ނުޝްރަތު ބަރޫޗާ އެކްޓިން ކިޔަވަން އެމެރިކާ އަށް
ނުޝްރަތު ބަރޫޗާ އެކްޓިން ކިޔަވަން އެމެރިކާ އަށް

މި އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން 100 ކްރޯޑް ކުލަބުން ޖާގަ ހޯދައި އެތައް ބަޔަކު ސިއްސުވައިލި ފިލްމް "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ބަތަލާ ނުޝްރަތު ބަރޫޗާ އެކްޓިން ކޯހަކަށް އެމެރިކާ އަށް ދާން ތައްޔާރުވެއްޖެ އެވެ.

ދެހާސް ދެވަނަ އަހަރުން ފެށިގެން އެކްޓިންގެ ތެރޭގައި އުޅެމުން އަންނަ ނުޝްރަތު މިހާތަނަށް ކުޅުނު ފިލްމްތަކަށް ބަލާ އިރު، އެހާ ބޮޑަށް ފާހަގަކޮށްލެވޭ ފިލްމްތަކެއް ނެތެވެ. އެކަމަކު "ޕިޔާރް ކާ ޕަންޗްނާމާ" ފްރެންޗައިޒާއި އާއި "އާކާޝް ވާނީ" ފަދަ ފިލްމްތަކަކީ އާންމުންގެ މެދުގައި މަގުބޫލުވި ފިލްމްތަކެވެ.

ނުޝްރަތު، 33، ބުނި ގޮތުގައި އޭނާ މިހާރު ވަނީ ނިއު ޔޯކް ފިލްމް އެކެޑެމީގެ އެކްޓިން ޑިޕްލޮމާ ކޯހަކަށް އެޕްލައިކޮށްފަ އެވެ.

"ބޮލީވުޑްގައި އެބަތިބި އެތަނުން އެކްޓިން ކިޔެވި ވަރަށް ގިނަ ތަރިން. ވަރަށް ގިނަ މީހުން އަހަރެން ވެސް އެތަނުން ކޯހެއް ހަދާލަން އެދޭތީ އެޕްލައި ކުރީ،" އޭނާ ބުންޏެވެ. "އަހަރެންގެ ބައެއް ގާތް ރައްޓެހިން ވެސް ނިއު ޔޯކް ފިލްމް އެކެޑެމީގައި ތިއޭޓަ އެކްޓިން ކޯސްތަކެއް ހަދާފައި އެބަތިބި. އެހެންވެ އެ އެންމެންގެ ލަފާގެ މަތިން ކޯހަކަށް ދާން ނިންމީ."

ނުޝްރަތު ބުނި ގޮތުގައި ކޯހަށް އޭނާ މި މަހުގެ ފަހުކޮޅު އެމެރިކާ އަށް ފުރާނެ އެވެ. "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އޭނާ އަދި އެއްވެސް ފިލްމަކަށް ސޮއެއް ނުކުރެ އެވެ.

ބަތަލާ ކަންގަނާ ރަނާވަތު ވެސް ވަނީ ނިއު ޔޯކް ފިލްމް އެކެޑެމީން 2015 ގައި ސްކްރިޕްޓް ރައިޓިން ކޯހެއް ހަދައިފަ އެވެ. އަދި ވަރަށް އަވަހަށް ފިލްމެއް ޑައިރެކްޓް ކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.