06 ޖޫން 2018 - 08:10

މި މަހުގެ 16 ވަނަ ދުވަހު ފަށާ 21 ވަނަ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އެސްއައިއެފްއެފް) ގައި ރާނީ މުކްރަޖީގެ އެންމެ ފަހުގެ ފިލްމް "ހިޗްކީ" ޕްރިމިއާ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ސިދާތު ޕީ މަލްއުތުރާ ޑައިރެކްޓްކޮށް، މިދިޔަ މާޗް މަހުގެ 23 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާރިިއެއް ވެސްކޮށް، ކްރިޓިކުންގެ ލޯބި ވެސް ލިބުނު ފިލްމް އެސްއައިއެފްއެފްގައި ދައްކާ ގޮތަށް ނިންމީ ފެސްޓިވަލްގައި ކުރިއަށް ގެންދާ "ދަ ބެލްޓް އެންޑް ރޯޑް ވީކް" ގެ ދަށުންނެވެ.
"ހިޗްކީ" އެ ފެސްޓިވަލްގައި ދައްކަން ހަމަޖެހުމާ ގުޅިގެން ސިދާތު ބުނީ މިއީ ބޮޑު ފަހުރެއް ކަމަށެވެ. އަދި ފެސްޓިވަލްގައި ފިލްމް ޕްރެޒެންޓްކޮށް ދޭން ލިބުމަކީ "ހިޗްކީ" ގެ މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.
"މި ފިލްމް ފެސްޓިވަލް ހުޅުވާ ދުވަހު ދައްކާ ގޮތަށް ފުރުސަތު ދިނީމަ ފެސްޓިވަލް އިންތިޒާމު ކުރާ ފަރާތަށް އަހަރެމެން ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން،" 2010 ގައި ރިލީޒް ކުރި "ވީ އާ ފެމިލީ" ވެސް ޑައިރެކްޓް ކުރި ސިދާތު ބުންޏެވެ. "އަހަރެން ގަބޫލު ކުރަނީ މީގެ ސަބަބުން ވަރަށް ބޮޑު އޯޑިއަންސަކަށް ފިލްމް ދައްކައިލެވޭނެ ކަމަށް."
ކުޑަ ބަޖެޓަކުން ހަދާފައިވާ "ހިޗްކީ" އަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމް ކުންފުނި ޔާޝް ރާޖް ފިލްމްސް (ވައިިއާރްއެފް) އިން ގެނެސް ދިން ފިލްމެކެވެ. މީގައި ކިޔައި ދެނީ އުކުޑި ކޮއްޓުމުގެ މައްސަލަ ހުންނަ އަންހެން ޓީޗަރަކަޑް ދިމާވާ ހާދިސާތަކެކެވެ.
އެންމެ 20 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ހިޗްކީ" އަށް ބޮކްސް އޮފީހުގައި 76.54 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.
މި ފިލްމް އެސްއައިއެފްއެފްގައި ދައްކަން ހަމަޖެހިފައިވާ އިރު، ފެސްޓިވަލްގައި މި ފަހަރު ރަސްމީކޮށް އިންޑިއާ އިން ވާދަ ކުރާ ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އެވެ.
މި އަހަރު ބާއްވާ 21 ވަނަ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އެސްއައިއެފްއެފް) ކުރިއަށް ދާނީ މި މަހުގެ 25 އާ ހަމައަށެވެ. މި ފެސްޓިވަލްގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވާދަ ކުރާނެ އެވެ.