05 ޖޫން 2018 - 20:16

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް، ޕްރީ ސްކޫލު ޓީޗަރުންނާއި ކޮލެޖް/ ޔުނިވަސިޓީތަކުގެ ލެކްޗަރާއިންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފި އެވެ.
ހައުސިން މިނިސްޓްރީން ކުރިން އިއުލާންކޮށްފައިވާ ގޮތުން މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ޕްރައިމަރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ތައުލީމުދޭ ސްކޫލުތަކުގެ ތެރެއިން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ފުލް ޓައިމް ޓީޗަރެއްގެ ވަޒީފާ އަދާކުރާ މީހުންނަށެވެ.
އެކަމަކު މި ޝަރުތަށް އިސްލާހު ގެނެސް، އެކަން މިރޭ ވަނީ ގެޒެޓްގައި އިއުލާންކޮށްފަ އެވެ.
އެގޮތުން އެ އިއުލާނުގައިވާ ގޮތުން މި ކެޓަގަރީއަށް، ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ތައުލީމުދޭ ސްކޫލުތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ފަދަ މުއައްސަސާތަކުގެ ތެރެއިން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ފުލް ޓައިމް ޓީޗަރެއްގެ ވަޒީފާ އަދާކުރާ މީހުންނަށް ކުރިމަތިލެވޭނެ އެވެ.
ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތައް 17 ކެޓަގަރީ އަކަށް ބަހާލައި، ކުރިމަތިލާން މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި މި 7،000 ފްލެޓަށް އެދި މިހާތަނަށް ގާތްގަނޑަކަށް 50،000 ފޯމު ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފްލެޓަށް އެދި ކުރިމަތިލާ ފޯމު އަންނަ މަހުގެ ނިޔަލަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ފްލެޓަށް ފޯމު ހުށަހަޅަން އެދޭ ނަމްބަރު ނަގަން ޖެހެނީ ކިއުބީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އަދި ދަރުބާރުގެ އިން ވެސް ނަމްބަރު ދޫކުރެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ 704 މީހުންނަށެވެ.