ދިވެހި ޕްރިމިއާ ލީގަށް އީގަލްސް ވަރުގަދަކުރަނީ
ދިވެހި ޕްރިމިއާ ލީގަށް އީގަލްސް ވަރުގަދަކުރަނީ

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ފުރުސަތު އީގަލްސް އަށް ގެއްލުނީ ފަހު މެޗުން ގްރީން ސްޓްރީޓްސް އަތުން ބަލިވުމުންނެވެ. މި ފަހަރުގެ މާލޭ ލީގުގައި ބާކީ ތިން މެޗު ނުކުޅެ އޮއްވައި އީގަލްސް އަށް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެއާ އެކު އީގަލްސް އިން ވަނީ ދިވެހި ޕްރިމިއާ ލީގަށް ޓީމު ވަރުގަދަ ކުރަން ނިންމައިފަ އެވެ.

ވިކްޓަރީ އަތުން 2-1 އިން މޮޅުވި މެޗަށް ފަހު އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނީ މިއީ އީގަލްސް އިން މި ފަހަރު އެންމެ ދަށް ހާލަތެއްގައި އޮއްވައި ކުޅުނު މެޗު ކަމަށާއި މޮޅުވުމުން ކުޅުންތެރިންނަށް ޝުކުރު ހައްގުވާ ކަމަށެވެ.

"އެކި ސަބަބުތަކާ ހުރެ ތަޖުރިބާކާރު ރަނގަޅު ކުޅުންތެރިން ޓީމުގެ ޕްރެކްޓިހުގައި ބައިވެރިނުވެދަނީ. އެހެން އެކަން އޮތަސް މާލޭ ލީގުން ބޭނުންވާ ޓާގެޓް ހާސިލްވެފައި އޮތީ. ދެން އަޅުގަނޑުމެން މިހާރު މަސައްކަތް މި ކުރަނީ ދިވެހި (ޕްރިމިއާ) ލީގަށް ޓީމު ވަރުގަދަ ކުރަން. ރަނގަޅު ކުޅުންތެރިން ބޭރުން ގެންނަން،" ނިމާ ބުންޏެވެ.

އީގަލްސް އިން ވަނީ ފެންވަރު ދަށްވުމުގެ ސަބަބުން އެ ޓީމަށް ގެނައި މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު ދޫކޮށްލައިފަ އެވެ. އީގަލްސް އިން މި ފަހަރު ގެނައި ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި މިހާތަނަށް އޭނާ ވަނީ 16 ގޯލު ޖަހައިފަ އެވެ.

މި ސީޒަނުގައި އީގަލްސްއާ މޯހަން ހަވާލުވި ފަހުން އެންމެ ގިނައިން ފުރުސަތު ލިބޭ އެއް ކުޅުންތެރިއަކީ ހަސަން ރާއިފް (ހަންނަ) އެވެ. "މިހާރު އެވޯޑްސް" ގެ މާލޭ ލީގުގެ ފުރަތަަމަ ބުރުގެ އެންމެ މޮޅު ޒުވާން ފަސް ކުޅުންތެރިންގެ ތެރޭގައި ހަންނަ ހިމެނެ އެވެ.

ވިކްޓަރީ ކޮޅަށް އީގަލްސްގެ ފުރަތަމަ ލަނޑު ޖެހީ އުމުރުން 20 އަހަރުގެ ހަންނަ އެެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ތިން ވަނަ ގޯލެވެ. އެ މެޗުގައި އީގަލްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނެތްއިރު، އިބްރާހިމް މުބީން (މުއްކި) ވެސް ކުޅެން އެރީ ފަހުންނެވެ.

"ބަކާ ވެސް ނެތި ފުރަތަމަ މުއްކި ވެސް ނެތި ކުޅުނީ. އެ ދެ ކުޅުންތެރިން ނުލައި މި ވަރުގެ ނަތީޖާ އެއް ނެރެވުނީމަ ހިތްހަމަ ޖެހޭ. ކުރިއަށް އޮތް ދެ މެޗު ވެސް ނަގަން އިރާދަކުރެއްވިއްޔާ ނުކުންނާނީ،" ހަންނަ ބުންނެވެ.

މިދިޔަ ސީޒަނުގެ ގިނަ މެޗުތަކުގައި ހަންނަ ފެނުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މި ސީޒަނުގައި މިހާތަނަށް އޭނާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އިތުރަށް ރަނގަޅު ކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.

ލީގުގެ ތިން ވަނައިގައި އޮތް އީގަލްސް ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހުރޭ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.