އަނިޔާއާ ހެދި ދަގަނޑޭ ޕީޑީއާރްއެމް ދޫކޮށްލައިފި
އަނިޔާއާ ހެދި ދަގަނޑޭ ޕީޑީއާރްއެމް ދޫކޮށްލައިފި

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އޭނާ ކުޅެމުން އަންނަ މެލޭޝިއާގެ ޕީޑީއާރްއެމްގެ ކޮންޓްރެކްޓް ބާތިލްކޮށްފި އެވެ.

ދަގަނޑޭ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި ކޮންޓްރެކްޓް އުވާލީ ދެ ފަރާތުން އެއްބަސްވެގެން ކަމަށެވެ.

"އަނިޔާއަށް ފަރުވާ ހޯދަން އެކަށީގެންވާ މުއްދަތެއް ބޭނުންވާތީ ކްލަބާ މަޝްވަރާކުރުމަށް ފަހު ދެ ފަރާތް އެއްބަސްވެގެން ނިންމީ ކޮންޓްރެކްޓް ބާތިލްކުރަން،" ދަގަނޑޭ ބުނެފައިވެ އެވެ.

މެލޭޝިއާގެ ދެ ވަނަ ޑިވިޝަނުގައި ޕީޑީއާރްއެމް އޮއްވާ 2014 ވަނަ އަހަރު އެ ޓީމާ ދަގަނޑޭ ކުޅުމަށް ފަހު އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނެވެ. އޭނާ ވަނީ އެ ސީޒަނުގައި މެލޭޝިއާ ލީގުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޕީޑީއާރްއެމްގެ ކޮންޓްރެކްޓް އުވާލިއިރު، އޭނާ އަށް 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުގައި ކޯޗުކޮށްދިން ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ވަނީ މެލޭޝިއާ ލީގުގެ ކެލަންޓަންއާ ދާދި ފަހުން ހަވާލުވެފަ އެވެ.

"އަނިޔާ އިން ސަލާމަތްވުމަށް ފަހު ކެރިއަރާ މެދު ނިންމަން ޖެހޭ ނިންމުންތައް ނިންމާނަން،" ދަގަނޑޭ ބުނެފައިވެ އެވެ.