މުދަލު ޒަކާތުގެ ނިސާބު ބަދަލުވެއްޖެ
މުދަލު ޒަކާތުގެ ނިސާބު ބަދަލުވެއްޖެ

މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު 4861.15ރ. އަށް ބަދަލުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މި މަހުގެ 3 ވަނަ ދުވަހާ ހަމައަށް މުދަލު ޒަކާތުގެ ނިސާބަކީ 5033.70ރ. ގަ އެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބަކީ 4944.40ރ. އެވެ.

ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު މުޅި ރާއްޖެ އިން 16،269 މީހުން ރަޖިސްޓްރީކުރި އެވެ. އަދި އެ މީހުންނަށް މުދަލު ޒަކާތުން 14.6 މިލިއަން ރުފިޔާ ބަހާފައި ވެ އެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓުގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.

ޖޫން 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާ އިންނެވެ. އަދި އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭ ގޮތް ހަމަޖައްސާފައި ވެ އެވެ.