06 ޖޫން 2018 - 10:07

ޒިއުރިކް، ސްވިޒަލެންޑް (ޖޫން 6) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު ދެ ވަނަ ލެގަށް ފަހު ރެފްރީ މައިކަލް އޮލިވާ އަށް ފާޑުކިޔުމާ ގުޅިގެން ޔުވެންޓަސްގެ ކީޕަރު ޖިއަންލުއިޖީ ބުފޮން ޗެމްޕިއަންސް ލީގުގެ ތިން މެޗަށް ސަސްޕެންޑްކުރަން ޔުއެފާ އިން ނިންމައިފި އެވެ.
އަދި ޔުއެފާ އިން ވަނީ އެ ފަަދަ ކަމެއް ތަކުރާރުކޮށްފިނަމަ އޭނާ އަށް ދެން އަންނާނީ ބޮޑު ސަސްޕެންޝަނެއް ކަމަށް ބުނެ އިންޒާރުދީފަ އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން 3-0 އިން ރެއާލް މެޑްރިޑް މޮޅުވެފައި އޮއްވާ ޔުވެންޓަސް އިން ދެ ވަނަ ލެގުގައި ތިން ލަނޑު ޖަހައި 3-3 އިން އެގްރިގޭޓުން އެއްވަރުކުރި އެވެ. ނަތީޖާ ނެރެން އިތުރު ވަގުތަށް ގޮސްގޮސް އޮއްވާ ރެއާލް މެޑްރިޑަށް ކުރި ލިބުނީ އޮލިވާ ދިން ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކުރުމުންނެވެ. މެޑްރިޑުގެ ލޫކަސް ވަސްކުއޭޒަށް ގޯލްކުރިމަތިން ޔުވެންޓަސްގެ މެހްދީ ބެނާޝިއާ ފައުލްކުރުމުން އޮލިވާ ދިން ޕެނަލްޓީއާ މެދު ބުފޮން ހިތްހަމަނުޖެހުން ފާޅުކުރި ވަގުތު އޭނާ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.
އެ މެޗަށް ފަހު ބުފޮން ބުނީ އޮލިވާގެ ހިތެއް ނެތް ކަމަށާއި ހިތެއްގެ ބަދަލުގައި އޮތީ ކުނި ކޮތަޅެއް ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ބުފޮން އަށް އަމާޒުވެފައިވަނިކޮށް އޭނާ ވަނީ ރެފްރީ އޮލިވާއާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކާ މެދު ހިތާމަނުކުރާ ކަމަށާއި އަދި އެއް ފަހަރު އެ ހުރިހާ ވާހަކަތަށް ދައްކަން ޖެހިއްޖެނަމަ ފަސްޖެހުމެއް ނެތި އެކަން ތަކުރާރުކުރާނެ ކަމަށް ބުނެފަ އެވެ.
އުމުރުން 40 އަހަރުގެ ބުފޮން ވަނީ 17 އަހަރަށް ފަހު މިދިޔަ ސީޒަން ނިމުމުން ޔުވެންޓަސް ދޫކޮށްލައިފަ އެވެ. އަންނަ ސީޒަނުގައި ބުފޮން ފެނުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ފްރާންސްގެ ޕީއެސްޖީން ކަމަށް ރިޕޯޓްތައް ބުނެ އެވެ.