07 ޖޫން 2018 - 08:12

ޒުވާން މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ "ކިއުޕިޑް" ގެ ނަމުގައި އެނިމޭޓެޑް ފިލްމެއް ހަދަން ނިންމައިފި އެވެ.
ޓެލެންޓް މެނޭޖަރު/ޕްރޮޑިއުސަރު ސްކޫޓާ ބްރައުންއާ ގުޅިގެން ހަދާ ފިލްމްގެ މައި ކެރެކްޓާ ކިއުޕިޑްގެ ސްކެޗެއް ވެސް ސޯޝަލް މީޑިއާގައި ބީބާ ވަނީ ހިއްސާކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ އެކްޒެކެޓިވް ޕްރޮޑިއުސަރުގެ ޒިންމާ ނެގުމުގެ އިތުރަށް "ކިއުޕިޑް" ގެ ކެރެކްޓާ އަށް ބީބާ އަޑު ވެސް އަޅައި ދޭނެ އެވެ.
އަންގާރަ ދުވަހު ރަސްމީކޮށް ފިލްމް އިއުލާން ކުރަމުން މައިތޯޒް ސްޓޫޑިއޯގެ އެއް ފައުންޑާ މެމްބަރު އަދި ޕްރޮޑިއުސަރު ސްކޫޓާ އާއި ޕްރޮޑިއުސަރު ޑޭވިޑް މެއިޒެލް ބުނީ "ކިއުޕިޑް" ގެ ގެ ވާހަކަ ބީބާއާ ހިއްސާ ކުރުމާ އެކު، އެ ފިލްމް ހަދަން އޭނާ ވަގުތުން އެއްބަސްވި ކަމަށެވެ.
އެހެންވެ މިއީ ޕްރޮޖެކްޓަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުންޏެވެ.
"އަހަރެމެންގެ އަމާޒަކީ ކިއުޕިޑްގެ ވާހަކަ ވަރަށް ވެސް ފުރިހަމަކޮށް އަދި ވަރަށް ވެސް ޖާދުވީކޮށް ބެލުންތެރިންނަށް ހަމައަށް ގެނެސް ދިނުން،" ދަ އެންގްރީ ބާޑް މޫވީސްގެ އެކްޒެކެޓިވް ޕްރޮޑިއުސަރު ޑޭވިޑް ބުންޏެވެ.
"ކިއުޕިޑް" އިއުލާން ކުރި ނަމަވެސް ފިލްމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.