންޒް ސެލަޑް ކްރީމް ބޭނުން ކުރަނީ އެންމެ 14 ޕަސަންޓް މީހުންނެވެ.

އެހެންވެ ކަސްޓަމަރުން އެނބުރޭ ގޮތަށް އުފެއްދުމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބުންޏެވެ.

ހައެންޒުން ބުނި ގޮތުގައި ކްރީމުން ސެލަޑުން، ސެންޑްވިޗް ކްރީމަށް ނަން ބަދަލު ކުރުމުގެ އިތުރަށް، އެ ކްރީމްގެ ފުޅީގެ ބައްޓަމަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. މިކަން ކުރަނީ އިނގިރޭސިވިލާތުގެ ޑިޒައިން އެޖެންސީ ޖޯންސް ނޯވެލްސް ރިޗީއާ ގުޅިގެންނެވެ.

ހައެންޒްގެ ތަރުޖަމާނު ދަ ގްރޮސާ އަށް ބުނި ގޮތުގައި ކުންފުނިން އަބަދުވެސް ކުރިއަށް ދާނީ ކަސްޓަމަރުން ބޭނުންވާ ގޮތަށެވެ. އެގޮތުން އެންމެ ބޮޑު މަގުސަދަކީ އަބަދު ވެސް ކަސްޓަމަރުން ބޭނުންވާ ރަހަތަކާ އެކު ކުރިއަށް ދިއުން ކަމަށް ބުންޏެވެ. އަދި ސެލަޑް ކްރީމަކީ ކޯއްޗެއްކަން ނޭނގޭ ޖީލުގެ މީހުންނަށް، ސޭންޑްވިޗް ކްރީމަކީ އާ ފެށުމަކަށް ވާނެ ކަމަށް ބުންޏެވެ.

ހައެންޒް ސެލަޑް ކްރީމްގެ ނަން ސޭންޑްވިޗް ކްރީމަށް ބަދަލުކުރަން ނިންމުމުން ބައެއް މީހުން ވަނީ އެކަމާ އެހާ ހިތްހަމަނުޖެހޭ ކަމަށް ވެސް ބުނެފަ އެވެ. އަދި ނަން ބަދަލުކޮށްގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާ ބައްޓަމުގެ ފުޅިއާ އެކު "ހައެންޒް ސޭންޑްވިޗް ކްރީމް" ބާޒާރަށް ނެރޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.